ދިވެހިރާއްޖެއަކީ ހިކިފަސްތަނަށްވުރެ ކަނޑުގެ ނިސްބަތް ބޮޑު ގައުމެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އުޅެމުންދަނީ ވެރިރަށް މާލޭގައެވެ. މާލޭގެ މަގެއްގެ މަތިން ހިތްހަމަ ޖެހިލައިގެން ތާކަށް ދިއުމަކީ ދަތިއުނދަގޫ ކަމެކެވެ. މާލޭގެ މަގުތައްވަނީ ވެހިކަލްތަކުން ފުރިފައެވެ. ޓުރެފިކް މައްސަލަތަކުން ތޮއްޖެހިފައެވެ.
އާމުންގެ އެންމެ ބޮޑު ޝަކުވާއަކީ ޓުރެފިކް ޕޮލިހުންގެ "ނުފޮރުއްޕާން" ބޮޑުކަމުގެ ޝަކުވާއެވެ. ދުއްވާ ސައިކަލު ތަނެއްގައި ބަހައްޓާލާއިރަށް އޮންނަނީ ސުޓިކާ ޖަހާފައެވެ. ޕާކިން ޒޯންއިން ތަންކޮޅެއް ފަސޭހަ ރަހުމަތެއްގައި ލިބެނީކީ ނޫނެވެ. ނަމަވެސް އިއްޔެ ޓުރެފިކް ޕޮލިހުން މާލޭގެ މަގުތައް މައްޗަށް ނިކުމެފައިވަނީ ދެވައްތަރެއްގެ ހަދިޔާއަކާއެކުއެވެ.
އެއް އަތުގައި ޓުރެފިކް ވައިލޭޝަން ޓިކެޓެވެ. އަނެއް އަތުގައި ގިފްޓް ވައުޗަރެވެ. މިފަހަރު ގަވާއިދާ އެއްގޮތަށް އަމަލުކުރާ ފަރާތްތައްވެސް ހުސްއަތާ ދާކަށް ނުޖެހޭނެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންސުއަރެންސް ގުޅިގެން އިއްޔެ މިވަނީ ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

އެލައިޑް އިންސުއަރެންސްގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، އެއްގަމު އުޅަނދު ދުއްވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށްތޯ ޓްރެފިކް ޕޮލިހުން ބަލައި ފާސްކުރާނެއެވެ.
އެގޮތުން އުޅަނދުގެ އަހަރީ ފީއާއި އިންސުއަރެންސާއި ރޯޑްވާދިނަސް ފުރިހަމަވެފައިވޭތޯ ބަލައި އަދި ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވެއެވެ.
މިއަދުންފެށިގެން ތިން ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ތެރެއިން، އެއްގަމު އުޅަނދުގައި ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ޤަވާއިދާ އެއްގޮތަށް އުޅަނދު ދުއްވާ ފަރާތްތަކަށް އެލައިޑް އިންސުއަރެންސްގެ ފަރާތުން ގިވްޓް ވައުޗަރއެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

ބޭނުންވާ ޓިކެޓެއް ނިންމާނީ ވެހިކަލްތައް ދުއްވާ ފަރާތްތަކުންނެވެ. އިއްޔެއިން ފެށިގެން ޓުރެފިކް ފުލުހުން މިވަނީ މާލޭގެ މަގުތަކުގައި ވެހިކަލްތައް ދުއްވާ ފަރާތްތަކަށް ދެ އިހްތިޔާރެއް ދޫކޮށްލައިފައެވެ. ބޭނުންވަނީ ޓުރެފިކް ވައިލޭޝަން ޓިކެޓެއްކަން ނުވަތަ ގިފްޓު ވައުޗަރެއްކަން ނިންމާނީ ވެހިކަލްތައް ދުއްވާ ފަރާތްތަކުންނެވެ.



