ޖެހެމުންދާ ރީތި ވައިރޯޅިތަކުން ކަނޑުގައި އުފެދެމުންދިޔަ ކުދި ރާޅުތަކަށް ގޯނާ ކުރަމުން، ކަފަމުން ލޯންޗު ދަތުރު ކުރަމުން ދިޔައީ ތަރިވައިދޫއަށް ވަނުމައްޓަކައެވެ. ސަތޭކައެއްހާ މީހުން އުޅޭ އެރަށަކީ ބިންބޮޑު ހިތްގައިމު ރަށެކެވެ. ރީތި ދޮންވެލި ތުނޑިއަކާއި ގަލެއްވެސް ފެންނަން ނެތްފަދަ ރީތި މޫދެއް ލިބިގެންވާ ރަށެކެވެ. އިހުޒަމާނުގައި ގިނައަދަދަކަށް މީހުން އުޅުނު ނަމަވެސް މިހާރު ގިނަ މީހުން ވަނީ ތަރައްގީވެފައިވާ އެހެން ރަށްތަކަށް ބަދަލުވެފައެވެ. ނަތީޖާއެއްގެ ގޮތުން މުޅި ރަށުގައި ގިނައީ ފަޅު ގޯތިތަކެވެ. ރާނާފައިވާ ގެތަށް ވަނީ ބިމާއި ހަމަވެފައެވެ. ފަޅުވެފައިވާ ގިނަ ގޯތިތަކުގައި ފަސްފޫޓު ހަ ފޫޓަށް ދިގު ވިނަތަށްފަޅާފައިވެއެވެ. މީހުން އުޅެނީ ކޮންމެ ކޮއްޓަކުންވެސް އެއް ގެއެއް ނުވަތަ ދެގެއެއްގައެވެ. ބައެއް ކޮށިތަކުގައި މީހުން ދިރިއުޅޭ އެންމެ ގެއެއްވެސް ނުހުންނަކަމީ ހައިރާންވާންވީ ކަމެއް ނޫނެވެ.
ރަށުގައި ހުންނަނީ އެންމެ ފިހާރައެކެވެ. ފިހާރައިން ނުލިބޭ އެއްޗެއް ނަމަ ޖެހިގެން އެއްފަޅެއްގެ ތެރޭގައިވި އެހެން ރަށްތަކުން ބޭނުންވާ ސާމާނު ގެނެވެއެވެ. އަތޮޅު ފެރީއިން ކޮންމެ ދުވަހަކުވެސް އަތޮޅުގެ ރަށްތަކަށް ދެވެއެވެ. ބަލިވެއްޖެނަމަ ދިޔުމަށް ނަމެއްގައި މަރުކަޒެއް ހުރެއެވެ. ހުރިހާ ބައްޔަކަށް ފަރުވާ ކުރުމަށް އެއް ޑޮކްޓަރާއި އެއް ނަރުސް އުޅެއެވެ. ވާރޭ ވެހޭނަމަ ފެންހިޔާ ނުވާ އެ މަރުކަޒަކީ ގިނަވަގުތު ބަންދުކޮށްފައި ހުންނަ މަރުކަޒެކެވެ. މީހަކު ބަލިވެއްޖެ ނަމަ ދުވެފައި ގޮސް ޑޮކްޓަރަށް އަންގާލާނެއެވެ. އެހިސާބުން މަރުކަޒުގެ ދޮރު ހުޅުވިގެންދާނެއެވެ. އަނެއްކޮޅުން ބޭހެއް ގަންނަންވެއްޖެ ނަމަ އަންގަންޖެހޭނީ އަވައްޓެރި އެހެން ރަށަކަށެވެ. ރަށުން އެންމެ ބޮޑުވަރަކަށްވެސް ލިބޭނީ ޕެނަޑޯލް ގުޅައަކާއި އުފަމޯލް ގުޅައެކެވެ. އެވެސް އެސްޓީއޯ ރޭޓުންނެވެ.
ރަށުގެ ފުއްޓަރު ފަރާތުން އަތިރިމައްޗާއި ދިމާލުގައި ފެންނަން ހުންނާނީ ރަށުގެ މިސްކިތެވެ. އެއީ މީގެ އެތަކެއް އަހަރެއް ކުރިއްސުރެވެސް ހުންނަ މިސްކިތެކެވެ. މިސްކިތުގެ ހާލަކީވެސް ހަމަ މަރުކަޒުގެ ހާލެވެ. ވާރޭ ވެހޭނަމަ ނަމާދަށް ތިބެންޖެހޭނީ ތެމިގެންނެވެ. އަމިއްލަ ބައެއް ފަރުދުން ތަކުރާރުކޮށް އެ ތަންތަން މަރާމާތުކޮށް ރަށުގެ މިސްކިތް ރަނގަޅު ކޮށްދިނުމަށް ވަނީ އެދިފައެވެ. ނަމަވެސް ސަތޭކައެއްހާ މީހުން ދިރިއުޅޭ ރަށުގެ މިސްކިތް މަރާމާތު ކުރުމަށްވުރެ ކުރަން މުހިއްމު އެހެން ކަންނަން ކޮންމެ ސަރުކާރެއްގެވެސް ހުންނަނީއެވެ.
ފަޅުވެފައިވާ ގޯތިތަކުގައި ހެދިފައިވާ ވިނަތަކާއި ގަސްތަކުގެ އިތުރުން ރަށަށް އިތުރު ފެހިކަން ގެނެސްދެނީ ރަށުގެ ބޮޑުބައެއްގައި ހެދިފައިވާ ވަލުތަކުގެ ސަބަބުންނާއި ރަށުގެ އުތުރު ފަރާތުގައި ވާ ބޮޑު ކުޅީގެ ސަބަބުންނެވެ. ތަފާތު ވައްތަރުގެ ގަސްތަށް ރަށުތެރޭގައި ހެދުނު ނަމަވެސް އެންމެ ގިނަވާނީ ދިވެހިން ނާމާން ގަސްތަކުގެ ގޮތުގައި ސިފަކުރާ ގަސްތަކެވެ. އޭގެ ތެރޭގައި ނިކަގަހާއި އާދަޔާ ހިލާފަށް ބިޔަ ކަނީރު މާގަސްހިމެނެއެވެ. ކިނބިގަހާއި ވަރުގަދަ ފުނަގަސްތަށް ހިމެނެއެވެ. ހުސްނުހީނާގަސްތަކާއި ރީތިގޮތްގޮތަށް ހެދެމުން އަންނަ ބޯގަންވިލާތަކުންނެވެ. ހަވީރުވާންވާއިރަށް ގަސްތަކުގައި ފޮޅޭ މާތަކުގެ ސަބަބުން މުޅި ރަށުތެރޭގައި ދުވަނީ މާމެލާމެލީގެ ވަހެވެ.
އިރުއޮއްސުމަށްފަހުގައި ރަށުތެރެއިން މީހަކު ހިނގާބިނގާވާ މަންޒަރަކީ ތަދު މަންޒަރެކެވެ. އޮޅިގެންވެސް ތުއްތު ކުއްޖަކު ގެއިން ނުނެރޭނެއެވެ. ބޯދާ ހިޔާލު ގެންގުޅޭ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ނަމަވެސް އޯގާތެރި ބައެއްވެސްމެއެވެ.
އިރުއޮއްސުމާއި ގާތްވެފައިވަނިކޮށް ލޯންޗު ރަށުގެ ފަޅުތެރެއަށް ވަނެވެ. ނަމަވެސް އިތުރަށް ކުރިއަށް ނުދެވޭނެތީ މަޑުކޮށްގެންތިބީ ޑިންގީއެއް އަންނަންދެންނެވެ. އެކަމަށްވެސް މާގިނައިރެއް ނުވިއެވެ. ޑިންގީގައި އައީ ރަށުގައި ދިރިއުޅޭ މެދު އުމުރުގެ ރަޝީދުއެވެ.
"އެކޮއިމެން ހާދަ ލަސްވެއްޖެޔޭ. އަވަސްކޮށްލާފައި ހިނގާ އަވަހަށް ރަށަށް އެރޭތޯ." ރަޝީދު ނާއިލްއަށް އިޝާރާތް ކުރަމުން ބުންޏެވެ. އެރޭ ނާއިލްމެން ތިބެން ހަމަޖެހިފައިވީވެސް ރަޝީދުމެން ގޭގައެވެ.
އަވަސްކުރަން ބޭނުންވިނަމަވެސް ބޭނުންވިވަރަށް އަވަހެއް ނުއެއް ކުރެވުނެވެ. ސަބަބަކަށްވީ ނާއިލްގެ ބަލި ބައްޕަ ތަސްލީމް ގޮނޑީގައި ޑިންގީއަށް ތިރިކުރަން ޖެހުމުންނެވެ. އަނެއްކޮޅުން ދެކުދިން ގޮވައިގެން ޒީނާ އެކަނި އުޅެން ޖެހުމުންވެސް ލަސްވާގޮތްވިއެވެ. ނަމަވެސް އެކަމާ ޝަކުވާ ކުރުމެއްނެތި ޒީނާ ހިތްވަރުކޮށްލިއެވެ.
ޑިންގީ ވީ އެންމެ ބޮޑަކަށް އަތިރިމައްޗާއި ގާތްކޮށްލަމުން ހާމިދު ހުރިހާ ކުދިން ފޭބުމަށް އިޝާރާތް ކޮށްލިއެވެ. އެންމެ ފުރަތަމަ ނާއިލްއާއި ހާމިދުގެ މަސައްކަތުން ތަސްލީމްބާލާ އެއްގަމަށް އެރުވިއެވެ. ތަސްލީމް ނޫނެކޭ ބުނާފަދައިން ބޯ ދެއަތަށް ހޫރަމުން ދިޔައެވެ. ފަހަރަކު ކުއްޖަކު އުރާލައިގެން ގެންގޮސް ހާމިދު ދިނީ އެއްގަމުގައި އެމީހުންގެ އިންތިޒާރުގައި ހުރި އޭނާގެ އަނބިމީހާ ސޯބިރާއާއި އަންހެން ދަރިފުޅު ސަނާއަތަށެވެ. އޭރު ނާއިލް އެހީވަމުން ދިޔައީ ޒީނާ ޑިންގީއިން ބާލުވާށެވެ. އެއް އަރިއެއްގައި ޒީނާ އިށީނުމުން އުނަގަނޑުގައި ނިކަން ލޯބިން ހިފާ އުފުއްލާލަމުން މޫދުގައި ބެހެއްޓިއެވެ. ނާއިލް ޑިންގީއިން އެއްޗެހި ބާލަން އެނބުރުނީ ޒީނާ އެއްގަމަށް އަރަން ހިނގައިގަތުމުންނެވެ.
ކުޑަ ދެކުދިންނަށް ބަލަމުން ހިނިތުންވެލި ޒީނާއަށް ބިރުން ހަޅޭއްލަވައި ގަނެވުނީ މޫދުތެރެއިން މީހަކު ޒީނާގެ ފައިގާ ބާރަށް ހިފަހައްޓާލުމުންނެވެ. އެންމެންނަށް އެއްފަހަރަކާއި ބަލާލެވުނީ ޒީނާއަށެވެ.
"ޒީ ކިހިނެއްވީ؟ ކަމެއްވީތަ؟" ދަބަހެއް ކޮނޑުގައި އަޅުވައިގެން ދުވަމުން ކަހަލަ ގޮތަކަށް ނާއިލް އައިސް ހުއްޓުނީ ޒީނާ ކައިރީގައެވެ.
"ނޫން ކަމެއް ނުވޭ. ގައު ކޮޅެއްގެ މައްޗަށް އެރުނީކަންނޭނގެ." އެންމެންގެ ނަޒަރު ޒީނާއަށް ހުއްޓިފައިވާކަން އެނގުމުން އޭނާ ޖެހިލުންވިއެވެ. ވާނީވެސް އެހެންނެވެ. މޫދުން އޭނާގެ ފައިގާ ހިފާނީ ކާކު ހެއްޔެވެ؟ އެވާނީ އޭނާއަށް ހީވިގޮތަކަށެވެ.
ގެނައި ހުރިހާ ސާމާނެއް ބަރޯއަކަށް ލައިގެން ހާމިދު ހިނގާފައި ދިޔައީ ނިކަން ބާރަށެވެ. އިރުއިރުކޮޅުން ފަސްއެނބުރި ބަލާލާ އެންމެންނަށް ހިނގުން އަވަސްކުރުމަށް އަމުރު ކުރަމުން ދިޔައެވެ. އެންމެފަހުން ޗުސް ތަޅުވަމުން އައިސް ހިތްހަމަނުޖެހުން ފާހަގަ ކުރިއެވެ.
"އަޅެ ކަލޭމެން އެންމެން ފައިގާ ހުރީ ކަސްތޮޅުއެލިފަތަ؟ ކުރިއަށް ނުގޮސްގެން ތިއުޅެނީ؟ ނިކަން ތި ހިނގުން އަވަސްކޮށްބަލަ. މިހާރުވެސް މާ ލަސްވެއްޖެ. ކުޑަކުޑަ ދެކުދިން ގޮވައިން އިރުއޮއްސޭއިރުވެސް ހެވިފައި ތިތިބެނީ ބޭރުގައި. އަވަސްކޮށްފައި އެކުދިން ދެންވެސް ގެއަށް ވަންދަން ތި ގަޔަށް ބާރުލާފައި ހިނގަންވެއްޖެއެއްނު" ހާމިދުގެ އަޑުބާރުވެފައި ހަރުކައްޓެވެ.
ޒީނާ ބަލާލީ ނާއިލްއަށެވެ. ޒީނާ ޖެހިލުންވެފައި ހުރި ތަން ފެނުމުން ނާއިލް ހިނިތުންވެލާ ޒީނާގެ އަތުގައި ހިފާލިއެވެ. އޭރު ސަނާއާއި ސޯބިރާ ދެފަޔަށް ބާރުލަމުން ކުޑަދެކުދިން ގޮވައިގެން އަވަސް ފިޔަވަޅުތަކެއް ނަގަމުން ދިޔައެވެ.
ހާމިދުމެން ގެއަކީ އާދައިގެ ގޮތަކަށް ހަދާފައިވާ ރީތިގެއެކެވެ. ބޮޑު ބިމެއްގެ މެދުގައި ގެ އެޅުމައްފަހުގައި ގޭގެ ވަށައިގެން ތަފާތު ވައްތަރުގެ މާމެލާމެލި ހައްދާފައިވިއެވެ. ގޭގެ ދޮރު ހުޅުވުމައްފަހުގައި އެންމެ ފުރަތަމަ ގެއަށް ވަނީ ހާމިދެވެ. ހާމިދު ގެއަށް ވަނީ ސަލާމް ގޮވާލުމައްފަހުގައި ގެއަށް ވަންނަމުން ކިޔާ ދުއާ ކިޔާފައެވެ. ފަހަތުން ވަތް ސޯބިރާއާއި ސަނާވެސް ދުއާކިއެވެ. އެންމެ ފަހުންވަނީ ޒީނާއާއި ނާއިލްއެވެ. އެދެމަފިރިން ވަނުމާއި އެކުގައި ބިސްމިކިޔައި ސޯބިރާ ގޭގެ ދޮރު ލައްޕާ ތަންޑުއެޅިއެވެ.
ގޭގެ ފެންޑާގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޒީނާއިށީނުމުން ނާއިލްވެސް އެންމެ ކައިރީ އިން ގޮނޑީގައި އިށީނެވެ. އޭރުވެސް ދަރިންކޮޅު ގޮވައިގެން ސޯބިރާއާއި ސަނާއުޅުނެވެ.
"މާދަމާ ގެއަށް ބަދަލުވެވޭވަރު ވާނެ. މިރޭ ދެން ހަމަޖެހިލައިގެން ވަރުބަލި ފިލުވާލާ ނިދާލާ ހަދާ. އިޝާނަމާދުން ފައިބައިގެން ސޯބިރާ ކާން ހަދާނެ. ހަދާފަ ގޮވާލާނެ." ހާމިދު އެހެން ބުނެފައި ގޮސް ކޮޓަރިއަކަށް ވަނެވެ. މާގިނަ އިރުތަކެއް ނުވެ ސޯބިރާ އައިސް އެދެމަފިރިންނަށް ތިބެންވީ ކޮޓަރި ދައްކާ ހެދިއެވެ. އަދި ނިދިފައި އޮތް ދެކުދިން އެނދުމަތީގައި ލޯތްބާއި އެކުގައި ބާއްވާލިއެވެ.
"އަހަރުމެން މިތިބީ ޖެހިގެން ތިބި ކޮޓަރީގައި. ކަމެއް ބޭނުންވިއްޔާ ގޮވާލާތި" ސޯބިރާ އޯގާތެރިކަމާއި އެކުގައި ބުންޏެވެ. އާނއެކޭ ބުނުމުގެ ގޮތުން ޒީނާ ބޯ ޖަހާލިއެވެ.
"ބިރެއް ފެނިގެންތަ ހާމިދުބެ އުޅެނީ؟" ޒީނާގޮސް ނާއިލް ގައިގާ ބައްދާލަމުން އަހާލިއެވެ.
"ނޭނގޭ. ވެދާނެ މިއީ ރަށްފުށުގެ ގޮތް ކަމަށް. އަހަރުމެންނަށް އާވާނެއެއްނު؟ އެހެން ނޫނަސް މިއަދު ޒީ ކައިރީގައި ހުރެ ހާދަވަރަކަށް މިސްވެއްޖެޔޭ" ޒީނާގެ ބޮލުގައި ޖަހާފައިވާ ހުޅި މޮހާލަމުން ނާއިލް ބުންޏެވެ.
"އެހެންތަ؟ ކިހާވަރަކަށް؟" ދިމާކުރާފާޑަކަށް ޒީނާއަހާލިއެވެ.
"ކިހާ ވަރަކަށް ކަން ބުނެދޭންވީތަ؟" ނާއިލް ޒީނާގެ ތުންފަތަށް ލޯބިކޮށްލިއެވެ.
"މަޑުކުރޭ. އެބައަންނަން ފެންވަރައިގެން" ޒީނާ މަޑުމަޑުން ނާއިލް ދުރަށް ކޮއްޕާލިއެވެ.
"އަނހަ. އަހަރެންވެސް ދާނަން" ނާއިލްވެސް ބައިވެރިވެލިއެވެ.
ދަރިންކޮޅު ނިދާފައިވާ ވަގުތަކީ އާއްމުކޮށް ހުރިހާ މަންމަމެންވެސް ގޭތެރޭގެ މަސައްކަތެއް ކޮށް، ފެންވަރާ ރީތިވާ ވަގުތެވެ. ނުވިތާކަށް ފިރިމީހާއާއި އެކުގައި ވަގުތު ހޭދަކޮށްލަންވެސް ލިބޭ ހަމައެކަނި ވަގުތެވެ.
މާގަނޑު ދޫކޮށްލައިގެން ވިސްނުމެއް ނެތި ފެންވަރަމުން ޒީނާ ދިޔައިރު ނާއިލް ފެންވަރާ ނިމިގެން ކޮޓަރިއަށް އަވަހަށް ނުކުތީ އަމާން ރޯއަޑު އިވުމުންނެވެ. ޒީނާއަށް ހަމަޖެހިލައިގެން ފެންވަރަން ފުރުސަތު ދެމުންނެވެ. އެއީ ނާއިލްގެ ނިކަން ރަނގަޅު އާދައެކެވެ. ކުދިން ބެލުމުގައި ޒީނާއަށް އެހީތެރިވުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. ބައެއް ރޭރޭ ކުދިން ނިންދަވަން ނާއިލް ހޭލާހުރެއެވެ. ޒީނާ ނިންދަވަން ބާއްވައިގެންނެވެ. ނުވަތަ ބައެއް ދުވަސްދުވަހުގެ ހެނދުނުގައި ޒީނާއަށް އިތުރަށް ނިދާލަން ފުރުސަތު ދިނުމުގެ ގޮތުން ކުދިން ފެންވަރުވާ ރީތިކޮށްވެސް ހަދަނީ ނާއިލްއެވެ.
ގޭތެރެއިން އިވެމުން ދިޔައީ ސޯބިރާއާއި ސަނާ ގުރުއާން ކިޔަވަމުން ދިޔަ އަޑެވެ. އެއީ ރީތި، އަޑުއަހާލަން ފަސޭހަ ކިޔެވުމެކެވެ. ކިޔެވުމަށް ސަމާލުކަން ދެމުންދިޔަ ޒީނާ ފެންވަރާ ނިމިގެން ގައި ހިއްކަމުން ދިޔައިރު ހައިރާންވީ އޭނާގެ ފައިގާ ހުރި ނިޝާނެއްގެ ސަބަބުންނެވެ. ހީވަނީ މީހަކު އޭނާގެ ފައިތަނބިކަށީގައި ނިކަން ބާރަށް ހިފާފައި ހުރި ހެންނެވެ. ދިގު ނިޔަފަތިތަކެއް ހަންގަނޑަށް ހެރިފައި ހުރިހެންނެވެ. އެއީ މޫދުން މީހަކު ޒީނާގެ ފައިގާ ހިފި ކަމުގެ އިހުސާސް ކުރެވުނު ފައިކަމަށް ވުމަކީ އިއްތިފާގެއް ބާއެވެ؟ ނަމަވެސް އެހެން ވާނީ ކިހިނެއްބާއޭ ޒީނާގެ ހިތަށްއެރިއެވެ. ފަނޑު ހޮޅިބުރީގެ ސަބަބުން ހީވާ ހީވުމެއްކަމަށް ދެކި އަނެއްކާވެސް ޒީނާ އެކަންތައް ދޫކޮށްލީއެވެ. އިތުރަކަށް ނުވިސްނިއެވެ.
ނުނިމޭ
3 Responses
?
❤❤❤
v reethi mi vaahaka…