ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުންނަށް ރޯދަ އެލަވެންސް އަދިވެސް ނުލިބޭ ކަމަށް ބައެއް މުވައްޒަފުން ބުނެފިއެވެ.
މިގޮތުން މި މުވައްޒަފުން ބުނެފައިވަނީ ރޯދަ އެލަވެންސް އަދިވެސް ނުލިބޭ ކަމަށާއި މިދިޔަ މަހުގެ މުސާރަވެސް ޖަމާވެފައިވަނީ އަންގާރަ ދުވަހު ކަމަށެވެ. ނަމަވެސް މީޑިއާއަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވެފައިވަނީ ރޯދަ އެލަވެންސް ޖަމާކޮށްފައިވާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގައި 84 މުވައްޒަފުން ވަޒީފާ އަދާކުރެއެވެ. އަދި މީގެ ތެރެއިން 40 މުވައްޒަފުން ވަޒީފާ އަދާކުރަމުންދަނީ އަތޮޅު ތެރޭގެ ރައްތަކުގައެވެ.
ދާދިފަހުން ބައެއް ކުލަބުތަކުންވެސް ވަނީ އެފްއޭއެމްގެ ހިނގުމަށް ފާޑުކިޔައި ހިނގުމުގެ ދޯދިޔާކަން ފާހަގަ ކޮށްފައެވެ.
އެފްއޭއެމްއިން ވަނީ މިއަހަރު ހަރަދު ކުރުމަށް 95 މިލިއަން ރުފިޔާގެ ބަޖެޓެއް މިދިޔަ މާޗު މަހު ފާސްކޮށްފައެވެ.




