ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް 12 އަހަރާއި 12 އަހަރުންމަތީގެ އެންމެހާ ފަރާތްތައް ފޭސްމާސްކް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ވިދާޅުވެއްޖެއެވެ.
ޑަބުލިޔުއެޗްއޯގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ އުމުރުން 12 އަހަރާއި އަދި 12 އަހަރުން މަތީގެ ކުދިން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަމަލުތައް ބަހައްޓަން ޖެހޭނީ ބޮޑެތި މީހުންނެކޭ އެއްފަދައިން ކަމަށެވެ. މިގޮތުން މިއުމުރުގެ ކުދިން ބޭރަށް ނިކުމެ އުޅޭ އުޅުމުގައި ގައިދުރުކަން ނުބެހެއްޓޭނަމަ އަދި ދިރިއުޅޭ މަހައުލަކީ ކޮވިޑް-19 ފެތުރޭ ސަރަހައްދެއްނަމަ ފޭސްމާސްކް އަޅަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން އުމުރުން ހަ އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން މާސްކް އެޅުމުގައި ކޮވިޑް-19 ފެތުރޭ މިންވަރާ އެކުދިން ހައިރިސްކް މީހުންނާ ދިމާވާ ދިމާވުމަށް ރިއާޔަތް ކުރުމަށް ޑަބްލިޔުއެޗްއޯ އިން ލަފާދެއެވެ. އަދި މާސްކް އެޅުމާއި ބޭލުމުގައި ބޮޑެތިމީހުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ޑަބުލިޔުއެޗްއޯ އިން ލަފާދެއެވެ. އުމުރުން ފަސް އަހަރާއި ފަސް އަހަރުން ދަށުގެ ކުދިން އާންމު ހާލަތުގައި މާސްކް އަޅަން ނުޖެހޭކަމަށްވެސް ޑަބުލިޔުއެޗްއޯއިންވަނީ ވިދާޅުވެފައެވެ.
ތުއްތު ކުދިންގެ ފަރާތުން ކޮވިޑް-19 ފެތުރޭގޮތާއި ބެހޭގޮތުން އަދި މާބޮޑު ހޯދުންތަކެއް ހޯދިފައި ނުވިނަމަވެސް އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންގެތެރޭގައި ބަލިފެތުރެނީ އެހެނިހެން ފަރާތްތަކަކާވެސް އެއްގޮތައްކަމަށް ޑަބުލިޔުއެޗްއޯއިން ވިދާޅުވިއެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން 800،000 ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި 23 މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށްވަނީ މިބައްޔަށް ޕޮޒިޓިވުވެފައެވެ. ކޮވިޑް-19ގެ ކޭސަސް އެންމެ ގިނަ އަދަދަކަށް ރިކޯޑް ކުރެވިފައިވަނީ އެމެރިކާއާއި ބުރިޒިލްއާއި އަދި އިންޑިއާގައެވެ.




