ދީން ހަތިޔާރަކަށް ހައްދަވައިގެން ސިޔާސީ ބޭނުމަށް ސިޔާސީ ލީޑަރުން ވާހަކަފުޅު ދެއްކެވުމަކީ ބޮޑު ފަސާދައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް، މައުމޫނު އަބްދުލް ގައްޔޫން، އަދި ޝެއިހް އިމްރާން ޓެގްކުރައްވާ މިރޭ ކުރެއްވި ޓުވީޓެއްގައި ހަސަން ލަތީފް ވިދާޅުވީ، ދީން ހަތިޔާރަކަށް ހައްދަވައިގެން ސިޔާސީ ބޭނުމަށް ސިޔާސީ ލީޑަރުން ވާހަކަފުޅު ދެއްކެވުމަކީ ބޮޑު ފަސާދައެއް ކަމަށެވެ. އަދި އެކަން ނުކުރެއްވުމަށް އިލްތިމާޒް ދަންނަވާ ކަމަށެވެ.
Dheen hathiyaarakah hadhdhvaigen siyaasee beynumah siyaasee Leaderun vaahakafulhu dhekkevumakee bodu fasaadha eh. Ekan nukurevvumah ilthamas dhannavan. @qasimibrahim @maumoonagayoom @ShimranAb
— Hassan Latheef? (@HassanLatheef) October 5, 2019
ހަސަން ލަތީފް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އިސް ތިން ލީޑަރަކު ޓެގުކުރައްވާ އިލްތިމާޒުގެ ޓުވީޓެއް ކުރައްވައިފައި މިވަނީ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި އަދި ކީރިތި ރަސޫލާ (ސ.އ.ވ) ގެ ގަދަރަށް އުނިކަން އަންނަފަދަ ވާހަކަތަކެއް ހުރުމާއި ގުޅިގެން އެޖަމިއްޔާއާއި ދެކޮޅަށް މިބޭފުޅުން ވާހަކަފުޅު ދައްކަވައިފައި ވަނިކޮށެވެ.
އެމްޑީއެން އިން “ޕްރިލިމިނަރ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ބަޔާނުގެ މައްސަލަ ހޫނުވެފައި މިވާ ދަނޑިވަޅުގައި ސިޔާސީ ފަރާތްތަކުންނާއި އަދި އާންމު ގިނަ ރައްޔިތުންދަނީ މިޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
މިރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދާކަން ހާމަކޮށްފައި ވީނަމަވެސް މިޖަމިއްޔާއާއި ދެކޮޅަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާނެކަން ނުވަތަ ނާޅާނެކަންވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި މިމައްސަލައިގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަނު ހުންނަވާ މައްސަލައިގައިވެސް ގިނަ ބަޔަކުދަނީ ރައީސް އަށް ފާޑުވިދާޅުވަމުންނެވެ.



