މެސީއަކީ މިސީޒަންގެ ނަންބަރު 1 ކަމަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ ބުނެފިއެވެ.
ޔޫއެންއެފްޕީ އެވޯޑް ހަފްލާގައި އެމްބާޕޭ މިހެން ބުނެފައިވަނީ ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
މިސީޒަންގެ ބެލެންޑޯ ޙައްޤުވާ ކުޅުންތެރިއަކާއި ބެހޭ ގޮތުން އުމުރުން 20 އަހަރުގެ އެމްބާޕޭއާ ސުވާލުކުރުމުން ފަސް ޖެހުމެއްނެތިވަނީ މެސީ އޭ ބުނެފައެވެ.
" ޗެމްޕިއަންސް ލީގުން ކެޓިނަމަވެސް އެކަމުން ކުރާނެ އަސަރެއް ނޯންނާނެ. މެސީ އަކީ މިސީޒަންގެ ނަންބަރު 1 " އެމްބާޕޭ ބުންޏެވެ.
މެސީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާކަން މިސީޒަންގައި މެސީ ހާމަކޮށްދީފައިވާކަމަށްވެސް އެމްބާޕޭ ބުންޏެވެ.
ބާސާއާއެކު ލަލީގާ މެސީ ދިފާޢުކުރިއިރު ލީގުގައި 36 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. މިސީޒަން މެސީ ނިންމާލީ ލީގުގައި އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ އެއްވަނާގައި އޮވެ “ޕިޗިޗީ އެވޯޑު” އާއިއެކުގައެވެ. މިއީ މެސީއަށް ޕިޗިޗީ އެވޯޑު ލިބުނު ހަވަނަ ސީޒަންގެ އިތުރުން ޖެހިޖެހިން އެ އެވޯޑު ލިބުނުވެސް ތިންވަނަ ސީޒަނެވެ.

ފްރާންސް އާއެކު މިދިޔަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި އެމްބާޕޭއަށް އެރޭގެ ހަފްލާގައި މިސީޒަންގެ ލީގު 1 ގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑާއި ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވަނީ ލިބިފައެވެ.
އާ ޗެލެންޖެއް ނެގުމުގެ ގޮތުން އަންނަ ސީޒަނުގައި ޕީއެސްޖީ ނޫން ކްލަބަކުން ފެނުމުގެ ފުރުޞަތު އެބައޮތް ކަމަށްވެސް ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެހަފްލާގައިވަނީ ބުނެފައެވެ.
ޔޫރަޕިއަން ގޯލްޑަން ބޫޓަށް މިދެކުޅުންތެރިން ވާދަކުރަމުން އަންނައިރު އެމްބާޕޭ ލީގުގައި ވަނީ 32 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެސީވަނީ 36 ލަނޑު ކާމިޔާބުކޮށްފައެވެ. ލަލީގާ ނިމިފައިވާއިރު އެމްބާޕޭއަށް ލީގުގައި ބާކީ އަދި 1 މެޗު އެބައޮތެވެ.




