ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަލައް ގުޅިވަޑައިގަންނަވާ ވަރަށް ހާއްސަ މެމްބަރުން ތަކެއް މިރޭ ސޮއި ކުރައްވާނެ ކަމަށް އެޕާޓީން ހާމަކުރައްވާފިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، މިރޭ ގިނަ މުހިންމު މެމްބަރުން ތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް ބާއްވާ ވަރަށް ހާއްސަ ރަސްމިއްޔާތެއް 21:00 ގައި ޖުމްހޫރީ ޕާޓީގެ މައި ޖަހަގަ ކަމަށްވާ މ.ކުނޫޒުގައި އޮންނާނެ ކަމަށެވެ. ނަމަވެސް ސޮއިކުރައްވަނީ ކޮން ބޭފުޅުންނެއް ކަން ވިދާޅެއް ނުވެއެވެ.
ދާދި ފަހުންވެސް ވަނީ ކުރީގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އަދި ޕީޕީއެމް ޕީއެންސީގެ ބައެއް އިސްބޭފުޅުން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފައެވެ.
އެ ޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފައިވަނީ، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި އަދި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ އިސްބޭފުޅުން ގުޅިވަޑައިގެންފައި ވާއިރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންދަނީ މިކަމަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ.




