ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރި ބަޔަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ތިމާވެށި ފުލުހުންގެ ވޭތުވެދިޔަ ހަފްތާގެ ތަފާސްހިސާބު ފުލުހުން ޢާއްމުކޮށްފައިވާއިރު، އެ ތަފާސްހިސާބުގައިވާގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރި ހަތަރު މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ ހަފްތާގައި ދުންފަތުގެ އިސްތިއުމާލުކުރި ހަތަރު މީހުންގެ އިތުރުން ކުނި މެނޭޖްކުރުމުގެ ގަވާއިދާ ޚިލާފުވި 9 ފަރާތެއްވެސް ޖޫރިމަނާކޮށް، 36 ފަރާތަކަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން ތިމާވެއްޓާ ގުޅޭ 57 މައްސަލައެއް ހައްލުކޮށްފައިވާއިރު، 28 މައްސަލައެއް އަދިވެސް ހައްލު ނުކުރެވި އެބަހުއްޓެވެ. އަދި ތިމާވެއްޓާ ގުޅޭ ކަންކަމުގައި ދެ ގެއަކަށާއި، ތިން ފިހާރަ އަދި ކެފޭއެއްގެ އިތުރުން ދެ އޮފީހާއި، 28 ކޮންސްޓްރަކްޝަން ސައިޓަކަށް ޒިޔާރަތްކޮށްފައިވެއެވެ.

ތިމާވެށި ފުލުހުންގެ މަސައްކަތަކީ ތިމާވެއްޓާ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް ނުހަނު ބޭނުންތެރި ޚިދުމަތެކެވެ.




