މިހާތަނަށް ފެނުނު އެންމެ މޮޅު ކުޅުންތެރިއަކީ މެސީ: ހަމެލްސް

މިހާތަނަށް ފެނުނު އެންމެ މޮޅު ކުޅުންތެރިއަކީ ބާސެލޯނާގެ ލިއޮނަލް މެސީކަމަށް ޑޯޓުމުންޑަށް ކުޅެމުން އަންނަ މެޓްސް ހަމެލްސް ބުނެފިއެވެ.

ހަމެލްސް މިހެން ބުނެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑޯޓުމުންޑާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި މެސީގެ ފަރާތުން ފެނުނު ކުޅުމަށް ތަޢުރީފުކުރަމުންނެވެ. ކޭމްޕްނޯގައި ރޭގައި ކުޅެވުނު މެޗު 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފައިވާއިރު، މިމޮޅާއެކު ބާސެލޯނާވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފައެވެ.

ރޭގެ މެޗުގައި މެސީ އެއްލަނޑު ކާމިޔާބުކޮށްފައިވާއިރު ބާސެލޯނާގެ އަނެއް ދެލަނޑުވެސް ޖަހާފައިވަނީ މެސީގެ އެހީތެރިކަމާއެކުގައެވެ. ބާސެލޯނާގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ގްރިޒްމަން އަދި ސުއަރޭޒްއެވެ.

ރޭގެ މެޗަކީ ބާސެލޯނާއަށް މެސީ ކުޅެދިން 700 ވަނަ މެޗެވެ. މި 700 މެޗުން 613 މެސީ ބާސެލޯނާއަށް ކާމިޔާބުކޮށްދީފައިވެއެވެ. ރޭގެ މެޗުގައި މެސީ ކާމިޔާބުކޮށްދިން ލަނޑާއެކު އޭނާވަނީ ޗެމްޕިއަންސް ލީގުގައި ވާދަކުރި ތަފާތު 34 ޓީމަކާއި ދެކޮޅަށް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިލިސްޓްގެ ދެވަނާގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރައުލް ގޮންޒަލޭސް ހިމެނޭއިރު، އެދެކުޅުންތެރިންވަނީ ޗެމްޕިއަންސް ލީގުގައި ތަފާތު 33 ޓީމަކާއި ދެކޮޅަށް ލަނޑު ޖަހާފައެވެ.

"މެސީއަކީ އަހަރެން ދުން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ." ޑޯޓުމުންޑްގެ ހަމެލްސް ބުންޏެވެ.

މީގެއިތުރުން ހަމެލްސް ބުނީ، ރޭގެ މެޗުގައި ބާސެލޯނާ ބަލިކުރެވޭފަދަ ކުޅުމެއް ޑޯޓުމުންޑަށް ކުޅެވިފައިނުވާކަމަށާއި، މުޅި މެޗުގައިވެސް އެމީހުންނަށް އުފެއްދިފައިވަނީ ހަތަރު ވަރަކަށް ހަމަލާކަމަށެވެ.

ރޭގެ މެޗުން ދަށްވެ ޑޯޓުމުންޑް ގްރޫޕް އެފް ގެ ތިންވަނައަށް ވެއްޓިފައިވާއިރު، ދެވަނާގައި އޮތް އިންޓަރ މިލާންއަށާއި ޑޯޓުމުންޑަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ