ދ. ބަނޑިދޫގައި ހުންނަ ދިރާގު އެންޓަނާއަށް ހޮނުއަޅައި އެރަށުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، ހޮނުއަޅާފައިވަނީ މިރޭ އިރާކޮޅު އެރަށުގައި ހުންނަ ދިރާގު އެންޓެނާއަށް ކަމަށާއި، މި ހާދިސާގައި ރަށުގެ އެކި ތަންތަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ހޮނުއެޅުމުގެ ސަބަބުން ދިރާގު އެންޓެނާ ކައިރީ ހުންނަ އެ ކުންފުނީގެ ހަޓްގައި ހުރި ސާމާނުތައް ހަލާކުވެ، އެރަށުން ދިރާގު ނެޓްވޯކް ކެނޑިފައިވާއިރު، އެއްގޮތަކަށްވެސް 3ޖީގެ ޚިދުމަތް ނުލިބޭ ކަމަށެވެ.
މި ހާދިސާގައި ރަށުގެ ބައެއް ގެތަކުން ކަރަންޓް ކެނޑިފައިވާއިރު، އެ ގެތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތުގައި ފެނަކަ ކޯޕަރޭޝަނުގެ ޓެކްނީޝަނުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ހޮނުއެޅުމުގެ ސަބަބުން ދިރާގު އެންޓެނާ އާއި އިންވެގެން ހުންނަ ޕޮލިސް ސްޓޭޝަނަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެެތަނުގައި ހުންނަ ބައެއް ނެޓްވޯކް ސާމާނު ހަލާކުވެފައިވާއިރު، ސިސްޓަމް ހަރުކޮށްފައިހުރި ފާރުގެ ސިމެންތިގަނޑުވެސް ނެއްޓި ފާރަށް ގެއްލުންލިބިފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން ބައެއް ގޭގޭގައި ބޭނުންކުރާ އިލެކްޓްރިކް ސާމާނުތައް ހަލާކުވެފައިވާއިރު، ފެނަކަ ކޯޕަރޭޝަނުގެ އެރަށު ބްރާންޗުގައި ބޭނުންކުރާ ބައެއް ތަކެއްޗައްވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ހޮނުއަޅައި ބަނޑިދޫއަށް ގެއްލުންތަކެއް ލިބުނުއިރު، އެއަތޮޅުގައި ދަނޑުވެރިކަން ކުރާ އުއްދޫއަށް ހޮނުއަޅައި ދެމީހަކަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.




