ރޮނާލްޑޯ އަދި ޖުވެންޓަސް ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ސްޕޯޓްސް އިލަސްޓްރޭޓެޑް

ޔޫސީއެލް - ރޮނާލްޑޯގެ ހެޓްރިކާއެކު ނަތީޖާ އަނބުރާލައި، ޔުވެންޓަސް ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ދެވަނަ ލެގުގައި ރޭ ޖުވެންޓަސް އަދި އެތުލެޓިކޯ ބައްދަލުކުރި މެޗު ރޮނާލްޑޯގެ ހެޓްރިކާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއަށް ޖުވެންޓަސް ދަތުރުކޮށްފިއެވެ.

ސްޕެއިންގައި ކުޅެވުނު ފުރަތަމަ ލެގު އެތުލެޓިކޯ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޖުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކުރެވެންއޮތީ ދެވަނަ ލެގުގައި އެތުލެޓިކޯއަށް ލަނޑެއްޖަހަން ފުރުޞަތުނުދީ ޖުވެންޓަސް 2 ލަނޑު ޖަހައިގެންނެވެ. ރޭގެ މެޗު 3-0 ގެ ނަތީޖާއަކުން ޖުވެންޓަސް ކާމިޔާބުކުރުމާއެކު އެގްރިގޭޓުން 3-2 ކުރިލިބެނީ ޖުވެންޓަސްއަށެވެ.

ފުރަތަމަ ލެގުން މޮޅުވެފައި އޮތުމާއެކު އެތުލެޓިކޯއިން ރޭ ގެ މެޗުގައި ކުޅުނީ ވަރަށް ޑިފެންސިވް ގޭމެކެވެ. ޖުވެންޓަސް އުނދަގޫ ކުރަމުން ދިޔައީ ކައުންޓަ އެޓޭކް ތަކުގައެވެ. މުޅި މެޗުގައިވެސް އެތުލެޓިކޯއަށް އުފެއްދުނީ 5 ހަމަލާއެވެ.

ނަމަވެސް ކުއާޓާއަށް ދިއުމަށް އަމާޒު ހިފާފައިއޮތް ޖުވެންޓަސްގެ ފަރާތުން ފެނުނީ މުޅިން ތަފާތު ގޭމެކެވެ. މެޗުގެ ކަށިގަނޑުގެ އަޑާއެކު ޖުވެންޓަސްގެ ހަމަލާތައްވެސް ފެށިގެން ދިޔައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ޖުވެންޓަސްއިން ލަނޑެއްވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރްގެ އެހީގައި އެތުލެޓިކޯގެ ކީޕަރު އޯބްލަކްއަށް ރޮނާލްޑޯ ފައުލްކުރިކަމަށް ރެފްރީ ނިންމައި އެލަނޑުވަނީ ކެންސަލްކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނަޓްގައި ރޮނާލްޑޯ ބޮލުން ކާމިޔާބުކޮށްދިންއިރު ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ޖުވެންޓަސްއަށް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މެޗުގެ 43 ވަނަ މިނަޓްގައި ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ މީގެތެރޭއިން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފު ނިމެން އުޅެނިކޮށް މޮރާޓާއަށް ލިބުނު ފުރުޞަތަކީ މިމެޗުގައި އެތުލެޓިކޯއަށް ލިބުނު އެންމެ ހުސް ފުރުޞަތެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ - ފޮޓޯ: އިވްނިންގ ސްޓޭންޑާޑް

ދެވަނަ ހާފުވެސް ފެށިގެން ދިޔައީ ޖުވެންޓަސްގެ ނުރައްކާތެރި ހަމަލާތަކާއެކުއެވެ. މާގިނައިރުތަކެއްނުވެ މެޗުގެ 48 ވަނަ މިނަޓްގައި އިތުރު ލަނޑެއްޖަހައި ޖުވެންޓަސްއިން މެޗުގެ ނަތީޖާ 2-0 ށް ބަދަލުކޮށްލިއެވެ. މިލަނޑުވެސް ބޮލުން ޖަހައިދިނީ ފުރަތަމަ ލަނޑުވެސްޖެހި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިނަތީޖާއިންވެސް ކުއާޓާއަށް ދަތުރުކުރާނެ ޓީމެއް ކަށަވަރުވެގެން ނުދާއިރު ޖުވެންޓަސްގެ ހަމަލާތަކަށް ބަދަލެއް ނައިސް އެތުލެޓިކޯ ފަހަތަށް ހުއްޓުމެއްނެތި އުނދަގޫކުރަމުން ދިޔައެވެ.

ޖުވެންޓަސްގެ ވަރުގަދަ ހަމަލާތައް ހުއްޓުވަން އެތުލެޓިކޯއަށް ފައުލްކުރަން މަޖުބޫރުވިއެވެ. މެޗުގެ 56 ވަނަ މިނަޓްގައި ރަނގަޅު ހިސާބަކުން ޖުވެންޓަސްއަށް ހިލޭ ޖެހުމެއް ލިބުނުނަމަވެސް ރޮނާލްޑޯއަށް މިހިލޭ ޖެހުން ލަނޑަކަށް ނިންމާލެވޭ ގޮތެއްނުވިއެވެ. 70 ވަނަ މިނަޓްގައި އެތުލެޓިކޯ ޑިފެންޑަރުން ކަޓުވާލުމަށްފަހު ވަންނަން އުޅުނު ބޯޅަ ރޮނާލްޑޯއަށް ލިބުމުގެ ކުރިން ކީޕަރު އޯބްލަކްނެގީއެވެ.

ޖުވެންޓަސް ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ދަ ސައުތު އެފްރިކަން

73 ވަނަ މިނަޓްގައި ރޮނާލްޑޯއަށް ޖުއާންފްރަން ކުރި ފައުލާ ގުޅިގެން ލިބުނު ހިލޭޖެހުން ގޯލު ކައިރިން ބޭރަށްދިޔައީ މަންޒުކިޗު ބޮލުގައި ޖެހިފައެވެ.

މެޗުގެ 81 ވަނަ މިނަޓްގައި ޖުވެންޓަސްގެ 19 އަހަރުގެ ކީންއަށް ލިބުނު ރަނުގެ ފުރުޞަތުވަނީ ބޭކަރުކޮށްލާފައެވެ. ޖުވެންޓަސްއަށް ކުއާޓާ ޔަޤީންވެގެންދިޔައީ މެޗުގެ 86 ވަނަ މިނަޓްގައި ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ލަނޑާއެކުގައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖަހައިދިން 9 ވަނަ ހެޓްރިކެވެ.

މީގެ ކުރިން ދެފަހަރަށް ޗެމްޕިއަންސް ލީގު ހޯދާފައިވާ ޔުވެންޓަސްއަކީ ފަހަކަށް އައިސް ޗެމްޕިއަންސް ލީގަށް އެންމެ ބޮޑަށް ވާދަކުރާ އެއް ކްލަބެވެ. މިދިޔަ ފަސް އަހަރު ތެރޭ ޔުވެންޓަސްއިން ދެ ފަހަރަށް ފައިނަލް ކުުޅެފައިވާ އިރު، ދެ ފައިނަލުންވެސް ބަލިވީ ސްޕެއިން ޓީމުތަކުގެ އަތް ދަށުވެގެންނެވެ. މީގެ ކުރިން، 2014 ވަނަ އަހަރު ބާސާ އަތުން ފައިނަލްގައި ބަލިވި އިރު، 2017 ވަނަ އަހަރުގެ ފައިނަލްއިން ޔުވެންޓަސް ބަލިވީ ރެއާލް މެޑްރިޑް އަތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ