ހިތުގެ ވެރިޔާ (8)

(ހަތް ވަނަ އަދަދާއި ގުޅޭ)

އެއް ހަމައެއްގައި ދެމީހުން ހިނގަމުން ދިޔައީ އެއްވަރެއްގެ ފިޔަވަޅުތަށް ނަގަމުންނެވެ. ގިނަ ވާހަކަތައް ދައްކަނީ އަފްޒަލްއެވެ. ޖިއާން ދައްކަނީ މަދުވާހަކައެވެ. ތުނޑީކޮޅު މަންޒިލަކަށް ނިންމައިން ދެމީހުން އެކުގައި ކުރިއަށް ދިޔައިރު އެ މަންޒަރު ބަލަން ދުރުގައި ހިނިތުންވެފައި ފަޒީލްއާއި ލީނާ ތިއްބެވެ. އަފްޒަލްއާއި ދިމާކުރަން ކެތްމަދުވެފައި ހުރި މާޒިން ބައްތިރީސް ދަތް ސޭލްއަޅުވައިގެން ހުއްޓެވެ.

ދަތުރު ނިންމާލާ އަނބުރާ ރަށަށް ދެވުނު އިރުގައި އެންމެންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. ތިންބައި މީހުން ތިން މިސްރާބަކަށް ހިނގައިގަތެވެ.

"ދަނީ އިނގޭ. ކޮންމެވެސް ވަގުތެއް ހޯދާލައިގެން ގުޅާލާނަން" ޖިއާން ގާތަށް ހުއްޓެމުން އަފްޒަލް ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ޖިއާން ބޯ ޖަހާލިއެވެ. އެ ދަތުރުގެ ސަބަބުން ޖިއާންއަށް އައު ރަހުމަތްތެރިއެއް ލިބުނުފަދައެވެ. އަފްޒަލްއަށް އިތުބާރު ނުކުރިނަމަވެސް ވާހަކަ ދައްކާލަން އެއީ ގޯސް މީހެއް ނޫންކަން ޖިއާންއަށް އެނގުނެވެ. އަނެއްކޮޅުން އަފްޒަލްގެ ހިތުގައި ޖިއާންއަށް ޝައުގުވެރިކަން އުފެދުނެވެ. ޖިއާން މާގިނަ ވާހަކައެއް ނުދެއްކި ނަމަވެސް ދެއްކި މަދު ވާހަކަތަކަކީ ފުން މާނަތަކެއް އެކުލެވިގެންވާ ވާހަކަ ތަކެއްކަން އަފްޒަލްއަށް އެނގުނެވެ.

"ބްރޯ ހާދަ ކަމެއްހެން ހީވެއޭ އެބަ އަހަންނަށް" ހުސްނާ ދިޔުމާއި އެކުގައި މާޒިން ފެށީ އަފްޒަލްއާއި ދިމާކުރާށެވެ.

"ކޮން ކަމެއްހެންތަ ހީވަނީ؟ އަޖައިބެއް މި ސޮރާ ހުރެވެސް" އަފްޒަލް މާ ބޮޑު ސަމާލު ކަމެއް ނުދިނެވެ.

"ހީވަނީ ކޮން ކަމެއްހެން؟ ހުސްނާގެ ހުރިހާ ރައްޓެހިން މަށަށް މަށަށް ކިޔާ ގޮވާލަ ގޮވާލަ ތިއްބާ އެކަނިވެރިވެފައި އިން އަންހެން ކުއްޖެއް ގޮވައިގެން އުޅުނީމަ. ބުނެބަލަ ހިތް ކިޔާ ކަހަލަ ގޮތެއް ހުންނަނީތަ؟" މާޒިން ހީ ސަމާސާ ކުރަމުން އަހާލިއެވެ.

"ތިބުނާ ގޮތަށް ގަޔާވަނީއެއް ނޫން. އެކަމަކު އެއީ ރަހުމަތްތެރިއަކަށް ވަރަށް ރަނގަޅު ކުއްޖެއްހެން ހީވަނީ. އެހެން ނޫނަސް އަހަންނަށް މިދުވަސްކޮޅު ވިސްނެނީ އެހެން ކުއްޖަކާއި ދޭތެރޭގައި" އަފްޒަލް ފުރަތަމަ ފަހަރަށް މާޒިންއަށް އެވާހަކަތައް ކިޔާދިނެވެ. އެ ފުޅި ފެނުނު ގޮތާއި އޭގައި އޮތް ލިޔުމުގެ ވާހަކައެވެ.

"ދެން ތިބުނަނީ ނުވެސް ދަންނަ، އަލަށްވެސް ނުވެސް ފެންނަ ކުއްޖަކާއި ދޭތެރޭގައި ވިސްނެނީއޭތަ؟ ބްރޯ ނިކަން ހަމަޖެހޭ ވާހަކަ ދައްކަބަލަ. ހަމައެކަނި މީހަކު ލިޔެލާފައި ފުޅިއަކަށް ލާ އެއްލާލި ލިޔުމަކާއި ހުރެ ތިވަރު ވާންޖެހޭތަ؟ އެއީ ހުސް ދޮގަށް ވިއްޔާ ދެން ކޮންތަނަކަށް ގޮސް ވަންނާނީ. އެހެން ނޫނަސް މީހަކު ހަމަ ލިޔެލާ ލިޔުމަކާއި ހުރެ ހޭ ބުއްދި ފިލަން ވިއްޔާ ކޮބާ ސަލާމަތަކީ؟ ދެން ރާއްޖޭގެ ނޫސްވެރިން އެ ލިޔާ ލިޔުންތަށް ފެނިފައި އެމީހުންދެކެ ލޯތްބެއް ނުވޭ؟" މާޒިންއަށް ގަބޫލު ކުރަން ދަތިވިއެވެ.

"ތިބުނީ ތެދެއް. އެއީ ދޮގަކަށްވެސް ވެދާނެ. އެކަމަކު އަހަރެންގެ ހިތެއް ނުބުނޭ އެއީ ދޮގެކޭ. މާޒިން ކޮންމެ އެއްޗެކޭ ބުންޏަސް އަހަންނަށް އެ ކުއްޖާއާއި ދޭތެރޭގައި ވިސްނޭނެ. އަހަރެން ބޭނުން އެކުއްޖާ ހޯދަންވެސް. އެކަމަކު އަހަންނަށް އެނގޭ އެއީ ވާން ނެތް ކަމެއްކަން. އަހަންނެއް ނުބުނަމޭ އަހަރެން އެ ކުއްޖާ ދެކެ ލޯބިވެއެކޭއެއް. އަހަރެން މި ބުނަނީ އަހަރެންނަށް އެކުއްޖާއާއި ދޭތެރޭގައި ވަރަށް ވިސްނެއޭ. އެއީ ކުށެއްތަ؟" އަފްޒަލް މާޒިންއާއި އެއް ހަމައެއްގައި ހިނގަމުން ވާހަކަ ދެއްކިއެވެ.

"ނޫނޭ އެއީ އެއްވެސް ކުށެއް ނޫން. އެހެން ނޫނަސް ބްރޯ މާ ހިތް ބަލީ. އަހަރެން ހަނދާންވޭ އެއްފަހަރު މަގުމަތީގައި އެކްސިޑެންޓް ވެފައި އޮތް ބުޅަލެއް ގެޔަށް ގެންގޮސްގޮން ބްރޯ އުޅުނު ގޮތް. އެ މަރުވީމައި ބްރޯ ރުއި ވަރު. އެހެންވީމައި އަދި ތިކަމާއި ދޭތެރޭ އަހަރެން އަޖައިބެއް ނުވޭ" މާޒިން ހިނިގަނޑެއް ޖަހާލިއެވެ.

ތެދެކެވެ. މީހަކު ނުވަތަ ޖަނަވާރަކުވިޔަސް ވޭނެއް ލިބެމުން ދާތަން ބަލަން އަފްޒަލްއަށް ކެތެއް ނުކުރެވެއެވެ. ބޭނުންވަނީ ކޮންމެވެސް ގޮތަކުން އެމީހަކަށް ލިބޭ އަނިޔާއިން ސަލާމަތްކޮށްދިނުމަށް އެހީވާށެވެ.

***

"ކޮބާ ދަތުރު ކިހިނެއްވަނީ؟" ލީނާ ލާނެތް ފާޑަކަށް ޖިއާން ގާތުގައި އެހެން އަހާލީ ޖިއާން ފެންވަރައިގެން ނުކުތުމުންނެވެ.

"ހާދަ ފާޑަކަށް ތިހެން ތިއެހީ؟ އަނެއްކާ ކިހިނެއް ވީ؟" ޖިއާން ސީރިއަސް ވިއެވެ.

"ކަމެއް ނުވޭ. ހަމަ އަހާލީ. ބުނެބަ. އެސޮރު ކަމުދޭތަ؟ އަހަރެން އަޑުއެހިން އެއީ ވަރަށް ކިޔަވައިގެން ހުރި ސޮރެކޯ ކިޔާތީ. ރާއްޖެއިން ބޭރުގަޔޯ އުޅެނީވެސް. ޗުއްޓީއަކަށޯ އެ އުޅެނީ ރަށަށް އައިސް. އަދި އެނގޭތަ. އެ ސޮރު ވަރަށް މޮޅުވާނެޔޯ ކައްކަންވެސް." ލީނާ އެއްލޯ މަރާލިއެވެ.

"ދެން އަހަރެން ކިހިނެއް ހަދަންވީ؟" ޖިއާން ގާތަށް ހިނިއައެވެ.

"އަޅެ މޮޔަގަނޑާ. ވިސްނަބަލަ މި ބުނި އެއްޗެއް. ކިޔަވައިގެން ނޯ އެސޮރު ހުރީ. އަހުލާގުވެސް ރަނގަޅުހެން ހީވަނީ. އަނެއްކާ ބޯނަސް ޕޮއިންޓަކީ ކައްކަން އެނގުން. ނުޖެހޭނެ ރެސްޓޯރެންޓަށްވެސް ދާކަށް. ފައިވް ސްޓާރ ފެންވަރުގެ ކެއުން ގެއިން. ގަދައެއް ނޫންތަ؟ އަނެއްކޮޅުން ޖިއާންއަށް މިހާރު ޗެކް ޕްއިންޓްވެސް ލިބިއްޖެ" ލީނާ ޖިއާން ގާތުގައި އިށީނެވެ.

"ޗެކް ޕްއިންޓޭ؟" ޖިއާންއަކަށް ނުވިސްނުނެވެ.

"އާނ. އަޑު އަހައްޗޭ. މިއަދު ދެމީހުން އެކުއެކީގައި ވަގުތު ހޭދަކޮށްފައި ދަމުން އަފްޒަލް ބުންޏެއްނު ގުޅާނަމޭ. އެހެންވީމައި އެއީ ޗެކް ޕޮއިންޓް. ޖިއާން ބޭނުމިއްޔާ އެހާ ހިސާބުން ގޭމު ކުރިޔަށް ގެންދެވޭނެ" ލީނާ ދެއްކި ވާހަކައިން ޖިއާންއަށް އަނެއްކާވެސް ހެވުނެވެ.

"ނިކަން ރަނގަޅަށް ލީން ގޭމު ކުޅެފަ އެބަހުރިތާ ދޯ؟ އެކަމަކު އަދި އަހަރެން ބޮލަށް އެރިގެން ގޭމު ކުޅެން ނޫޅޭ. އަހަންނަކަށް ނުވާނެ. އަހަރެން ގޭމް ކުޅެން ވެއްޖިއްޔާ އެވާނީ ގޭމް އޯވަރ" ޖިއާން އެހެން ބުނުމާއި އެކުގައި ލީނާ ހޭން ފެށިއެވެ. ޖިއާންވެސް ލީނާއާއި ބައިވެރި ވެލިއެވެ.

***

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އެންމެން ތިބީ މޭޒުދޮށުގައެވެ. ތުއްތު އިހާންއާއި އީތަން ނިދުމުން މުޅިގެ ހީވަނީ ފަޅުވެފައި ވާހެންނެވެ.

"ހަމަޖެހިލައިގެން އެންމެން އެއްކޮށް ކާލަން މިލިބެނީ މިވަގުތު އެކަނި." ރޭޝްމާ މަޑުމަޑުން ހިނިގަނޑެއް ޖަހާލިއެވެ.

"އަސްލުގައިވެސް. އިރު އޮއްސޭއިރު މިތިބެނީ ވަރުބަލި ވެފައި" ޝިބާވެސް ރޭޝްމާއާއި ބައިވެރިވެލިއެވެ.

"ކޮން ވަރުބައްޔެއް ވާނީ؟ އަބަދު ތިބެނީ ގޭގައި. ގޭގައި ތިބެގެން ކެއުން ނޫން ކަމެއް މިދެމީހުން ނުކުރެޔޭ. ބަލާބަލަ ފެންތާނގި ތަކެއްހެން ދެމީހުން ފަލަވާވަރު. ދެން ބުނޭ ތިމަންނަމެން ފަލައީއެއް ނޫނޭ. ނުބައި ޕްލެނެޓެއްގައި އުޅެވެނީއޭ. އެހެން ވެއްޖިއްޔާ އަޅެ ދެން އެ ރަނގަޅު ޕްލެނެޓަކަށް ދޭބަލަ. ވަކި ލުއިވޭތޯ ބަލަން" މާޒިންގެ އަނގަ ފެޅިއެވެ.

"ތި މީހުންނަށް ހީވަނީތަ ގޭގައި ދަރިން ބަލަން ތިބުމަކީ ވަރަށް ފަސޭހަ ކަމެއްހެން. އަޅެ ދެތިން ދުވަހު ފިރިހެނުން މަޑުކޮށްލަބަލަ ގޭގައި ދަރިން ބަލަން. އޭރަށް އަހަރެން ބުނާނަން މޮޅޭ." ޝިބާ ތުން އަނބުރާލިއެވެ.

"ހުރެބަލަ އަދި އެއްދުވަހަކުން ތިކަންވެސް ކޮށްދޭނަން." މާޒިން ގޮތް ދޫކުރާކަށް ބޭނުމެއް ނުވެއެވެ.

"އާނ ދެން ހުއްޓާލާ. ތިއުޅެނީ މިހާރު ސަކަރާތް ވިހަ ކުރަންވެގެން. މިގޭގައި އުޅޭ ކުޑަ ދެކުދިންނަށްވުރެ މިމީހުންގެ ހާލަތުބޮޑު. އަފޫ ކީއްވެގެން މާ މަޑުމަޑުން ތިއިނީ ދަރިފުޅާ؟" ވަލީދާ އަހާލިއެވެ.

"ބްރޯ" މާޒިން ހިނިގަނޑެއް ޖަހާލިއެވެ.

"ކައިވެންޏެއްގެ ވާހަކަ ދައްކަފާނެތީ މާ މަޑުމަޑުން ކާންއިނީ އެ" ޒީނިޔާވެސް ވާހަކައިގައި ބައިވެރިވިއެވެ.

"މަންމާ، ހިއެއް ނުވޭ މާ ގިނަ ދުވަހަކު ތި އިންތިޒާރުގައި މަޑުކުރަން ޖެހިދާނެހެނެއް. މިހާރު އެބައުޅޭ އަންހެން ކުއްޖެއް." މާޒިންއަށް މަޑުން އިނދެވޭކަމަކަށް ނުވިއެވެ. މާޒިން ބުނި  ޖުމްލައާއި އެކުގައި އެންމެންގެ ނަޒަރު އެއްފަހަރާ ހުއްޓުނީ އަފްޒަލްއަށެވެ.

"އެއީ... އެއީ ދޮގެކޭ. ދެން މާޒިން ދައްކާ ވާހަކަވެސް ގަބޫލުކުރަންތަ؟" އަފްޒަލް ކޮށިނޭރީ ކިރިޔާއެވެ.

"އަހަރެން މިހަދަނީ ދޮގޭ؟ މި ދައްކަނީ މި ކޮޅަށް އައި އިރު ފްލައިޓުގައި ބްރޯ ކައިރީ އިން ޖިއާންގެ ވާހަކަ. ހަނދާންވޭތަ؟ މިއަދު ދަތުރުވެސް ދިޔައެއްނު ދޯ؟؟ ޖި.. އާ.. ން." މާޒިން ތެދުވެގެން ގޮސް ދެ މަންމަމެން ކައިރިއަށް ހުއްޓުނެވެ.

"އަހަރެން ބުނީމަ މަންމަމެން ގަބޫލެއްވެސް ނުކުރާނެ. މުޅި ދަތުރުގައި މި ބްރޯ ގޮސް އުޅުނީ ޖިއާން ގޮވައިގެން. ކޮންމެވެސް އޮލަ ވާހަކައެއްގައި. އެތާ ތިބި އެހެން ހުރިހާ އަންހެން ކުދިން އަންނާށޭ ކިޔާ ގޮވީމަވެސް ނުގޮސް. ދެން ބުނެބަލަ ނިކަން. އަދި ޖިއާންއާއި އެއްކޮށް ހުރި އިރު ބްރޯގެ އެ ދިއްލާލާފައި ހުރީ ސަތޭކަ ވޮލްޓްގެ އަލިގަދަ ހިނިތުންވުމެއް. އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރެވެންޏާ އަން. ނިކަން ބަލާބަލަ. މިހިރީ. އަހަރެން ފޮޓޯވެސް ނެގީމޭ. އޭރުވެސް އަހަންނަށް އެނގޭ ބްރޯ އެއްބަހެއް ނުވާނެކަން" ފޯނު ނަގާ ދަތުރުގެ ފޮޓޯތަށް މާޒިން އެންމެންނަށް ދައްކަން ފެށިއެވެ.

"މަންމާ އެއީ ހުސް ދޮގޭ. އެކަހަލަ ނިޔަތެއްގަ އެއް ނޫނޭ އެ ކުއްޖާއާއި ވާހަކަ ދެއްކީ." އަފްޒަލް ކިތަންމެ ވަރަކަށް އެހެން ކީ ނަމަވެސް މިފަހަރު މާޒިންގެ ކޮޅު ގަދަވެއްޖެއެވެ.

"ދޮންބެ ހާދަ ވަގޭދޯ؟ ކޮން އިރަކުތަ ފަހަރި މިގެއަށް ގެންނާނީ؟" ޝިބާވެސް އަނގައިގައި ހުރި ކާއެއްޗެހި ހުސްކޮށްލަމުން ސުވާލުކޮށްލިއެވެ.

"ސަހަރޯ ! ކަންތަކާއި ޖެހުނީއޭ މިދެން." އަފްޒަލް ލަދުވެސް ގަތެވެ.

"ކޮން އިރަކު މަންމަމެންނާއި ބައްދަލު ކުރުވަން އެ މަންޖެ ގެންނާނީ؟" ޒީނިޔާވެސް ބޭނުންވީ އަވަހަށް އަފްޒަލްގެ ހަޔާތަށް އައި ކުއްޖަކު ދެކިލުމަށެވެ.

"ދަރިފުޅު ހާސްނުވޭ. މަންމަމެންނަކީ ދުވަހަކުވެސް ދަރިންގެ ހަޔާތަށް އަންނަ ކުދިންނަށް ފާޑު ކިޔާ ބައެއް ނޫން. އަފޫ އަދި މާޒިން އިނދެގެން އަންނަ ކުދިންނެކޭ ރޭޝްމާ އަދި ޝިބާއެކޭ އެއްވެސް ތަފާތެއް ނުކުރާނަން. މަންމަމެން މިހާރު ބޭނުންވަނީ ތި ދެ ފިރިހެން ދަރިން މީހުންނާއި އިންނަން" ވަލީދާ ހިނިތުންވެލިއެވެ.

"އެންމެ ފުރަތަމަ އެކަން ކުރާނީ މާޒިން ކަންނޭނގެ. މާޒިން ބުނެދީބަލަ ނިކަން ހުސްނާގެ ވާހަކަ. އެއްކަލަ ހުސްނާ. ފްލައިޓް މަތިން ދިމާވެގެން މިކޮޅަށް އައިސް ހިތާހިތުގެ ގުޅުމެއް އުފެދުނު ހުސްނާގެ ވާހަކަ. މިއަދު ދަތުރު ގޮސް ގަސްތަކުން މާ ހުސްވަންދެން މާ ފޮޅުވަން މަސައްކަތް ކުރި ހުސްނާގެ ވާހަކަ" އަފްޒަލްވެސް މާޒިން ބައްދާލީއެވެ.

"ކޮން ހުސްނާއެއް؟" ރޭޝްމާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"ހުސްނާއޭ؟ ބްރޯ! ދެން ތިހެން ހަދާކަށް ނުވާނެއެއްނު" މާޒިން މަޑުމަޑުން ގޮސް އަނބުރާ ގޮނޑީގައި އިށީނދެ ކާން ފެށިއެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ