ހިތުގެ ވެރިޔާ (2)

އަހަރެން ބޭނުމެއް ނޫން އެއްވެސް ވާހަކައެއް އަޑުއަހާކަށް. މިހާރުން މިހާރަށް ޖިއާން މިގެއިން ނުކުމެގެން ދާން އުޅޭ. އަހަރެން ބޭނުމެއްނޫން އެންމެ ވަގުތުކޮޅަކަށްވެސް ޖިއާން އަހަރެންގެ ލޯ ކުރިމަތީގައި ހުންނާކަށް. އޮފީހަށް ދާން އަހަރެން ނުކުންނަންވާއިރަށް ޖިއާން މިގޭގައި ހުރެގެން ނުވާނެ. " އިލޮށިފަތި ބިންމައްޗަށް އެއްލާލަމުން ހާމިދުގެ އަތުގައި ހިފައިން ކޮޓަރިއަށްވަންނަން ޒާހިދާ ހިނގައިގަތެވެ.

"ބޮޑައްތާ ތިހެން ނުހަދާ. އަހަރެން ކިހިނެއް . ކުއްލިއަކަށް . ކޮންތަނަކަށް. " އަޑުން އަޑުނަގާ ރޮމުން ޖިއާން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެއަޑަށް ބީރުކަންފަތެއް ދެމުން ޒާހިދާ ދިޔައީއެވެ. ޖިއާންގެ ގައިގާ އެތަށް ގުނައަކަށް ވޭން އަޅުވަމުންނެވެ.

###

އަފްޒަލް ގޮސް މާޒިންގެ ކޮޓަރިއަށް ވަދެ ޖައްސާލިއެވެ. ވެފައިވާ ވަރުބައްޔެއްގެ ސަބަބުން އިރުކޮޅަކަށް ނިދާލަންކަމަށެވެ. އެހެންނަމަވެސް މާޒިން އެގޮތެއް ބޭނުމެއް ނޫނެވެ.

"ހޭ. ނިދަނީތަ؟ ނޫން. ހިނގާ ސައިބޯން ދާން. މިއަދު ހަވީރަށް ރަށަށްދާން ޓިކެޓު ލިބިފައި އިނީ. އޭގެ ކުރިން ޖެހޭނެ އެންޖޯއި ކޮއްލަން. ރަށަށް ދިޔައިމަ މަންމަމެން ތިބޭނީ އަބަދުވެސް ވިއްދާފަ. ތަނަކަށް ދިޔަކަވެސް ނުދޭނެ. އަބަދުކާން ޖެހޭނީ ގެއިން. ހިނގާ އަވަހަށް ސައިބޯން ދަމާ." މާޒިންބޭނުންވީ ރަށަށް ދިޔުމުގެ ކުރިން މަޖާކޮއްލާށެވެ.

"މާޒިންއަށް ނޭނގެނީ ތި. އަހަރެން މިހުންނަނީ މަންމަ ކައްކާ ކާއެއްޗެހި ކާހިތުން ކެތްމަދުވެފައި. ގޭގައި އެންމެންނާއި އެއްކޮށް ސަކަރާތްޖަހާ މަޖާކޮއްލަން ވަރަށް ބޭނުންވެފައި" އަފްޒަލް ހިނިތުންވެލިއެވެ.

"އައްދޭ. ވަރަށް ހެވިފައި ދޯ. އަހަރެން ބަލާނަމޭ ތިހިނިތުންވުން ކިހާއިރެއް ވަންދެން ހުރޭތޯ. ރަށަށްދާއިރަށް އެންމެން ކިޔަން ފަށާނެ ކޮންއިރަކުންހޭ މީހަކާ އިންނަނީ. ހުއްޓާނުލާ ކުދިން ދައްކަން ފަށާނެ. އަނެއްހެން މަގޭ އެއްވެސް މައްސަލައެއް ނެތް. އައި ޑޭޓް އެވްރިވަން. އެކަމަކު ބްރޯ؟ ހަމްދަރުދީވަން." މާޒިން ހިނިގަނޑެއް ޖަހާލިއެވެ.

"ކޮންމެ މީހަކު ބުންޏަސް އަހަންނަށް ކަމުދާ ކުއްޖަކު ނުފެންނަނީސް އަހަރެންނެއް ބޭނުމެއް ނޫން ކަމެއް ފަށާކަށް. އަހަރެން ހިތަށް އަރާ މާޒިން ކިހިނެއްބާއޭ ހުރިހާ ކުދިންނާ ޑޭޓް ކުރަނީ." އަފްޒަލް ސީރިއަސް ވެލިއެވެ.

"އީޒީ ބްރޯ. އެމީހުން ބުނާ ކޮންމެ އެއްޗަކަށް އާނ ހޫނ ނުކިޔާނީ. އެހެން ހަދަންޏާ އެމީހުން ބޭނުންވާނީ އަހަރުމެން އެމީހުންގެ ބާރުގެ ދަށުގައި ތިބެން. އެކަމަކު އަހަރުމެންގެ ސައިޑް ގަދަކޮއްލައިފިއްޔާ އެއޮތީވެފައި. ދެން އެކުދިން ތިބޭނެ ސައިޒްގައި." މާޒިން ސަމާސާ ރާގެއްގައި ބުނެލިއެވެ.

"މާޒިންއަކަށް ތަފާތު ކުއްޖަކާ ދިމާ ނުވޭތަ؟ މިބުނީ މިސާލަކަށް އެކުއްޖަކު ފެނިލުމާއި އެކު ހިތުގެ ވިންދުއަވަސްވެ، ނޫނީ އެކުއްޖަކު ފެނުމުން މުޅި އުމުރު އެކުއްޖާގެ ހިތް ރައްކާތެރިކަމާއިއެކު ފޮރުވަން ބޭނުންވާ، ނޫނީ އެ ކުއްޖަކު ފެނުނީމަ އެކުއްޖާގެ ހިނިތުންވުމަށް ޖާނު ގުރުބާނޭ ބުނާވަރުގެ ކުއްޖަކާ ދިމައެއް ނުވޭތަ؟" އަފްޒަލް ބާލިހުގައި އޮޅުލައިގަންނަމުން ބުންޏެވެ.

"އަސްތާ؟ މީ ހަމަ މަގޭ ބްރޯތަ؟ ހާދަ ރޮމޭންޓިކޭ ދޯ. ތިއީ އަދި އަހަންނަށް ބްރޯގެ ނޭނގޭ ފަރާތެއް. އަހަންނަކަށް އަދި ތިބުނާ ކަހަލަ ކަމެއް ނުވޭ. ނުވެސް ވާނެ ކަންނޭނގެ. އެކަމަކު ގުޑްލަކް ބްރޯއަށް. ތި އެންޖެލްއެއް ހޯދަން. ސަބަބަކީ އަހަންނަށް ހީވަނީ ތީ ހަމައެކަނި ވާހަކަ ތަކުގަޔާ ފިލްމުތަކުގައި ވާކަންތައްހެން." މާޒިން އަފްޒަލްގެ ކޮނޑުގައި ދެތިން ފަހަރަކު ޖަހާލިއެވެ.

>>>

ގޮތްހުސްވެފައިވާ ޖިއާން ގުޅާލީ އޭނާއާއި ވަރަށް ގާތްކޮށް އުޅުނު ރަހުމަތްތެރިއަކަށެވެ. ލީނާއަށެވެ. ލީނާއަކީ ޖިއާން ގްރޭޑް ފަހެއްގައި ކިޔަވަނިކޮށް ދިމާވި ކުއްޖެކެވެ. އޭރުން ފެށިގެން ދެކުދިން އުޅެމުން އައިސްފައިވަނީ ނިކަން އެކުއެކީގައެވެ. މަދްރަސީ ހަޔާތް ނިމުމާއި އެކު ޓީޗިންގ ހަދައިގެން ލީނާ ބަދަލުވީ އޭނާގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކަށެވެ. މިހާރު ޒަވާޖީ ހަޔާތެއް ފަށައިގެން އުޅުނަސް ލީނާއަކީ ޖިއާންގެ އަދިވެސް އެންމެ ގާތް ރަހުމަތްތެރިޔާކަމަށް ޖިއާން ދެކެއެވެ.

"ޖީ ހާދަ ހެނދުނަކާ ތިގުޅާލީ؟ ކަމަކުތަ؟" ލީނާ ނިދީގައި އޮވެގެން ފޯނު ނަގާ ވާހަކަ ދައްކަން ފެށިއެވެ. ލީނާގެ ވާހަކަ ހުރިގޮތުން ވެގެންއުޅޭ އެއްވެސް ކަމެއް ލީނާއަށް ނޭނގޭކަން ޖިއާންއަށް އެނގުނެވެ. އެހެންވެ ކެތްތެރިވެލައިން ވެގެންއުޅޭ ގޮތް ކުޑަކޮށް ކިޔާދިނެވެ.

"ތިވަރުގެ ބޮޑުކަމެއް ވެގެންދިޔައިރު ޖީ ކީއްވެ އަހަރެންނަށް އަންގާނުލީ؟ ޖީ ހާސްނުވޭ. އަހަރެންނަށް ވީވަރަކުން އަހަރެން ޖީއަށް އެހީވާނަން. އަހަރެން ޖީއަށް އިތުބާރު ކުރަން." ލީނާއަށް ރޮވެންފެށިއެވެ.

"ލީން. އަހަރެން ގެއިން ނުކުންނަން ޖެހިއްޖެ. އަހަރެންދާނެ އެއްވެސް ތަނެއް ނެތް. އަހަންނަށް ގޮތެއް ފެނިލަންދެން ލީން ގާތުގައި އަހަރެންނަށް ހުރެވޭނެ ގޮތެއް ހަދާދެވިދާނެތަ؟ އެނގޭ ވަރަށް ބޮޑުކަމެއްކަން މިއީ. އެކަމަކު އެއްވެސް ގޮތެއް ނެތީމަ." ޖިއާން ރޮމުން އާދޭސް ކުރަން ފެށިއެވެ.

"ޖީ ނުރޮއިބަ. އަހަރެން މިހުރީވެސް މާލޭގައޭ. ޖީ އާދޭ އަހަރެން ކައިރިއަށް. މިއަދު ހަވީރު އަހަރުމެން ރަށަށް ފުރާނީ. ޖީއަށް ޓިކެޓެއް ނަގަން އަހަރެން ބުނާނަން ފަޒީލް ކައިރީ. މާތްﷲ އިރާދަ ކުރައްވައިފިނަމަ އަހަރެން ހުރިހާ ހިނދަކު ޖީ އެކަންޏެއް ނުވާނެ. ޖީ އެއްޗެހި ޕެކްކުރޭ. އަހަރެން ފެންވަރާލައިގެން މިދަނީ ނިޔާ ބަލާ." ލީނާ ކޮންމެފަދަ ހާލެއްގައި ނަމަވެސް ރަހުމަތްތެރިޔާއަށް އެހީވާން ބޭނުންވިއެވެ.

ފޯނު ބޭއްވުމާއި އެކު ޖިއާން މާތްކަނލާންގެއަށް ހަމްދުކުރިއެވެ. އެފަދަ ރަނގަޅު ރަހުމަތްތެރިއަކު ދެއްވިކަމަށް ޓަކައެވެ. އަވަހަށް މޫނުދޮވެލައިގެން ޖިއާން ހެދުން ބަދަލުކޮއްލާ ކަރުދާސް ފޮއްޓަކަށް ހެދުންތަށް އަޅާލިއެވެ. އެންމެ ބޭނުންތެރި ސާމާނުތަކެވެ.

ތައްޔާރުވެގެން މާގިނައިރަކު ހުންނާކަށްވެސް ނުޖެހުނެވެ. ލީނާއާއި ފަޒީލް ޓެކްސީގައި އައިސް އެގޭ ދޮރުމައްޗަށް މަޑުކޮއްލިއެވެ. ޖިއާން ހުރީ ފޮށުގަނޑު ހިފައިގެން ނުކުމެ ގޭ ދޮރުމަތީގައެވެ. ލީނާފެނުމާއި އެކު ޖިއާންއަށް ރޮވެން ފެށުނެވެ. ލީނާ ޖިއާން ގައިގާ އޯގާތެރިކަމާއި އެކުބައްދާލިއެވެ.

ރަހުމަތްތެރިކަމަކީ ގަދަފަދަ ބާރެކެވެ. ރަނގަޅު ރަހުމަތްތެރިއެއް ހުރިކަމުގައިވާނަމަ ދިރިއުޅުމުގައި ކިތަންމެ ދަތި އުނދަގޫ ދުވަސްތަކެއް އައިކަމުގައި ވީނަމަވެސް އެކަނިވެރިވާކަށް ނުޖެހެއެވެ. އެކަނި ކަރުނައަޅާކަށްވެސް ނުޖެހެއެވެ. ލީނާވީ ޖިއާންއަށް އެފަދަ ރަނގަޅު ރަހުމަތްތެރިއަކަށެވެ. ކޮންމެ ދުވަހަކު ގުޅައިގެން ގަޑި ދެޑިއިރު ހޭދަ ނުކުރިޔަސް ޖިއާންއަށް ކަމެއް ޖެހޭ ކޮންމެ ފަހަރަކު އެންމެ ގާތުގައި އަބަދުވެސް ލީނާ ހުރެއެވެ. ހަމަ އެހެންމެ ލީނާއަށް ޖެހޭ ކޮންމެ ކަމެއްގައިވެސް ޖިއާން ހުރެއެވެ.

"ޖީ. ދެން ވެނިމުނު ކަންތަކާ އެހާ ބޮޑަށް ނުވިސްނާ. އެނގޭ އެހެން ބުނާއިރުވެސް އެއީ އެހާ ފަސޭހަކަމެއް ނޫންކަން. އެކަމަކު ވެނިމުނުކަމަކާ ވިސްނައިގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ." ޓެކްސީ ދުއްވާލުމުން ލީނާ ޖިއާން އަތުގައި ހިފައިގެން އިނދެ ވާހަކަ ދެއްކިއެވެ. 

"އަހަރެން ނުވިސްނާން މަސައްކަތް ކުރިޔަސް ކިހިނެއް ނުވިސްނާ ހުންނާނީ. މީހުން އަހަންނާ ދިމާއަށް ބަލާގޮތުން، ކިޔާނެ އެއްޗެހި ހިތަށް އަރުވާލާފަވެސް އަހަރެން.. އަހަރެން.." ޖިއާންއަށް ރޮވެން ފެށުނެވެ.

"ތިބުނީ ތެދެއް. މީހުން ބަލާނެ. އެއްޗެހިވެސް ކިޔާނެ. އެކަމަކު ޖީއަށް އެނގޭނު އެއީ ޖީގެ ކުށެއް ނޫންކަން؟ މީހުން ކިޔާފާނެ އެއްޗަކަށް ބިރުން ދިރިއުޅުމެއް ނޫޅެވޭނެ. އެންމެން ހިތްހަމަޖެހޭގޮތަށް ދުނިޔެ މަތީގައި ނޭވާއެއްވެސް ދޫކޮށެއް ނުލެވޭނެ. އެހެން އެންމެން އެއްވެގެން ޖީއަށް މަލާމާތް ކުރިޔަސް އެއީ ޖީގެ ސަބަބުން ވީކަމެއް ކަމަކަށް ނުވާނެ. އެހެން ނޫނަސް އެންމެ މީހަކުވިޔަސް ޖީއަށް އިތުބާރު ކުރަންޏާ، ޖީ ދައްކާ ވާހަކަ ގަބޫލު ކުރަންޏާ، ޖީ ޖެހޭނެއެއްނު ހިތްވަރު ކުރަން. އަހަންނާ ފަޒީލް ގައިމުވެސް ޖީ ދައްކާ ވާހަކަ ގަބޫލުކުރަން. ދޯ ފަޒީލް." ލީނާ ކާރުގެ ކުރީ ސީޓުގައި އިން އޭނާގެ ފިރިމީހާއަށް ދޯދިނެވެ.

"ލީން ބުންޏަސް އެއީ ތެދެއް. މީހުން ދައްކާ ހުރިހާ ވާހަކައެއް އަޑުއަހާކަށް ނުވާނެ. ރަށަށް ދެވި މާހައުލު ބަދަލުވެލީމަ ކުޑަކޮށް އޯކޭ ވާނެ. ވަޒީފާއަކަށް ގޮސް އައު ރަހުމަތެރިން ލިބުނީމަ ތިހުރިހާ ވިސްނުންތަކަކާއި ދުރަށް ދެވިދާނެ. އެހެން ނޫނަސް ޖިއާންއަށް ޖެހޭ ކޮންމެ ކަމެއްގައި އިރާދަކުރެއްވިއްޔާ އަހަރުމެން ދެމީހުން ތިބޭނަން. ވަރަށް ކައިރީގައި." ހިނިތުންވެލަމުން ފަޒީލް ވާހަކަދެއްކިއެވެ.

***

އަފްޒަލް ގޮވައިގެން މާޒިން މުޅި މާލެތެރެ ކުޑަ ކުރިއެވެ. އެފަކީރު އެންމެ ލޮލު ފިޔައެއްވެސް ޖެހިޔަ ނުދީއެވެ. ރަށަށް ގޮސް ނިދަން މަޑުކުރާށޭ ބުނެ ހިފަހައްޓާލަނީއެވެ.

"ބްރޯ ބަލަ އެއޮއްދާ ޗިކެއް. ސަޅިއެއް ނޫންތަ؟" މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ އަންހެން ކުއްޖަކަށް އިޝާރާތް ކުރަމުން މާޒިން ބުނެލިއެވެ.

"ފެށުނީދޯ. ބުނެފީމެއްނު އަދި ތިހެން ފެންނަހާ ކުދިންނަކަށް ހިތެއް ނުދެވޭނެއޭ، ކޮންމެވެސް ކަހަލަ "ކަނެކްޝަން" އޭ ކިޔާ އެއްޗެއް ވެސް އޮންނަންވާނެ އެއްނު. އަދި ކުއްޖަކު ފެނިލާއިރަށް ލައިގެން ހުންނަ ހެދުމަކުން ނޫނީ ކޮށްގެން ހުންނަ މޭކަޕަކުން ހިތް ދޭން ވެއްޖިއްޔާ ކޮބާ ސަލާމަތަކީ؟ މަގެއްގެ މައްޗަށް އަރައިފިއްޔާ ޖެހޭނީ ހިތް އެކި ފަޅިއަށް ބައިބައިކޮށް ބަހާކަށްނު." އަފްޒަލް ހިނިގަނޑެއް ޖަހާލިއެވެ.

"އެންމެ ރަނގަޅޭ. ބްރޯއަށް އެނގޭތަ މީހުން ބުނޭ އަހިވަކަކާއި ޖެހި އަހިވަކެއް ފާވާނެއޭ. އަހަންނާއި އެއްކޮށް އުޅެމުން ގޮސް ހަމަ އަހަރެންގެ އުޅުން ބްރޯއަށް ދަސްވެދާނެ އެއްނު؟" އަފްޒަލްއާއި ދިމާކުރުން ނޫންކަމެއް މާޒިން ކުރާކަށް ބޭނުމެއް ނުވެއެވެ.

ފެށުނީއްސުރެ އެއީ އެދެމީހުންގެ ގުޅުން ކުރިއަށް ދަމުން އަންނަ ގޮތެވެ. އެއް ގެއެއްގައި ދެ މަންމައެއްގެ ލޯބި ލިބިގެން ބޮޑުވި ދެކުދިންނެވެ. އަފްޒަލްގެ ބައްޕަ ނިޔާޒު ދެވަނަ ކައިވެންޏެއް ކުރުމަށް ދޮށީ އަނބި، ޒީނިޔާގެ ހުއްދައަށް އެދުނީ އަފްޒަލްގެ އުމުރުން އެންމެ ހަތް އަހަރުގައެވެ. އެކަމަށް ދެބަސް ވުމެއް ނެތި ޒީނިޔާ އެއްބަސް ވީ ނަމަވެސް އަފްޒަލްއަށް އެންމެ ފުރަތަމަ އެކަން ގަބޫލު ކުރަން ދަތިވިއެވެ.

ދޮން މަންމައެއް އައުމަށްފަހު ކަންތައްތައް ބަދަލުވެގެން ދާނެ ކަމަށް އަފްޒަލްއަށް ގަބޫލު ކުރެވުނެވެ. ނަމަވެސް ނިޔާޒުގެ ހަގު އަނބި ވަލީދާވީ ޒީނިޔާއެކޭ އެއްފަދައިން އަފްޒަލްދެކެ ލޯބިވާ މަޔަކަށެވެ. ނަތީޖާއަކަށްވީ އެއްވެސް މައްސަލައެއް ނުޖެހި އުފާވެރި އާއިލާއެއް ބިނާވެގެން ދިޔުމެވެ. އަނެއްކާ ދޮންމަންމަގެ ފަރާތުން އަފްޒަލްއަށް ކޮއްކޮއެއްވެސް ލިބުނީއެވެ. މާޒިންއެވެ. ފެށުނީއްސުރެވެސް އަފްޒަލް މާޒިންދެކެ އިންތިހާއަށް ލޯބިވެއެވެ. 

ނުނިމޭ

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

4 Responses

  1. Fazil

    Its heart breaking ey kujaa ah hadhaa goiy

  2. love

    wow amazing story

  3. ފޭން

    ވަރަ ސަޅި

  4. Rozie

    Rangalhu dhon mammain ulheytha? Last story ga all boys were cheering for nooreen.. i guess this is the story for us girls. Where we can fall for the guy ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ