ޖަޕާނުގައި މިހާރު ކުރިއަށްދާ 16 ވަނަ ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުންގެ ރައުންޑް ޓޭބަލް ބައްދަލުވުމުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ބައިވެރި ވެވަޑައިގަންނަވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ 2015 ވަނަ އަހަރު އ.ދ ގެ ހުރިހާ މެމްބަރު ޤައުމުތަކުން ބަލައިގެންފައިވާ ގޮތަށް ސަސްޓެއިންނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) ހާސިލު ކުރުމުގައި ސައެންސް އާއި ޓެކްނޮލޮޖީ އަދި އިނޮވޭޝަން (އެސް.ޓީ.އައި)ގެ ދައުރު ފުޅާކުރުމަށް ރިސާރޗް އާއި ޑިވެލޮޕްމަންޓްގެ ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން ހޯދުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުކުރެއްވެމުގައި މަލީހު ދެއްކެވި ވާހަފުޅުގައި ދިވެހި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްކަން ފާހަގަކުރައްވައި، އިޤްތިސާދީ ރޮގުންނާއި އިޖްތިމާއީ އަދި ތިމާވެށީގެ ރޮނގުން ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން ތިމާވެށީގެ ނާޒުކުކަމާއި، އާބާދީ ރަށްތަކަށް ބެހިފައިވާގޮތުން އިޤްތިސާދަށް ހުރި ދަތިތަކާއެކުވެސް ފަގީރުކަން ނައްތާލުމުގައާއި ތައުލީމާއި ސިއްހަތު އަދި އެއްގަމާއި ކަނޑުގެ ޤުދުރަތީ ދިރުންތައް ހިމާޔަތްކުރުމުގައި ހޯދަމުންދާ ކާމިޔާބީ ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމާއި ހިންގުމުގެ ދާއިރާ އަދި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތް ގިނަގުނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ޓެކްނޮލޮޖީއަށް އަލިއަޅުވާލައްވައި މަލީހު ވިދާޅުވީ، ސަރުކާރުން އާއްމުންނަށްދޭ ޙިދުމަތް ފުރިހަމަ ކުރުމަށް ޑިޖިޓަލް ކަނެކްޓްވިޓީއާއި ޑޭޓާ އަދި ރައްޔިތުން ފޯރުކޮއްދޭ މައުލޫމާތާއެކު އެކުލަވާލެވޭ ސްމާޓް ސިޓީ އިނީޝިއޭޓީވްގެ އިތުރުން އެއްވެސް ރައްޔިތަކު ބާކީނުކޮއް އެސް.ޑީ.ޖީ ގެ ލަނޑުދަނޑީތައް ހާސިލް ކުރުމަށްޓަކައި، އޯޕަން ސޯސް އަދި އޯޕަން ސްޓޭންޑަރޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްމާރޓް އައިލަންޑް އަދި ސްމާރޓް ވިލެޖް އިނީޝިއޭޓީވްތައް މިއަދު ވަނީ ބޭނުންވެފައިކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެކި އެކި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.




