ފީފާ 19 ގެ ވަރުގަދަ ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

ކޮއިން ގަތް މައްސަލައެއްގައި ފީފާ 19 ވަރުގަދަ ކުޅުންތެރިއެއް ސަސްޕެންޑް ކޮށްފިއެވެ.

މިސަސްޕެންޝަންއާއެކު އެކްސް ބޮކްސް ވަން ގެ ދިހަވަނާގައި އޮތް ސަޢީދު ޚާލިދުއަށް އީ ވޯލްޑް ކަޕް ގެއްލޭނެއެވެ. ސަޢީދު ޚާލިދު އެކްސް ބޮކްސް ވަންގައި މަޝްހޫރުވެފައިވަނީ "ދަރޯޔަލް" ގެ ނަމުންނެވެ.

ފީފާ ގްލޯބަލް ސީރީސް އޮފިޝަލް ރޫލްސް އަދި ކޯޑް އޮފް ކޮންޑަކްޓްއާއި ޚިލާފު ދެކުޅުންތެރިއަކު ވަނީ ސީޒަންގެ ބާކީއޮތް ބަޔަށް ސަސްޕެންޑްކުރެވިފައެވެ.

އީއޭއިން އިސްލާޙީ ފިޔަވަޅުއަޅައި ސަސްޕެންޑްކޮށްފައިވާ ސަޢީދު ޚާލިދުއަކީ އެކްސް ބޮކްސް ވަން ފީފާ ގްލޯބަލް ރޭންކިންގެ ދިހަވަނާގައި އޮތް ކުޅުންތެރިއާއެވެ. ޚާލިދުއާއެކު ދެން ސަސްޕެންޑްކުރެވިފައިވާ މޮއްސަދު "އެމްއެސް ޑޮސަރީ" އަލް ޑޮސަރީ ފީފާ އީނޭޝަންސް ކަޕްއިން ސަސްޕެންޑް ކުރެވިފައިވާއިރު ސީޒަންގައި ބާކީބައި އޭނާއަށް ނުކުޅެވޭނެއެވެ. އަހަރުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އީ ވޯލްޑްކަޕް މިދެކުޅުންތެރިންނަށްވެސް ގެއްލޭނެއެވެ.

މިދިޔަ އޭޕްރީލް މަހުވެސް އީއޭއިންވަނީ އިސްލާޙީ ފިޔަވަޅުތަކެއް އަޅާފައެވެ. އެފަހަރުވެސް ކޮއިން ގަތް މައްސަލައެއްގައި ސަސްޕެންޑްކުރެވިފައިވަނީ އީޕްރިމިއާ ލީގުގައި ޓޮޓޭންހާމް ތަމްޞީލް ކޮށްދެމުން އަންނަ ކީލެމް "ލިރިކްސް" އެޑްވާޑްސް އެވެ.

މިިދިޔައަހަރުގެ ފީފާ އީވޯލްޑްކަޕް ކުޅެވުނު ސްޓޭޖް - ފޮޓޯ: ލައިވް-ޕްރޮޑަކްޝަން ޓީވީ

އީއޭގެ މިފިޔަވަޅަށް މިގޭމް ކުޅޭ ގިނަބަޔަކުދަނީ ފާޑުކިޔަމުންނެވެ. ޕްރޯ ކުޅުންތެރިން ބުނާ ގޮތުގައި އަހަރުގެ ގިނަ މުބާރާތްތައް މިހާރު ނިމިފައިފާއިރު ސަސްޕެންޑްކުރި ކުޅުންތެރިންނަށް ހަމައެކަނި ގެއްލޭ މުބާރަތަކީ އީ ވޯލްޑްކަޕް އެކަނި ކަމަށެވެ.

އެކުޅުން ތެރިން ކޮއިން ގަނެ ބައިވެރިވި މުބާރާތްތަކުގައި ވަރުގަދަ ކުޅުންތެރިން ބަލިކޮށް މިހާ ހިސާބަށްއައިސްފައިވަނީ މަކަރު ހަދައިގެންކަމަށްވާއިރު އެކުޅުންތެރިންނާ މެދު ފިޔަވަޅުއަޅަން މިހާ ގިނަ ދުވަސް ނެގުމުން ގިނަ ކުޅުންތެރިންވަނީ ވަރަށް ހިތްހަމަނުޖެހިފައެވެ. ޚާއްސަކޮށް އެކުޅުންތެރިންނާ ބައްދަލުކޮށް ބަލިވެފައިވާ ކުޅުންތެރިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ