ކޮވިޑް-19 އާއި ގުޅޭ ޓެސްޓުތައް ހެދުމަށް ބޭނުންވާ ތަކެތި ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިނގައިފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޒިމްބާބުވޭގެ ސިއްހަތާބެހޭ ވަޒީރު ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލައިފިއެވެ.
ސިއްހަތާބެހޭ ވަޒީރު ކަފާލާތުގެ ދަށުން މިއަދު ކޯޓުން ދޫކޮށްލައިފައިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރުމަށްފަހުއެވެ. ޒިމްބާބުވޭގެ ސަރުކާރުން އެގައުމުގެ ސިއްހަތާއިވެހޭ ވަޒީރު ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުންނާއި އަދި ރައްޔިތުންގެ ގިނަ ބަޔަކު ސަރުކާރަށް ޕުރެޝަރު ކުރަން ފެށުމުންނެވެ.
ސިއްހަތާބެހޭ ވަޒީރު ހުކުރު ދުވަހު ހައްޔަރުކޮށްފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ބަޔެއް ތަކެތި ގަތުމަށް ހަންގޭރީއަށް ނިސްބަތްވާ ކުންފުންޏަކާއެކު ހެދި 20 މިލިއަން ޑޮލަރުގެ އެއްބަސްވުމަކާއި ގުޅިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ކޮންޓުރެކްޓް މި ކުންފުންޏާއެކު ހަދައިފައިވަނީ އޮންނަ އުސޫލުތައް ފުރިހަމަ ނުކޮށެވެ.
މިމައްސަލައިގައި ޒިމްބާބުވޭގެ ސަރުކާރުން އަދި ވަކިއެއްޗެއް ބުނެފައި ނުވާއިރު މިމައްސަލައިގައި ތުހުމަތުކުރެވޭ މިނިސްޓަރ މިއަދު ކޯޓަށް ހާޒިރުކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ފޯރުކޮށްފައިވާ ލަގްޒަރީ ކާރުގައެވެ.
މިއީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ތުހުމަތު ކުރެވިގެން ޒިމްބާބުވޭގެ މިހާރުގެ ސަރުކާރުގެ މިނިސްޓަރެއްގެ މައްސަލަ ބަލާ ދެވަނަ ފަހަރެވެ.




