"އުޑު ކަރުނަ އަޅާލިއެވެ. ބިންގަނޑު އާހެއްގެ އަޑު އިއްވާލިއެވެ." ފަރުބަދަތައް ގިސްލަނީއެވެ. މުޅި ދުނިޔެ އަޑުން އަޑުނަގާ ރޮނީއެވެ. މުއްސަދީންގެ ފައިސާތަކުގެ ބޭނުމެއް ނެތެވެ. ރަސްރަސްކަލުންގެ ގަނޑުވަރުތަކުގެ ރައްކާތެރިކަމެއް ނެތެވެ. ޖާހާ އިއްޒަތުގެ އަގެއް ނެތެވެ. އެ ހުރިހާކަމެއްގެ އާރާއި ބާރު ކެނޑިއްޖެއެވެ. ލޮލަށް ނުފެންނަ ކުޑަ ކުޑަ ޖަރާސީމެއް މުޅި ދިނިޔޭގައި ވަކި ހިއްޕާލައި އޭގެ ވަކިތަކުގެ ޝިކާރަޔަކަށް ދުނިޔެ ހަދަނީއެވެ. ނިކަމެތި އިންސާނުން މިތިބީ އޭގެ ކުރިމަތީގައި ކުޑަކަކޫ ޖެހިފައެވެ. މުސްލިމުންނާއި އެހެން ދީންތަކުގެ އަހުލުވެރީންނެވެ.
ފާއިތުވި ޑިސެމްބަރު މަހު ޗައިނާގެ ހުބޭ ޕްރޮވިންސުން ފާޅުވި ކަމަށް ބުނާ ކޮރޯނާ ވައިރަސް ( ކޮވިޑް 19) ފުރަތަމަ ހަމަލާދިނީ އެ ސިޓީގެ އަހުލުވެރީންނަށެވެ.ވައިގެ ތެރޭގައި އެއްވެސް ގެއްލުމެއް ނުލިބި ތިން ގަޑިއިރު ދިރިއުޅެވޭ ކަމަށް ބުނާ މި ވައިރަސް ކެއްސާ ،ކިނބިހި އެޅުމުގެ ތެރެއިންނާ ،އަތުގެ ޒަރީއާއިން އެހެން ހިސާބުތަކަށް ފެތުރިގެން ދިޔައީ ހީވެސް ނުކުރާހާ ހަލުއި މިނުގައެވެ.
ދުނިޔެ ފުނަ އޮށެއްހައި ކުޑަވެފައި ވާއިރު ދަތުރު ފަތުރު ކުރުމުގެ ޒަރީއާއިން މި ވައިރަސް އެއްޤައުމުން އަނެއް ގައުމަށް ދަތުރުކުރަމުން ދިއައެވެ. އިޓަލީއާ ، އީރާން ފަދަ ގައުމުތައް އޭގެ ކުރިމަތީގައި އިސްޖަހާލަން ޖެހިއްޖެއެވެ. ފަރުވާއެއް ނުދެވި މަރުވަމުންދާ މީހުންގެ އަދަދު ދުއިސައްތައިން، ތިންސަތޭކައިން ގުނެންފަށައިފިއެވެ. ގޮތް ހުސްވެ މަރުވާ މީހުން މަރުވާން ދޫކޮށްލެވޭ ދަރަޖައަށް މި ގައުމުތަކުގެ ހާލަތު ހިނހައްޖެއެވެ.
މިފަދަ ގައުމުތަކުގެ ހާލަތު މިހެން އޮތްއިރު އެހެނިހެން ޤައުމުތައްވެސް މިވަނީ މި ނާމާންކަމާ ކުރިމަތިލާން ޖެހިފައެވެ. މުސްލިމުންގެ ޙާލަތު ވަކީންދަށެވެ. ބަލީގެ އިތުރުން މުޅި އުންމަތް ގިސްލާ ރޮމުން ދަނީއެވެ. އިބްރާހީމް އަލައިހިއްސަލާމް ގެފުޅު ބިނާކުރެއްވި ހިސާބުން ފެށިގެން އެ މާތް ގެކޮޅަށް ދުވަހަކުވެސް ނާންނަ ފަދަ ފަޅުކަމެއް ލިބިގެން ދިއައެވެ. ގޮތް ހުސްވެގެން ސަޢޫދީ ސަރުކާރުން ނަމާދު ކުރާ މީހުންނާ، ޠަވާފު ކުރާ މީހުންނަށް އެމާތް ކައުބާ ބަންދު ކުރިއެވެ. އުމްރާގެ އަޅުކަމަށް ދިއުން ވަގުތީގޮތުން ހުއްޓާލަން އެންގިއެވެ. ހަމަ އެއާއެކު އިސްލާމީ ގިނަ ޤައުމުތަކަށް އިތުރު ހިތްދަތިކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. ﷲ ގެ ގެކޮޅު ކަމުގައިވާ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމާ ހުކުރުކުރުން ހުއްޓާލަން ޖެހިއްކެއެވެ.
މިއަދު ހުރިހާ ގައުމުތަކެއް ވަނީ މިފަދަ ނިކަމެތި ހާލަތުގައެވެ. މާލީގޮތުން ފައިދާ ލިބެން ހުރި ހުރިހާ ދޮރުތަކެއް ބަންދުކޮށް އަމިއްލަ އަޅުވެތި ކަމަކަށް ދިއުމަށް މިއަދު މިވަނީ މަޖުބޫރު ވެފައެވެ. ދަތުރުފަތުރު ކުރުމާއި ، މިލިއުޅުން މަދުކޮށް، މަސައްކަތްތަކުން ދުރަށްގޮސް ، ގެތަކަށް ވަދެ ބަންދުވާން ޖެހިއްޖެއެވެ. ރަށު ބަންދުތައް ފެށިއްޖެއެވެ. ގައުމުތަށް އެ ގައުމެއްގެ ހާލަތަށް ރިޢާޔަތް ކޮށް ގައުމު ފުރަ ބަންދު ކޮށްފިއެވެ. ލަފާކުރެވޭ ގޮތުން މުޅު ދުނިޔޭގެ ދޮރުގައި ތަޅު އެޅުވި މުޅި ދުނިޔެ ފުރަ ބަންދަކާ ކުރިމަތިލާން ޖެހޭނެއެވެ. މާތް ﷲ އެންމެހާ އިންސާނުން މި ވަބާއިން ސަލާމަތް ކުރައްވާ ރައްކާތެރިކަން ދެއްވާށިއެވެ. އާމީން





ހިޔާލު
ވަރަށްވެސް ފުރިހަމަ ލިޔުމެއް