އޮކްޓޫބަރު މަހުގެ 1 އިން 3 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަނުގެ 10 ވަނަ އާންމު ބައްދަލުވުން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފަށައިފިއެވެ.
ހުޅަނގުދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދުގެ އައްސޭރިފަށުގެ ޤައުމުތަކުން ގުޅިގެން މަސްވެރިކަން ރާވައި ހިންގާ ބެލެހެއްޓުމާއެކު، ކަނޑުގެ މާހައުލާއި މަސްވެރިކަމުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއެކު އެވަޞީލަތްތައް މުސްތަޤްބަލަށް ފޯރުކޮށްދެވޭނެ ގޮތަށް، ސަރަހައްދީ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުމަށް މެމްބަރު ޤައުމުތަކުން ގުޅިގެން މަސައްކަތްކޮށް ފިޔަވަޅުތަކެއް އެޅުމަށް އެކުލަވާލާފައިވާ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންއަކީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާ (އެފް.އޯ.އޭ) ގެ އޮނިގަނޑުގެ ދަށުން އިންޑިއާ ކަނޑުގެ ހުޅަނގުބިތުގެ އައްސޭރިފަށުގެ ޤައުމުތަކުން ގުޅިގެން އެކުލަވާލާފައިވާ ޖަމިއްޔާއެކެވެ.
ޤަވާއިދާ ޙިލާފަށް ބެލެހެއްޓުމެނެތި މާކަނޑުގައި ކުރާ މަސްވެރިކަން ހުއްޓުވުމަށް މެންބަރު ޤައުމުތަކުން ގުޅިގެން ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ޤަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ޤައުމުތަކުގެ ބަނދަރުތައް ބަނދުކޮށް އެފަދަ އުޅަނދުފަހަރުގެ ޤަވާއިދާ ޚިލާފު އޮޕަރޭޝަންތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް ޤައުމުތައް ގުޅިގެން އެޅުމާއި، މަސްވެރިކަމާގުޅޭ މަޢުލޫމާތު މެމްބަރު ޤައުމުތަކުގެ މެދުގައި ބަދަލުކޮށް މަސްވެރިކަމުގެ ދާއިރާއިން ފަންނީ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުންވެސް މި ޖަމްއިއްޔާގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި ބޭއްވޭ އެ ކޮމިޝަންގެ 10 ވަނަ ސެޝަންއަށް ތާވަލްކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، މެމްބަރު ޤައުމުތަކުގެ ތެރެއިން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސް ދޫކުރާ ޤައުމުތަކުން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަޑުތައް ކަނޑައަޅައި އެކުލަވާލާފައިވާ ގައިޑްލައިން މެމްބަރު ޤައުމުތަކުން ތަންފީޒްކުރުމުގައި އިންތިޒާމްތައް ހަމަޖައްސާނެ ގޮތަކާއިމެދު މަޝްވަރާކޮށް ރޯޑްމެޕެއް އެކުލަވާލުން ހިމެނެއެވެ.
މި ގައިޑްލައިންގައި، އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގެ އައްސޭރިފަށުގެ ޤައުމުތަކުން މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރެވޭ ބޭރުގެ އުޅަނދުފަހަރަށް ލައިސަންސް ދިނުމުގައާއި، އެއުޅަނދުތަކުން އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަން މޮނިޓަރކޮށް ބެލެހެއްޓުމަށް ޚާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ.

މީޣެ އިތުރުން، ސްވައިއޯ.އެފް.ސީ އާއި ގުޅިގެން ކުރިއަށްގެންދާ ސަރަހައްދީ އެހެން ޕްރޮޖެޓްތަކާއި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާއި، އެމަސަކަތްތައް ހަރުދަނާކޮށް އޭގެ މަންފާ މެމްބަރު ޤައުމުތަކަށާއި ސަރަހައްދުގެ މަސްވެރިކަމަށް އެންމެ ބޮޑަށް ކުރާނެގޮތަކަށް އިންތިޒާމްތައް ހަމަޖައްސުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
ސަރަހައްދުގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓެނިވި މަސްވެރިކަމަކަށް ސަޕޯޓްކޮށް ހިންގޭ ޕްރޮޖެކްޓްތަކުގެ ތެރެއިން ސްވައި.އޯ.އެފް.ސީ އާއި ގުޅިގެން ހިންގޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި SWIOFish1 ވޯލްޑް ބޭންކް ޕްރޮޖެކްޓް، EAF-NANSEN (އެކޯސިސްޓަމް އެޕްރޯޗް ޓު ފިޝަރީޒް- ނަންސެން) ޕްރޮގްރާމް، SADC (ސައުތު އެފްރިކަން ޑިވެލޮޕްމަންޓް ކޮމިއުނިޓީ)، އަދި ނައިރޯބީ ކޮންވެޝަން ހިމެނެއެވެ.

މިކޮމިޝަންގެ މެމްބަރު ޤައުމުތަކަކީ ދިވެހިރާއްޖޭގެ އިތުރުން، ސައުތުއެފްރިކާ، ކެންޔާ، ސީޝެލްސް، މޮރިޝަސް، މަޑަގަސްކަރ، ކޮމޯރޯސް، މޮޒަމްބީކް، ތަންޒޭނިއާ، ސޮމާލިއާ، ޔަމަން އަދި ފްރާސް-ރިޔޫނިއަން އައިލެންޑްސްއެވެ.



