މިދިޔަ އަހަރު ފެނިގެންދިޔަ އަރްޖިތް ސިންހްގެ ހިތްގައިމު ލަވަ "ބަޑަ ޕަޗްތާއޯގޭ" ލަވައަކީ، ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ލަވައެކެވެ. މި ލަވައިގެ ރީތިކަމާއެއްވަރަށް ލަވައިގެ ވީޑިއޯވެސް ވަރަށް ގިނަ ބަޔަކަށް ކަމުދިޔައެވެ. އަރްޖިތް ސިންހް ކިޔާފައިވާ މި ލަވައިގެ ވީޑިއޯއިން، އެންމެންގެ މަޝްހޫރުކަން ހޯދާފައިވާ ނޯރާ ފަތޭހީ އާއި އެކްޓަރު ވިކީ ކޯޝަލް ފެނިގެންދިޔައިރު، މި ލަވައިގެ އަންހެން ވާޝަންއެއްވެސް، ދާފިފަހަކުން ވަނީ ރިލީޒްކޮށްފައެވެ.
"ޕަޗްތާއޯގޭ"، އަންހެން އަޑުކިޔާފައިވާ މި ލަވައިގެ ހިތްގައުމު ވީޑިއޯވެސް ނެރެފައިވާއިރު، ވީޑިއޯއިން ފެނިގެންދިޔައީ ނޯރާ ފަތޭހީ އެކަންޏެވެ. ފިރިހެން ވާޝަންގެ ވީޑިއޯ ލަވަޔާއި ހިލާފަށް މި ލަވައިގެ ވީޑިއޯ ވަރަށް ތަފާތު ތީމްއަކަށް ހުށައަޅާދީފައިވާއިރު، ވީޑިއޯގެ ލައިޓިން އާއި އެޑިޓިން ލަވަ ހުށައަޅައިދީފައިވާ ގޮތަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެއެވެ.
ނަމަވެސް މީސްމީޑިއާގައި ބައެއް ފަރާތްތަކުން، މި ލަވައިގެ ވީޑިއޯ ވަނީ، 2018 ވަނަ އަހަރު އިނގިރޭސި ލަވަކިޔުންތެރިޔާ ބިޔޯންސޭ ރިލީޒްކުރި "މައިން"ގެ ވީޑިއޯ ލަވަ ކޮޕީކޮށްފައި ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ. މި ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ ނޯރާ ފެތޭހީ އަށެވެ.
ހަޤީގަތުގައި "ޕަޗްތާއޯގޭ"ގެ ވީޑިއޯލަވައާއި، ބިޔޯންސޭގެ "މައިން" ގެ ވީޑިއޯ ލަވައިގެ ތީމް އާއި އަދި ނޯރާ އާއި ބިޔޯންސޭ ލަވައިގައި ލާފައިވާ ބައެއް ކޮސްޓިއުމްތައް ވަރަށްވެސް އެއްގޮތެވެ. އެގޮތުން މި ދެ ލަވައިގެ ފެށޭމަންޒަރުގައި، މި ދެ ފަންނާނުންވެސް ފެނިގެންދިޔައީ ހުދުކުލައިގެ ތިރިއަށް އެލިފައިވާ ބޮޑު ހެދުމެއްގައެވެ. އަދި މި ދެ ލަވައިގެވެސް ފެށޭ މަންޒަރު ގާގްގަނޑަކަށް އެއް ތީމަކަށް ގެނެސްދީފައިވާއިރު، މަންޒަރުގެ ބެކްގްރައުންޑްގައި ހަރަކާތްތެރިވި ނެށުންތެރިންވެސް ލާފައިވާ ހެދުމުގެ ކުލައާއި މަންޒަރު ކުޅެފައިވާގޮތް ވަރަށްވެސް އެއްގޮތެވެ.
މި ފާޑުކިޔުންތައް ނޯރާއަށް އަމާޒުވުމާއެކު، ނޯރާ ބުނެފައިވަނީ، މިއީ ބިޔޯންސޭގެ "މައިން" އަށް އިންސްޕަޔާ ވެގެން ހަދާފައިވާ ލަވައެއްކަމަށެވެ. އެގޮތުން ލަވައިގެ މޫޑާއި ޑާސްސްޓެޕްތައް އެ ލަވަޔަށް އިންސްޕަޔާވެގެން ހަދާފައިވާނެކަމަށެވެ. އެހެންނަމަވެސް ލަވައިގައި ލާފައިވާ ހެދުން އިންސްޕަޔާ ވީ އޭނަގެ މަންމައަށްކަމަށް ނޯރާ ބުނެފައިވެއެވެ.
މީގެ އިތުރުން ނޯރާ ބުނީ،މި ލަވައަކީ، ބިޔޯންސޭގެ "މައިން" ގެ އިތުރުން، ބެލީ އެއިލިޝް، ޒޭން މަލިކް އަދި މެޑޯނާ ފަދަ ބޭރުގެ ޕޮޕް ސްޓާރުންނަށްވެސް އިންސްޕަޔާވެގެން ހަދާފައިވާ ލަވައެއްކަމަށެވެ. އަދި ބިޔޯންސޭގެ ލަވަ ކޮޕީ ކުރިކަމަށް ބުނެ ފާޑުކިޔުމުން، ދާދިފަހަކުން ނުކުތް ކާޑީ ބީގެ "ވެޕް" ލަވައިގެ ވީޑިއޯއަކީވެސް، ބިޔޯންސޭގެ "ހޯންޓެޑް" އާއި އެއްގޮތް ކޮންސެޕްޓެއްކަމަށް ބުނެ މިސާލުދައްކާފައިވެއެވެ. އަދި އެއީ ކޮޕީ ކުރުން ނޫންކަމަށް ބުނެފައިވެއެވެ.




