މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާތީ ގއ. ގެމަނަފުށި ކައުންސިލުން އެޢަމަލު ކުށްވެރިކޮށްފައެވެ.
އެމްޑީއެންގެ އެޢަމަލު ކުށްވެރިކޮށް ގެމަނަފުށީ ކައުންސިލްގެ އިދާރާއިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) އިން "ޕްރިލިމިނަރ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި، މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާތީ، އެކަން އެރަށުގެ ރައްޔިތުންނާއި އެކައުންސިލުން ކުށްވެރިކުރާކަމަށެވެ.
އަދި އެޢަމަލަކީ އެޖަމްޢިއްޔާއިން ހިންގި ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމަށާއި އެމްޑީއެންގެ ރިޕޯރޓްގައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކުރުމުގެ އިތުރުން، ކީރިތި ޤުރުއާނުގެ ނައްޞުތަކުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށްފައިވުމަކީ، މުސްލިމުންގެ ގޮތުގައި ތިބެ އެޖަމްޢިއްޔާއިން ކޮށްފައިވާ ފަސާދައިގެ ޢަމަލަކާމެދު ޝައްކެއްނެތްކަމަށްވެސް އެކައުންސިލުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައިވާ ފަދައިން އިސްލާމްދީނަށް އިހާނެތިކޮށް ހިތުމަށް ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް ނުވަތަ އެކަމަށް އުނިކަމެއް ގެނައުމަށް ދިވެހިރާއްޖޭގައި ޖަމްޢިއްޔާތައް ހިންގުމަކީ މަނާކަމަށްވީހިނދު، އެމްޑީއެންގެ އެޢަމަލުގެ ސަބަބުން އެޖަމްޢިއްޔާވަނީ ޤަނޫނާއި ޚިލާފުވެފައިކަމަށާއި، އެފަރާތާމެދު ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމަށް ދެކޭކަމަށްވެސް އެކައުންސިލުންވަނީ ވިދާޅުވެފައެވެ.
އަދި ބަޔާން ނިންމާލަމުން އެމްޑީއެން އާމެދު ފިޔަވަޅު އަޅައިދިނުމަށް، ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ ކިބައިން އެކައުންސިލުންވަނީ އެދިފައެވެ.




