އެއީ ބިޔަކަމާއި ބޮޑުކަމާއި އާބާދީގެ ގޮތުންވެސް ލިސްޓުގެ އެއްވަނައިން ޖާގަ ހޯދާފައިވާ 1.42 ބިލިއަން މީހުން އުޅޭ ޗައިނާއެވެ.
ދެމިލިއަން މުސްލިމުން އެއްވެސް ޙައްޤަކާނުލާ ހައްޔަރުކޮށް، އެކިޒާތްޒާތުގެ ލާއިންސާނީ އަނިޔާދެނީއެވެ.
މުސްލިމުން އިހާނެތިކޮށް މަރަނީއެވެ. ބަރަކާތްތެރި ރަމަޟާންމަހުވެސް ރޯދަ ހިފާތީ އަނިޔާކޮށް ކަރަށް ގަދަކަމުން ރާއަޅަނީއެވެ. މުސްލިމުންނަށްވީތީ ކުދިޅަދަރިން ކަތިލާ، ސުޕް ކައްކައިގެންވެސް ބޮނީއެވެ. ރޯދަ ހިފާކަމަށް ޝައްކުވިޔަސް ތަޅާ އަނިޔާކުރަނީއެވެ. މުސްލިމުންގެ ދަރިން ފޭރި ހިތުގަ ޖައްސަނީއެވެ. ފިރިމީހާ ހައްޔަރުކޮށްފަ، އޭނާގެ ކުރިމަތީ އަނބިމީހާގެ އިއްފަތް ނުރުހުމުގައި ފޭރެނީއެވެ.
މިސްކިތްތައް ބަންދުކޮށް، މިސްކިތުގައި ޗައިނާ ކާފަރުން ލަވަ ޖަހައިގެން ނަށަނީއެވެ. މުސްލިމު އުޚްތުންގެ ފޭރާން ބާލުވަނީއެވެ. މަގުމަތީ ހިގާފަ ދާ އުޚުތުން ލާފަ ހުންނަ އަބާޔާ ކަތުރުން ފޫކޮޅު ނިވާނުވާވަރަށް ކަފާލަނީ ރޯމާދުވާލު، އެންމެންކުރިމަތީއެވެ. ގަދަކަމުން ބުރުގާ ނަގަނީއެވެ. ނިޤާބް އެއްލާލަނީއެވެ. އެމީހުން އަޅުކަންކުރާ ބުދަށް މުސްލިމު ކުޑަކުދިން ލައްވާ މަޖުބޫރުކޮށްގެން ސަޖިދަ ޖައްސުވަނީއެވެ.
މިފަދަ އެތައް އަނިޔާއެއް މުސްލިމުންނަށް ދޭތާ އެތައް އަހަރުތަކެއްވެއްޖެއެވެ. އެއްވެސް ހައްޤުން ކަމަކާނުލައެވެ.
ތަޢުހީދުގެ ކަލިމަ ދުލުން ކިޔާތީއެވެ. ﷲއަށް އަޅުކަން ކުރާތީއެވެ. އެހެނަސް އެ މަންޒަރު ދެކޭނެ ލޮލެއް، އިވޭނެ އަހާނެ ކަންފަތެއް، އެކަމާ ދެކޮޅަށް ބަހެެއް ބުނެލާނެ އަނގައެއް ނުފެނުނެވެ. މުޅިދުނިޔެ އޮތީ ޗައިނާ ކުރިމަތީ މަންމަންވެ، ބީރުވެ ކަނުވެފައެވެ. އެންމެފަހުން ނުވިތާކަށް ހަތް އުޑުމަތިން ބާވާލައްވާ ޤިޔާމަތާއި ހިސާބަށް ރައްކާތެރިކުރައްވާނެކަމަށް ﷲ ވަޢުދުކުރައްވާފައިވާ ކީރިތި ޤުރުޢާން އެމީހުން ބޭނުންގޮތަށް ބަދަލުކުރާނެކަމަށްވެސް ބުނެ ﷲ އާ ޗެލެންޖްކުރީ މިދިޔަ ޑިސެމްބަރ މަހުގެ 29ގައެވެ.
{ إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ } (الحجر: 9)
މާނައަކީ: "ހަމަކަށަވަރުން، ޤުރުއާން ބާވާލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ."
އެހެނަސް އެނަޖިސް ކާފަރުންނަށް ވުރެ ﷲ ޞުބްޙާނަހޫ ވަޠަޢާލާގެ ރޭވުން މާ މޮޅުވާނެކަން އެމީހުންނަށް ނޭނގުނެވެ.
وَمَكَرُوا۟ وَمَكَرَ ٱللَّهُۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ (3:54)
މާނައީ: "އެއުރެން (އެބަހީ: كافر ވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. اللَّه، (އެއުރެންގެ ރޭވުންތައް باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރެއްވިއެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ."
.
ނިކަންވިސްނާލަބަލާށެވެ! މީލާދީ އާއަހަރެއް ފެށިގެން ދިޔައީ މުޅި ޗައިނާއަށް ބިރުވެރިކަމެއް ފެތުރިގެންނެވެ. ނުރައްކާތެރި "ކޮރޯނާ" ވައިރަސްގެ ނަމުގައި ﷲ ޠަޢާލާގެ ކޯފާއެއް އާންމުވެ ފެތުރެން ފެށީ ބަލަބަލަ ތިއްބައެވެ. އެ ނިކަމެތި ޙާލުގައި ތިބި މުސްލިމުންގެ ދުޢާ ﷲ އިޖާބަކުރެއްވި ގޮތް ދެކެބަލާށެވެ. ޗައިނާއިން ބަންދުކުރި ކަމަށް ކިޔާތީ އިވެނީ 2 މިލިޔަން މުސްލިމުންނެވެ. ނަމަވެސް ކުރިން ނުދެކޭފަދަ ބިރުވެރި ވައިރަހެއް ފެތުރި، މަދުދުވަސްކޮޅެއް ތެރޭ 35 މިލިއަން ވުރެ ގިނަ މީހުން އަމިއްލަ ގެތަކުގައި އަމިއްލައަށް ހައްޔަރުވެތިބުމަށް ﷲ ޠަޢާލާ ތަޤުދީރުކުރެއްވި ގޮތްދެކިބަލާށެވެ!
ސުބްޙާނަ ﷲ! ލޮލަށް ނުފެންނަ ވަރު ކުޑަކުޑަ އެއްޗެއްގެ ޝިކާރައަކަށްވެ މުޅިގައުމު ހުއްޓުމަކަށް އައިސް، ހޮސްޕިޓަލްތައް މިއަދު ފުރި ބަންޑުންވަނީއެވެ. 18 މިލިޔަން މީހުންގެ ބިޔަ އާބާދީއެއް އެވަނީ ގެތަކުގައި ބަންދުވާން މަޖުބޫރުވެފައެވެ. ދަތުރުފަތުރު ކުރުން ވަނީ މަނާވެފައެވެ. މާރުކޭޓުތަކާ ފިހާރަތަކަށް ދިއުން ވަނީމަނާވެފައެވެ. ސްކޫލުތަކާއި ބޮޑެތި އޮފީސްތައް ހުޅުވުން ވަނީމަނާވެފައެވެ. އިންސާނީ ބިރުވެރި ކާރިސާއަކަށް ބަދަލުވެއްޖެއެވެ.
ބަލިފެނި މިވީ ކުޑަދުވަސްކޮޅުތެރޭ ވައިރަސް ޖެހުނު މީހުންގެ އަދަދު 1287 އަށް އަރާ، 41 މީހުން މަރުވެއްޖެއެވެ. ޗައިނާގެ އިތުރުން ތައިލޭންޑް އާއި ވިއެޓްނާމް އާއި ދެކުނު ކޮރެއާ އާއި ސިންގަޕޫރް އާއި ޓައިވާންގެ އިތުރުން އެމެރިކާ އާއި ފްރާންސް އަދި ނޭޕާލުން ވެސް ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިއްޖެއެވެ.
އެއްކަލަ ކުޑަކަކޫޖެހި ޗައިނާގެ ދަށްފައިގައި ބޮސްދެމުން ދިޔަ މުޅި ދުނިޔެ އެލާޓަށް އައިސްފިއެވެ! ބިރުވެރިކަން ވަށާލައިފިއެވެ. އެބިރުވެރިކަމުގައި އަޅުގަނޑުމެންވެސް ސިހިސިހި ތިއްބާ އިވުނީ މިދިޔަ ބުދަ ދުވަހު ރާއްޖެއައި ޗައިނާ އަންހެން ފަތުރުވެރިއެއްގެ ގައިން އެނުރައްކާތެރި ވައިރަސްއަށް ޝައްކުވެ ކަރަންޓީނުކުރިވާހަކައެވެ. އަދި ހެދި މެޑިކަލް ޓެސްޓްތަކުން އެބައްޔަށް ޕޮސިޓިވް ވީވާހަކައެވެ. ނަމަވެސް ރަސްމީ ބަހެއް އަދި ނުލިބެއެވެ. މިއަދު އަޑުއިވިގެން މިދިޔައީ އަލިއެކްސްޕްރެސްއިން ގެންނަ ޕާރިސަލް އިންވެސް އެވައިރަސް އަރާފާނެކަމަށް ބުނި އަޑެވެ. އަސްތަޤްފިރު ﷲ! ސުބްޙާނަ ﷲ! މިފުރުސަތުގައި ފާހަގަކޮށްލަން ޖެހެއެވެ. މުޅި ދުނިޔެ ސިއްސުވާލި ސާސްރޯގާގެ ފެށުންވެސް އައީ ޗައިނާއިންނެވެ.
ﷲ ޠަޢާލާގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. އެކަލާނގެއަށް ގޮންޖަހާ ދެއްކޭނީ ކޮން ބޮޑާކަމެއްހެއްޔެވެ؟ މިއީ އިބްރަތަކަށް އަޅެ ނުފުދޭތޯއެވެ؟ ބިރުވެތިވާކަށް ނުވޭތޯއެވެ؟
ޔާ ﷲ! އެބިރުވެރި، ނުރައްކާތެރި ބަލިން އަޅަމެންގެ މިކުޑަކުޑަ މުޖުތަމަޢު ސަލާމަތްކުރައްވާށި! އެންމެހާ މުސްލިމުން ސަލާމަތްކުރައްވާށި! އަޅަމެން ރައްކާތެރިކަމަށް އެދެނީ އިނބަ ﷲ ގެ ހަޟްރަތުންނެވެ.
ޔާ ﷲ! މަދުބަޔަކު ކުރާ ފާފައިން އަޅަމެންގެ މައްޗަށް ޢާންމުވެގެންވާ ކޯފާއެއް ނުފޮނުއްވާނދޭވެ! އާމީން!
ނޯޓް: މިލިޔުމަކީ އަހުނާ އޭނާގެ ފޭސްބުކް އެކައުންޓުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.




4 Responses
ޢާމީން
މުޅި ދުނިޔެ ބިރުވެރި ކަމުގަ އޮތަސް ރާއްޖެ ހާސްވާކަށް ނުޖެހޭނެޔޯ އެންމެ ފަހުންވެސް އެބުނީ.. މީކީ ހާސްވާވަރުގެ ކަމެއް ނޫނޯ.. ސިއްރުކޮށްގެން ތިބޭތި އަތަށް ގޮވަންދެން..
Aameen.. yaa Rabb
Aameen.. yaa Rabb