ކޮވިޑް-19: މެޑިކަލް އިކުއިޕްމަންޓްސް އާއި އަސާސީ ބައެއް ތަކެތި ބަންގްލަދޭޝް އިން ހަދިޔާކޮށްފި

ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބޭހުގެ ބައެއް ބާވަތްތަކާއި މެޑިކަލް އިކުއިޕްމަންޓް އަދި ކެއުމަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިތަކެތި ރާއްޖެއަށް ހަވާލުކުރުމަށް މިއަދު ހެނދުނު މާލޭ ޕޯޓްގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިނާޒުކު ދަނޑިވަޅުގައި ބަންގްލަދޭޝްއިން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާއި، ޚާރިޖީ ވަޒީރު އޭ.ކޭ އަބްދުލްމޮމެންގެ އިތުރުން ބަންގްލަދޭޝް ނޭވީއަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގައި ބަންގްލަދޭޝް ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށް ވިދާޅުވެ، ބަލިޖެހިގެން ފަރުވާދޭން ޖެހިއްޖެ ޙާލަތެއްގައިވެސް އެއްވެސް ތަފާތުކުރުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ވަނީ ދެއްވާފައެވެ.\

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރާއި އަސްކަރިއްޔާ އަދި ނޭވީއިން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ފޯރުކޮށްދިން އެހީގެ އިތުރުން، ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ފޯރުކޮށްދިން އެހީތެރިކަންވެސް މިއަދު ވަނީ ފާހަގަކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ބަންގްލަދޭޝްއިން ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ޑެޒިގްނޭޓް މުހައްމަދު ނަޒްމުލް ހަސަން ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ހާލަތު ބަލަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ