"ފިރިހެން ކުއްޖެއް ލިބިއްޖިއްޔާ ޖިއާން ބޭނުން ނަމެއް ކިޔަންވީ" އަފްޒަލް ޖިއާންއަށް ފުރުސަތު ދިނެވެ.
"ފިރިހެން ކުއްޖެއް ވިއްޔާ އަހަރެން ބޭނުމީ އަފްޒަލްގެ ނަމާއި ވައްތަރު ކޮށްފައި ކިޔަން. މިސާލަކަށް އަޒަލް."
ޖިއާން ވިސްނާލަމުން ބުންޏެވެ. ޖިއާންގެ ޖަވާބުން އަފްޒަލްގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ.
"ދެން ބޭބީގެ ނަމެއް ނޫން. އަދިވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އަހަރެން ހަމަ ޖިއާންއަށް ކިޔަންވީ ޖިއާންތަ؟" އަފްޒަލް އަހާލިއެވެ.
"ތި ބުނީ؟" ޖިއާންއަކަށް ނުއެއް ވިސްނުނެވެ.
"މި ބުނީ އަހަރެން ބޭނުމޭ ޖިއާންއަށް ލޯބިން ނަމެއް ކިޔަން." އަފްޒަލް ހިނިގަނޑެއް ޖަހާލިއެވެ.
"މިސާލަކަށް؟" ޖިއާން އަހާލިއެވެ.
"މިސާލަކަށް ޖާން؟" އަފްޒަލް އެހެން ބުނުމާއި އެކުގައި ޖިއާންއަށް ލަދުން އިސްޖަހާލެވުނެވެ.
"އަފްޒަލް މަޑުކޮށްލައްޗޭ. ބޮޑައްތަ އެބަ ގުޅާ" ޖިއާން އަފްޒަލް ގާތުގައި އެހެން ބުނެލީ ޒާހިދާ ޖިއާންއަށް ގުޅުމުންނެވެ.
"ނިންމާލާފަ ގޮސް އެއްޗެއް ކައިހަދާލާތި އިނގޭ" އަފްޒަލް ފޯނުބޭއްވީއެވެ.
"ހަލޯ" ޖިއާންއަށް އެހެން ބުނެލަން ވަގުތުކޮޅެއް ނެގިއެވެ. އިވުނީ ޒާހިދާގެ ރުއިމުގެ އަޑެވެ.
"ބޮޑައްތާ ކިހިނެއްވީ؟ ބޮޑައްތަ ރޮނީތަ؟" ޖިއާން ހާސްވާގޮތްވިއެވެ.
"ދަރިފުޅާ، ބޮޑައްތައަށް މައާފްކުރޭ." ޒާހިދާ ރޮމުން ވާހަކަ ދައްކަން ފެށިއެވެ.
"ކިހިނެއްވީ ބޮޑައްތާ؟" ޖިއާންއަށް އަނެއްކާވެސް އަހާލެވުނެވެ.
"ތަނެއް ދޮރެއް ބަލާލުމެއް ނެތި ބޮޑައްތަ ޖިއާން ގެއިން ބޭރުކޮށްލީ. ވީ ހުރިހާ ކަމެއް ޖިއާންގެ ކުށަކަށް ހެދީ. މިއަދު ބޮޑައްތައަށް އެނގިއްޖެ ބޮޑައްތައަށްކަން ގޯސް ހެދުނީ" ޒާހިދާގެ އަޑު ކެނޑެމުންދިޔައެވެ.
"ކަމެއް ގޯސްވީތަ ބޮޑައްތާ؟ އަހަރެން ކައިރީގައި ބުނެބަލަ ވެގެން އުޅޭ ގޮތެއް!" ޖިއާން ހާސްވަމުން ދިޔައެވެ.
"ބޮޑައްތަ އޭރުގައި ކުއްވެރި ކުރީ ޖިއާން އުޅެމުން ދިޔަ ވަޒީފާއާއި ލީ ހެދުންތަށް. އެކަމަކު މިއަދު ބޮޑައްތަގެ އަމިއްލަ އަންހެން ދަރިފުޅަށް އެގޮތަށް އެކަންވީމައި ބޮޑައްތައަށް އެނގިއްޖެ އެދުވަހު ޖިއާން ދެއްކީ ތެދު ވާހަކަކަން. އެހެން ނޫންނަމަ މޫނު ނިވާކޮށްގެން އުޅޭ އެ ދަރިފުޅުގެ އިއްފަތްތެރިކަން ބަޔަކު ނަގާ ނުލާނެ. އަދި ނުވިތާކަށް ހާމިދުގެ ހަޑިމުޑުދާރު އަމަލުވެސް ދަރިފުޅުގެ ބޮލަށް ބިންދާ އެ ތުހުމަތުވެސް އެޅުވީ. ބޮޑައްތަގެ އެހީއާއި އޯގާތެރިކަން އެންމެ ބޮޑަށް ދަރިފުޅު ބޭނުންވިދުވަހު ބޮޑައްތައަށް އެގޮތަށް ކަންތައް ކުރެވުނީމައި ވަރަށް ދެރަވެ އެކަމާއި ލަދުގަންނަން. އެ ދުވަހު ދަރިފުޅުގެ ބަދަލުގައި ހާމިދު ގެއިން ނެރެބޭރުކޮއްލެވުނު ނަމަ މާ ރަނގަޅުވާނެ. ލަސްވެއްޖެކަން އެނގޭ. އެކަމަކު ބޮޑައްތައަށް މައާފުކޮށްދީ ދަރިފުޅާ." ޒާހިދާ ރޮމުން ވާހަކަ ދައްކަމުން ދިޔަ އިރު ޖިއާންގެ ލޯވެސް ކަރުނުން ފޯވިއެވެ.
"ބޮޑައްތާ ނުރޮއި. އަހަރެން ބޮޑައްތައަށް މައާފުކޮށްފިން. ދޮންތިއަށް ދިމާވި ކަންތަކުގެ ސަބަބުން އަހަރެން ވަރަށް ދެރަވަން. މިއަދު ދޮންތި އެންމެ ބޭނުންވާނީ ބޮޑައްތަގެ އަޅާލުން. އަހަންނަށް އެހީ ނުވެވުނު ނަމަވެސް ދޮންތިއަށް އެހީވެދީ ބޮޑައްތާ. އެހެން ނޫނަސް އަހަރެން މިހާރު މިއުޅެނީ ވަރަށް އުފަލުން. އަހަންނަށް ލިބެން އުޅޭ ކުޑަކުޑަ ދަރިފުޅުގެ ސަބަބުން އަހަރެންގެ މުޅި ހަޔާތް އުފަލުން ފުރައިލައިފި. ބޮޑައްތައަށްޓަކައި އަހަރެންގެ ހިތް ބުރައެއް ނުކުރާނަން. އަހަރެން އަބަދުވެސް ޝުކުރުވެރިވާނަން ބޮޑައްތަ އަހަންނަށް ކޮށްދިން ކަންތައްތަކަށް." ޖިއާން އަމިއްލަ ލޮލުން އައި ކަރުނަތަށް ފުހެލިއެވެ.
އެތަށް އިރެއް ވަންދެން ޖިއާން ޒާހިދާއާއި ވާހަކަދައްކަން އިނެވެ. ހުރިހާ ކަމެއް ޒާހިދާއަށް ކިޔާދީ އަފްޒަލްއާއި ބެހޭ ގޮތުންވެސް ގިނަ ވާހަކަތަކެއް ކިޔާދިނެވެ. ކޮންމެވެސް ދުވަހަކުން ޖިއާންއަށް ޒާހިދާ ފެންނާނެ ކަމުގެ އުއްމީދު ކުރާވާހަކަ ބުންޏެވެ.
މެންދަންވެ ބޮޑުވީއެވެ. ޖިއާން ދެފަރާތަށް އެނބުރި އެނބުރި އޮތީ އުނދަގޫތަކެއް ވާތީއެވެ. ބަނޑަށް ތަދެއް އަރާތީއެވެ. ނިދިފައި އޮތް ލީނާއަށް ގޮވަން ބޭނުންނުވެ ހެނދުނު ވަންދެން ކެތްކޮށްލެވޭތޯއެވެ. ނަމަވެސް ކެތްކުރެވޭ ވަރެއް ނުވިއެވެ. ބަނޑުގައި އަތްއަޅާ ވަމުން ދާ ތަދުން ރޮވެންފެށުނެވެ. އަޑުން އަޑު ނަގާ ލީނާއަށް ގޮވާލެވުނެވެ. ގަދަ ނިދީގައި އެހެން ކޮޓަރިއެއްގައި ނިދާފައި އޮތް ލީނާއަށް ހެއެއް ނުލެވުނެވެ. އިރުކޮޅެއް ފަހުން ޖިއާންގެ ރުއިމުގެ އަޑަށް ހޭލެވުނީ ފަޒީލްއަށެވެ.
"ލީން. ލީން އަވަހަށް ތެދުވެބަލަ. ޖިއާން ރޮނީ ކަންނޭނގެ. ބަނޑަށް ތަދުވަނީ ކަންނޭނގެ. އަވަހަށް ހިނގާބަ" ލީނާއަށް ދެލޯ ހުޅުވާލެވުނު އިރަށް ފަޒީލް ބުންޏެވެ. ލީނާވެސް ފުންމައިގެން ތެދުވެ ދުއްވައިގަތީ ޖިއާންގެ ކޮޓަރިއަށެވެ.
"ޖީ" ބަނޑުގައި އަތް އަޅައިގެން ރޮމުން ގެންދިޔަ ޖިއާން ފެނުމުން ލީނާއަށް ގޮވާލެވުނެވެ.
"އަވަހަށް އެންބިއުލާންސަށް ގުޅާބަލަ، އަދި އަފްޒަލްއަށްވެސް" ލީނާ ފަޒީލް ގާތު ބުންޏެވެ.
"ޖީ މަޑުކޮށްލާ. ނުވާނެ ގިނައިރެއް. ހިތްވަރު ކުރަންވާނެ." ލީނާ ޖިއާންގެ އަތުގައި އެއްއަތުން ހިފަހައްޓާލަމުން އަނެއް އަތުން ބަނޑުގައި ފިރުމާލިއެވެ.
ލީނާ ދައްކާ އެއްވެސް ވާހަކައަކަށް ޖިއާންއަށް ސަމާލުކަމެއް ނުއެއް ދެވެއެވެ. އަޅަމުންދާ ވޭނުން ކެތްކުރަން ދަތިވަމުން ދިޔައެވެ.
ޖިއާން ހޮސްޕިޓަލަށް ގެންދެވުމާއި އެކުގައި މާގިނަ ވަގުތެއް ނުވެ އަފްޒަލްއާއި އަފްޒަލްގެ އާއިލާ ހޮސްޕިޓަލަށް ދިޔައެވެ. ޖިއާން ވިއްސާ ކޮޓަރީގައި ކަމުން އަފްޒަލްއަށް ޖިއާން ފެންނަ ގޮތެއް ނުއެއްވިއެވެ. އެހެން ކަމުން އަފްޒަލް ހާސްވެކަން ބޮޑުވާގޮތްވިއެވެ.
ހޮސްޕިޓާ ތެރޭގައި އަފްޒަލް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޖިއާންއަށް ވީ ގޮތެއް ނޭނގި ގިނައިރުވަމުންދާތީ އަފްޒަލްގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. ކައިރީގައި ހިތްވަރުލާދޭން އެންމެން ތިބިކަމުގައި ވީނަމަވެސް މެއެވެ.
އެންމެންނަށް ތެޅިގަނެވުނީ ޑޮކްޓަރު ނިކުމެ ލޭ ބޭނުންވާ ވާހަކައާއި ކުއްލިގޮތަކަށް އެޕަރޭޝަން ކުރަންޖެހުނު ވާހަކަ ބުނުމުންނެވެ. އަދި ޖިއާންގެ ހާލު އެހާ ރަނގަޅު ނޫންކަމަށްވެސް ހަބަރުދިނުމުންނެވެ. ވަގުތުން އަފްޒަލްއަށް ރޮވެން ފެށުނެވެ.
"ދަރިފުޅު ނުރޮއިބަލަ. އެއްވެސް ކަމެއް ނުވާނެ ޖިއާންއަށް. އެއީ ވަރަށް ހިތްވަރު ގަދަ ކުއްޖެކޭ" ވަލީދާއާއި ޒީނިޔާ ހުއްޓާނުލާ އަފްޒަލްއަށް ހިތްވަރުދެމުން ދިޔައެވެ.
"މަންމާ.. ޖިއާން.. އަހަރެން ޖިއާންދެކެ ވަރަށް ލޯބިވޭ. ޖިއާންގެ ހިތްހޯދަން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ. ޖިއާންގެ ހިތް އަހަންނަށް ލިބުމަށްފަހު ޖިއާން ގެއްލިގެން ގޮއްސިއްޔާ އަހަރެން މޮޔަވެދާނެ." އަފްޒަލް ކުޑަކުއްޖެއް ފަދައިން ރޮމުން، ގިސްލަމުން ދިޔައެވެ.
"މާތްﷲ އިރާދަކުރައްވައިފިނަމަ އެފަދަ އެއްވެސް ކަމެއް ނުއެއް ވާނެ. ތިގޮތަށް ނުވިސްނަބަލަ" އެއީ އެންމެންވެސް އަފްޒަލްއަށް ދެމުން ގެންދިޔަ ނަސޭހަތެވެ.
ދެލޯ ފުހެލާ އަފްޒަލްއަށް ތެދުވެވުނީ ކުޑަ ދަރިފުޅު އުރާލައިގެން ނަރުހެއް ނުކުތުމުންނެވެ.
"ދަރިފުޅުގެ ބައްޕަ ކޮބާ؟" ނަރުސް ކުއްޖާ އަހާލީ މާޒިންއާއި، ފަޒީލްއަދި އަފްޒަލް އެއްތަނަކުން ފެނުމުންނެވެ. ފަޒީލްއާއި މާޒިން އަފްޒަލްގެ ބުރަކަށީގައި އަތް އަޅައި ކުރިއަށް ކޮށްޕާލިއެވެ.
"ޖިއާންއަށް ލިބުނީ އަންހެން ކުއްޖެއް" އަފްޒަލްއަތަށް ކުޑަދަރިފުޅު ދިއްކޮށްލަމުން ނަރުސް ކުއްޖާ ހިނިތުންވެލިއެވެ. އަފްޒަލް ކުޑަދަރިފުޅު ނަގައި މެއާއި ލާ ބޮނޑިކޮއްލިއެވެ. ފަޅި ސިކުންތަކަށް ހުރިހާ ކަމެއް މަތިން ހަނދާންނެތުނު ފަދައެވެ. ހިތަށް ހަމަޖެހުމެއް ލިބުނު ފަދައެވެ.
"ޖިއާން ކޮބާ؟ ޖިއާން ކިހިނެއް؟" އަފްޒަލް ކުއްލިއަކަށް ނަރުހާއި ސުވާލުކޮށްލިއެވެ. ނަރުސްކުއްޖާއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ޑޮކްޓަރު އައިސް އަފްޒަލްގާތަށް ހުއްޓުނެވެ.
"ޖިއާންގެ ހާލުވެސް މިހާރު ރަނގަޅު. އިރުކޮޅަކުން ވޯޑަށް ޝިފްޓް ކުރާނެ." އަފްޒަލްގެ އަތުގައި އޮތް ކުޑަ ދަރިފުޅުގެ ގައިގާ އަތް ޖައްސާލަމުން ޑޮކްޓަރު ހިނިތުންވިއެވެ.
ޑޮކްޓަރު ބުނި ފަދައިން މާގިނައިރުތަކެއް ނުވެ ޖިއާން ވޯޑަށް ބަދަލު ކުރެވުނެވެ. ކުޑަ އެނދަކަށް ލުމައްފަހު ދަރިފުޅުވެސް ޖިއާންއަށް ފެންނަ ފަށުގައި ބޭއްވުނެވެ. އެންމެންނަށް އީދެއް އައިސްގެން އުޅޭފަދައެވެ. މާޒިންއާއި ފަޒީލް ހޮސްޕިޓަލުގެ އެންމެންނަށް ޗޮކުލެޓާއި މެޓާވެސް ބަހާ ހެދިއެވެ.
ޖިއާން ކައިރީގައި އިން އަފްޒަލް އިންގޮތަށް އިނީއެވެ. އެއްފަހަރު ޖިއާންއަށް އަނެއް ފަހަރު ކުޑަދަރިފުޅަށް ބަލާލައެވެ. ޖިއާން ލޯ ހުޅުވާލެވުމާއި އެކުގައި ބަލާލީ އަފްޒަލްއަށެވެ. އަދި ހިނިތުންވެލިއެވެ.
"ޖާން" އަފްޒަލްއަށް އުފަލުން ރޮވުނެވެ.
"އެނގޭތަ އަހަރެން ބިރުގަތްވަރު؟ އަހަރެން ހީކުރީ ދެން ދުވަހަކުވެސް އަހަންނަށް ޖިއާން ނުފެންނާނެ ކަމަށް. ހުޅުލޭ ފަޅުތެރެއިން އަހަންނަށް ފެނުނު ފުޅިއެއްގައި އޮތް ލިޔުމެއް ކިޔުނު ވަގުތުން ފެށިގެން އަހަރެން މޮޔަ ކޮށްލި އަންހެން ކުއްޖާ އަހަންނަށް ލިބިފައި ގެއްލެން އުޅުނީމައި އަހަރެން މިޔޮ ނުވިކަން ރަނގަޅެއް ނު." އެއީ ޖިއާންގެ ކުރިމަތީގައި އަފްޒަލްގެ ލޮލުން ކަރުނަ އޮހޮރުނު އެންމެ ފުރަތަމަ ފަހަރެވެ. ޖިއާން ކޮންމެވެސް އެއްޗެއް ބުނެލިއެވެ. ނަމަވެސ ބުނި އެއްޗެއް އަފްޒަލްއަށް އެނގޭވަރެއް ނުވިއެވެ. ބޮޑަށް ޖިއާންއާއި ގާތްވެލާ ކަންފަތް ދިއްކޮއްލިއެވެ.
"އެ ފެނުނީ އަފްޒަލްއަށްތަ؟" މޫނުމަތީގައި ލަދުން ދެ އަތްއަޅާލަމުން ޖިއާންއަހާލިއެވެ. އަފްޒަލް ޖިއާންގެ އަތް އެމޫނުމަތިން ނެގިއެވެ. އަދި ހުރިހާ ވާހަކައެއް ޖިއާންއަށް ކިޔާދިނެވެ.
"އަހަރެން ލަދުގަނެއްޖެ. އެއީ އެ ލީންގެ ކަންތަކޭ" އަނެއްކާވެސް ޖިއާން ލަދުގަތެވެ. އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
"އޭގައި ނެތް ޖާން ލަދުގަންނަން ޖެހޭވަރުގެ އެއްވެސް ވާހަކައެއް. އެކަމަކު ދެން ދުވަހަކުވެސް ތިފަދަ ގޮތަކަށް އަހަރެން ބިރު ނުގަންނަވާތި. ތީ އަހަރެންގެ ހިތުގެ ވެރިޔާއަކީ. އަހަރެންގެ ފުރާނައަކީ. ޖާންއާއި ނުލާ އަހަރެން ކިހިނެއް ދުނިޔޭގައި އުޅޭނީ؟" އަފްޒަލް އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލޮއެވެ.
"އެހާ އަވަހަކަށް ދެން އަހަރެންގެ ފަރާތުން ސަލާމަތެއް ނުވެވޭނެ." ހިނިތުންވެލަމުން ޖިއާން ބުނެލިއެވެ. އަފްޒަލްއަށް ހިނިގަނޑެއް ޖަހާލެވުނެވެ.
"އަންހެން ކުއްޖެއް ލިބުނީ. އެހެންވީމަ ޖީހާން. އަދި އެނގޭތަ ބޭބީ ވައްތަރީ ކާކާކަން؟ އަހަންނާ. ހަމަ ހީވަނީ އަހަރެންގެ މިނީ ވާރޝަންއެއް ހެން" ބުމަ އަރުވާލަމުން އަފްޒަލް ވާހަކަ ދެއްކިއެވެ. އަދި މަޑުމަޑުން ގޮނޑިން ތެދުވެގެން ގޮސް ކުޑަ ދަރިފުޅު ނަގާ ޖިއާން ގާތުގައި ބާއްވާލިއެވެ.
"އައި ލަވް ޔޫ" ޖިއާން ބުނެލި ތިން ލަފްޒުން އަފްޒަލް ސިއްސައިގެންދިޔައެވެ. ވީ އުފަލެއް ބަޔާންކުރަންވެސް ދަތިވެފައި މޮޔައެއްހެން ހިނިތުންވެގެން ހުރެވުނީއެވެ.
"ޖާން ގަދަވެގެން އަވަހަށް ހިނގާ ކައިވެނި ކުރަން. އަހަންނަށް ދެން އެންމެ ފަޅި ސިކުންތަކަށްވެސް ޖާންއާއި ދުރުގައި ނުހުރެވޭނެ."
އަފްޒަލް ގުދުވެ ޖިއާންގެ ނިއްކުރިއަށް ބޮސްދެމުން ޖިއާން އަނެއްކާވެސް ލަދުގަންނަވާލިއެވެ.
ނިމުނީ