އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުޞަތު ގެއްލިފައިވާ މެންޗެސްޓާ ޔުނައިޓެޑުން އެޓީމުގެ ދެކުޅުންތެރިންކަމުގައިވާ ސަންޗޭޒް އަދި ޕޮގްބާގެ މުސާރައިން ބައެއް ކަނޑަންނިންމައިފިއެވެ.
ރޭ ހަޑަލްފީލްޑާއި ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުޞަތު ޔުނައިޓެޑަށްވަނީ ގެއްލިފައެވެ.
ހަޑަލްސްފީލްޑްގައި ކުޅެވުނު މިމެޗު ފައްޓައި މާގިނައިރުތަކެއްނުވެ ޔުނައިޓެޑުން ލަނޑެއްޖަހައި ލީޑުނެގިއެވެ. 8 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ މެކްޓޮމިނޭ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. ޔުނައިޓެޑް މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާ ހަޑަލްސްފީލްޑްގެ ގޯލަށް ނުރައްކާކުރިނަމަވެސް އިތުރު ލަނޑެއް މެޗުގައި ފެނިގެންގޮސްފައެއްނުވެއެވެ. ޔުނައިޓެޑުން 23 ހަމަލާ އުފެއްދިއިރު 7 ހަމަލާ ގޯލާއި އަމާޒުވެފައިވެއެވެ. ޓަހިތު ޗޮންގެ ހޫނު ހަމަލާއެއް ހަޑަލްސްފީލްޑްގެ ކީޕަރު ދިފާޢުލުރިއިރު ޕޮގްބާގެ ހަމަލާއެއް ގޯލް ދަނޑިއާއިވަނީ އަމާޒުވެފައެވެ.
ހަޑަލްސްފީލްޑް މެޗުގެ ނަތީޖާ ހަމަކުރީ 60 ވަނަ މިނަޓްގައެވެ. އެމްބެންޒާގެ ލަނޑަކުން ޔުނައިޓެޑްއާއި ހަމަހަމަކުރި ހަޑަލްސްފީލްޑަކީ ތާވަލުގެ އެންމެ ފުލުގައި އޮތް ޓީމެވެ. ހަޑަލްސްފީލްޑަށް ލިބިފައިވަނީ އެންމެ 15 ޕޮއިންޓެވެ. އިތުރު ލަނޑެއް ޖަހަން ހަޑަލްސްފީލްޑަށް ލިބުނު ފުރުޞަތުގައި ކާލަން ގްރެންޓް ފޮނުވާލި ހަމަލާ ދިފާޢުކުރީ ޔުނައިޓެޑްގެ ކީޕަރު ޑެހެއާއެވެ.
އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ޔުނައިޓެޑަށް މޮޅެއް ލިބިފައެއްނުވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ސަންޗޭޒް އަދި ޕޮގްބާގެ ކޮންޓްރެކްޓް ހަދާފައިވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއްޖެނަމަ މުސާރަ ކަނޑާގޮތަށެވެ. ލީގުގައި ބާކީ އެއް މެޗު އޮތްއިރު ޔުނައިޓެޑް މިހާރު އޮތީ 66 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. މިނަތީޖާއާއެކު ޕޮގްބާއަށް 1.8 މިލިއަން ޕައުންޑް ގެއްލޭނެކަމަށްވެއެވެ. އަދި ހަފްތާއަކު 500،000 ޕައުންޑް ލިބެމުން އަންނަ ސަންޗޭޒްގެ މުސާރަ އަންނަ ސީޒަންގައި ހަފްތާއަކު 375،000 ޕައުންޑަށް ކުޑަކުރާނެކަމަށްވެއެވެ.
މިސީޒަންގައި ސަންޗޭޒް ޔުނައިޓެޑަށް ޖަހާދީފައިވަނީ އެންމެ ލީގު ގޯލެކެވެ. އެހެންނަމަވެސް އިތުރު ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައިވެއެވެ.
މިދެކުޅުންތެރިން ކްލަބް ދޫކޮށްލަށް އުޅޭ ވާހަކައަކީވެސް މިހާރު މީޑިއާގައި އާ ޚަބަރެއް ނޫނެވެ. ޕޮގްބާ ރެއަލްމެޑްރިޑްގެ ހުށައެޅުމަކަށް ކެތްމަދުވެފައި ހުރިކަމަށް ގިނަ ރިޕޯޓްތައް ބުނެއެވެ.




