ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މާލޭ ދެކުނު ބަނދަރު ސަރަހައްދަށް ޒިޔާރަތްކުރައްވައި އެސަރަހައްދު އިއްޔެ ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި މާލޭގެ ދެކުނު ބަނދަރަށް ވަދެނިކުމެވާ އުޅަނދު ފަހަރަށް މީހުން އަރާފައިބާ ހެދުމުގައި މިހާރަށްވުރެ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސެން އޮތްގޮތްތަކާ އެކަމަށް އޮތް ފުރުޞަތުތައް ބައްލަވާލައްވާފައިވެއެވެ.
މީގެ ބޭނުންފުޅަކީ މިހާރު އެސަރަހައްދަށް ވަދެނިކުމެވާ އުޅަނދުފަހަރަށް މީހުން އަރާފޭބުމުގައި ބޮޑުތަކުރުފާނު މަގު ބޭނުންކުރަންޖެހުމުން މަގުގެ ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމެވެ.
އެގޮތުން ބަސް ޓާމިނަލް ކައިރިން، ބަނދަރުގެ ހުޅަނގުފަރާތުން މީހުން އަރާފޭބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހުރި ފުރުޞަތުތަކަކީ ކޮބައިތޯ ނައިބުރައީސްގެ މިއަދުގެ ޒިޔާރަތުގައި ބައްލަވައިލެއްވިއެވެ.
މި ޒިޔާރަތުގައި ނައިބު ރައީސްގެ އަރިހުގައި ކަމާބެހޭ ވުޒާރާތަކުގެ އިސް ފަރާތްތަކާއި ސިޓީކައުންސިލާއި ފުލުހުންގެ ފަރާތުން ކަމާބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



