އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ތާއިދު ކުރައްވާނީ ހަމަ އެކަނި އެމްޑީޕީ ކެންޑީޑޭޓުންނަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިގޮތަށް ވިދާޅުވި، އެމްޑީޕީގެ ފަރާތުން މަޖިލީހުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ސޯލިހުގެ އިތުރުން، ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މިިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާއި، އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީ، ރައީސް މައުމޫން އަދި އަދާލަތު ޕާޓީ އާއި އަދިވެސް އެތައް ބައެއްގެ ވަރަށް ގިނަ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އެކަމެއް ހަނދާން ނުނެތޭނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
"އެހެން ނަމަވެސް މި ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިންމު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ މި ވައުދުތައް ގަބޫލުކުރާ އަދި ތާއިދު ކުރާ މީހުން. އެމްޑީޕީއަކީ ރިޔާސީ އިންތިހާބުގައި މި ވައުދުތަަކަށް ތާއިދު ކުރި ބައެއް. އެހެންކަމުން އެމްޑީޕީގެ ބައިވަރު މަޖިލީސް މެންބަރުން އެތާގައި ތިބުމަކީ މިވަގުތު މުހިންމު ކަމެއް އަޅުގަނޑަށް" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ ކެންޑިޑޭޓަކީ، އެމްޑީޕީ ކެންޑިޑޭޓް ކަަމަށާއި، އެއީ އެ ޕާޓީގެ އަމާޒު ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ސާފު ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ ކެންޑިޑޭޓަކީ ކާކުން. އެމްޑީޕީގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓު. އެ ނޫން ކެންޑިޑޭޓެއް ނެތް" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ވެރިކަމެއް ހުއްޓުމަކަށް ގެނެވޭނެ ބާރެއް ކަމަށެވެ. އަދި ވެރިކަމެއް ހުއްޓިއްޖެކަމުގައި ވާނަމަ ވައުދުތައް ފުއްދޭނެ ގޮތެއްވެސް ނޯންނާނެ ކަމަސް ސޯލިހު ވިދާޅުވިއެވެ.
"އެހެންވެ އަޅުގަނޑު މި ދަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއަށް އޮންނަން ޖެހޭނެއޭ" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީއަކީ ކެމްޕޭން ކުރަން ދަންނަ ބައެއް ކަމަށާއި، އިންތިހާބެއް ކާމިޔާބު ކުރަންވެސް އެނގޭ ބައެއް ކަމަށެވެ. އަދި އެމްޑީޕީގެ އެޖެންޑާ 19ގެ ކެމްޕޭން ތަރުތީބުވެގެން ދާނެ ގޮތް ވަރަށް ސާފް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޖިލީސް އިންތިހާބުގެ ކެމްޕޭންގައި އެމަނިކުފާނު ބައިވެރިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.





ހިޔާލު
މައުމޫން ދެންލަލަލާ ހީވިކަމެއްހެން އިންތިޚާބަށްފަހު ސަރުކާރުގައި ތިބި އެމް.ޑީ.ޕީ މީހުން ފިޔަވާ އެހެން ހުރިހާމުން ބޭރުކޮށްލާނެކަން ޔަގީން.