މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށެވެ.
އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއްވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ޅ.ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ހަނދުވަރީ" ނަމަކަށް ކިޔާ ދޯނީގައި ހުރި ލޮލަށް ބުޅި ހެރުނު، 42 އަހަރު ދިވެހި ފަޅުވެރިޔާ ސިއްޚީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި މިއަދު 08:09 ހާއިރު ވަނީ ޅ.ނައިފަރަށް ގެންގޮސްދީފައެވެ.
މަސްވެރިންނަށް ދިމާވާ މިފަދަ މައްސަލަތަކުގައި އަވަސް ފަރުވާ ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އިން މުހިންމު ރޯލެއް އަދާކުރެއެވެ.



