ޖަނަވާރަށާއި، ޖަނަވާރުގެ ޒަރީޢާއިން އިންސާނުންނަށް ޖެހޭ ބަލިތަކަށް ފާރަވެރިވެ ދެނެގަތުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގައި ހިންގާ އެނިމަލް ޕެސްޓް އެންޑް ޑިޒީޒް ސާވޭލެންސް ޕްރޮގުރާމެއް ހިންގުމަށް ނިންމައިފިއެވެ.
އެނިމަލް ޕެސްޓް އެންޑް ޑިޒީސް ސާވޭލެންސް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ރ. އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު، ދުވާފަރެވެ.
މިނިސްޓްރީން ވިދާޅުވީ، އެނިމަލް ޕެސްޓް އެންޑް ޑިޒީސް ސާވޭލެންސް ޕްރޮގްރާމެއް އޮކްޓޫބަރު 6-11 އަށް ހިންގުމަށް ރާވާފައިވާތީ އެރަށްތަކުގައި މިޕްރޮގުރާމު ހިންގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
މިހަތަރު ރަށުގައިވެސް ބަކަރިއާއި ކޯލިދޫނީގެ ބާވަތްތައް ގެންގުޅެ، ވިއްސާ އާލާކުރުމަކީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެކެވެ. މިޕްރޮގުރާމުގެ ތެރޭގައި ކޯލިދޫންޏަށާއި ބަކަރިއަށް އާންމުކޮށް ޖެހޭ ބަލިތަކާއި އެބަލިތައް ދެނެގަންނާނެ އަލާމާތްތައް ކިޔައިދިނުމުގެ އިތުރުން، މިފާމްތައް ބަލައިފާސްކުރެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިގޮތުން އެފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސެމްޕަލް ނެގުމަށްފަހު، ބަކަރިއަށް ޖެހޭ ބައްޔެއްކަމަށްވާ ފުޓް އެންޑް މައުތް ޑިޒީސް (އެފް.އެމް.ޑީ) އަށް ވަގުތުން ޓެސްޓުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ފާމްތަކުގެ ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯސެކިއުރިޓީ) ޙާލަތު ބަލައި ރަނގަޅުކުރަންވީ ކަންތައްތަކާ ބެހޭގޮތުން ލަފާދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން އިތުރަށް ވިދާޅުވީ މި ޕްރޮގުރާމްގައި ޖަނަވާރުތަކުގެ ސިއްޙީ ޙާލަތު ބަލައި، ބަލި ޖަނަވާރުތަކަށް ފަރުވާދެވޭނެ ކަމަށާއި، މީގެއިތުރުން މިޕްރޮގުރާމުގެ ތެރޭގައި ހަތަރުރަށުގައި ގެންގުޅޭ ޖަނަވާރުގެ ތަފާސްހިސާބު ނަގާނެކަމަށެވެ.
މިޕްރޮގުރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވޭ ޕްރޮގުރާމެކެވެ.



