ހުޅުމާލޭގައި ބިޔަ އޮފީސް އިމާރާތެއް އަޅަން ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.
ހުޅުމާލޭގައި އަޅަން ބޭނުންވާ އޮފީސް އިމާރާތުގެ ޑިޒައިން ކޮށްދެއްވާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން އިއުލާން ކޮށްފައިވާއިރު، ހުޅުމާލޭގައި އަޅަން ސަރުކާރުން ބޭނުންވަނީ 24000 - 25000 އަކަފޫޓުގެ އޮފީސް ޢިމާރާތެކެވެ.
އެ އިމާރާތް ޑިޒައިންކޮށް އަރކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ފެބުރުވަރީ 11 ވާ ހޯމަ ދުވަހުގެ 10:00 އަށް އަމީނީމަގުގައި ހުންނަ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށްވެސް އެ މިނިސްޓަރީން ވަނީ ވިދާޅުވެފައެވެ.
25 ބުރީގެ އޮފީސް އިމާރާތެއް އެޗްޑީސީގެ ހަރަދުގައި ހުޅުމާލޭގައި ތަރައްޤީކޮށް ކުލީގެ ގޮތުގައި ސަރުކާރުން އެޗްޑީސީއަށް ފައިސާ ދައްކަން ނިމުނު ސަރުކާރުން ނިންމާފައިވެއެވެ. ނަމަވެސް މި ސަރުކާރުން އެޗްޑީސީއަށް އައްޔަންކުރެއްވި އެމްޑީ ވިދާޅުވެފައިވަނީ އެ އިމާރާތް ތަރައްޤީ ކުރައްވާނީ ސަރުކާރުން ފައިސާ ދެއްވާނަމަ ކަމަށެވެ.
ހުޅުމާލެއަކީ މާލޭގެ ތަނަވަސް އަވަށަކަށްވާއިރު، މާލެއާއި ހުޅުމާލެ ދެމެދު ބުރިޖަކުން ގުޅުވާލުމާއެކު ހުޅުމާލޭގެ އާބާދީ އެތައް ގުނައަކުން އިތުރުވަމުންދާ މި ދަނޑިވަޅުގައި ސަރުކާރުގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްޤީ ކުރުމަކީ ވަޒީފާ އަދާކުރާ ދިވެހިންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހައަކަށް ވާނެއެވެ.




