ޕެނަލްޓީ ޖަހައިގެން 4-3 އިން ޗެލްސީ ބަލިކޮށް އިނގިރޭސި ލީގު ކަޕް މެންޗެސްޓާ ސިޓީން ދިފާއުކޮށްފިއެވެ.
އެންމެ ފަހުން މިދެޓީމު ބައްދަލުކުރި މެޗުގައި ސިޓީންވަނީ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީގެ މައްޗަށް ކުރިހޯދާފައެވެ. އެނަތީޖާއަށް ވިސްނައިގެން ކުޅުނު ޗެލްސީއިން ކުޅުނީ ވަރަށް ޑިފެންސިވް ގޭމެކެވެ. ކައުންޓަރ އެޓޭކަށް ވިސްނައިގެން ކުޅުނު ޗެލްސީގެ ހަޒާޑްގެ ނުރައްކާ ސިޓީއަށް ވަރަށް ބޮޑަށް ކުރިމަތިވިއެވެ.

ފައިނަލް މެޗަކަށްވުމުން ދެޓީމުންވެސް އެޓޭކްގެ ބަދަލުގައި މަސައްކަތްކުރީ އިދިކޮޅު ޓީމަށް ލީޑު ނުދީ ހިފެހެއްޓޭތޯއެވެ. ނަތީޖާއަކަށްވެސްވީ މެޗުގެ ފުރިހަމަ ވުގުތުގައާއި އިތުރު ވަގުތުގައިވެސް ލަނޑެއްނުޖެހި ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހަންޖެހުމެވެ.

މެޗުގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ ޗެލްސީގެ ގޯލްކީޕަރު ކެޕާ ބާލަން އުޅުމުން އޭނާ އެކަމަށް ދެކޮޅު ހެދުމުންނެވެ. ކެޕާއަށް އިންޖަރީވިކަމަށް ހީކޮށް ބަދަލު ކީޕަރު ކަބަލޭރޯ އަރުވަން ކޯޗު ސާރީ އަދި އެސިސްޓެންޓް ކޯޗު ޒޯލާވެސް މަސައްކަތްކުރިއެވެ.
ނަމަވެސް ކަބަލޭރޯ ތައްޔާރުވެ އަދި އޭނާ އަރުވަން ހަތަރު ވަނަ އޮފިޝަލް ބޯޑް ވެސް ތައްޔާރުކޮށްގެން ހުއްޓާ ކެޕާ ވަނީ ފާޅުގައި އަތުގެ އިޝާރާތުން ނުފައިބާނެ ކަމަށް އަންގައިފަ އެވެ. އެއާ އެކު ކޯޗު ސާރީ ރުޅިގަނޑު ފަޅައިގެން ގޮސް ބެންޗު ދޫކޮށް ޓަނެލް ތެރެއަށް ވެސް ވަދެގެން ދިޔަ އެވެ. ނަމަވެސް ފަހުން އެނބުރި ބެންޗަށްއައެވެ.

ކަބަލޭރޯ ކުޅެން ނިކުންނަށް ތައްޔާރުވަނީ
ކެޕާއާ އެކު ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓް އައުޓުގައި ޗެލްސީގެ ފުރަތަމަ ޕެނަލްޓީ ޖޯޖީނިއޯ ޖެހުމުން ސިޓީގެ ގޯލްކީޕަރު އެޑަސަން މަތަކުރީ އެވެ. އޭގެ ފަހުން ސިޓީގެ އިލްކޭ ގުންޑޮގާން އާއި ސާޖިއޯ އަގުއޭރޯ އަދި ޗެލްސީގެ އަޒްޕިކުއެލްޓާ އާއި އެމަސަންގެ ޕެނަލްޓީތައް ކާމިޔާބުވެފައިވަނިކޮށް ސިޓީގެ ތިން ވަނަ ޕެނަލްޓީ ލެރޯއީ ސާނޭ ޖެހުމުން ކެޕާ މަތަކޮށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
އެކަމަކު ޗެލްސީގެ ހަތަރު ވަނަ ޕެނަލްޓީ ޑަވިޑް ލުއިޒް އަތުން ބޭކާރުވެ، ސިޓީގެ ހަތަރު ވަނަ ޕެނަލްޓީ ބެނާޑޯ ސިލްވާ ކާމިޔާބުކުރުމުން ސިޓީ އަށް އަނެއްކާ ވެސް ލީޑު ލިބުނީ އެވެ. އެހެންވެ ޗެލްސީގެ ފަސް ވަނަ ޕެނަލްޓީ އެޑެން ހަޒާޑް ޖެހި ނަމަވެސް ސިޓީގެ ފަސް ވަނަ ޕެނަލްޓީއާ ރަހީމް ސްޓާލިން ކާމިޔާބުކުރުމާ އެކު އެ ޓީމަށް ތަށި ޔަގީންވީ އެވެ.
މެޗަށްފަހު ކީޕަރު ކެޕާ ދިފާޢުކޮށް ސާރީ ވާހަކަ ދައްކާފައިވާއިރު، ސާރީ މުސްތަގްބަލާމެދުވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
މި ސީޒަނުގައި ހަތަރު މުބާރާތް ކާމިޔާބުކުރުމުގެ އަމާޒުގައި ހުރި ސިޓީ މި ކާމިޔާބީއާ އެކު ސިޓީން ދެން ހިފާނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރުމަށެވެ. އެއްސީޒަނެއްގައި ހަތަރު ތަށި ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމަށެވެ.



