ރައީސް ސޯލިހު އދ ގައި | ފޮޓޯ: މިހާރު

2019 ވަނަ އަހަރު ދިވެހިންނަށް ހަތަރު ގައުމަކަށް ވިސާ ނުލައި ދަތުރުކުރެވޭގޮތަށް ހަމަޖެހުނު

ނިމިދިޔަ 2019 ވަނަ އަހަރު ދިވެހިންނަށް ހަތަރު ގައުމަކަށް ވިސާ ނުލައި ދަތުރު ކުރެވޭގޮތަށް ހަމަޖެހުނު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް އަދި މޮރޮކޯ އަށް ވިސާ ނުލައި ދަތުރު ކުރެވޭނެ އިންތިޒާމް 2019 ވަނަ އަހަރުގެ ތެރޭގައި ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް އަށް ވަނީ ވިސާ ނުލައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން ހުރިހާ ކެޓަގަރީއެއްގެ ޕާސްޕޯޓް ގެންގުޅޭ ދިވެހިންނަށް ވެސް ވިސާއާ ނުލައި 30 ދުވަހު ޔޫއޭއީގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ.

ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހަށް ތައިލެންޑަށް އެތެރެވެވޭނެ އިންތިޒާމު ތައިލެންޑް ސަރުކާރުން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ވިސާ ނުނަގައި ދިވެހިންނަށް ރަޝިޔާއަށް ޒިޔާރަތް ކުރެވޭނެ ގޮތަށް ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިސާގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ 2019 ޖުލައި 25 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ އަހަރު ޖޫން މަހު ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޓޫރިސްޓުންގެ ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރާ ދެ ގައުމުގެ ރައްޔިތުންނަށް، 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ އިންތުޒާމު ހަމަޖެހުނެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައި، މިދިޔަ މިދިޔަ ނޮވެމްބަރު މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ މޮރޮކޯ ސަރުކާރާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ދިވެހިންނަށް ލުއިފަސޭހަކޮށް އެކިޤައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް އެކި ގައުމުތަކާއިއެކު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ