ރައީސުލްޖުމްހޫރިއްޔާ ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޑރ. މައުސޫމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ މަޖިލީހަށް އިއްވުމަށްފަހު، ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވިކަން އިއްލާން ކުރެއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲއެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު އެ މަޤާމުން ވަކި ކުރރެއްވުމަށްފަހު ޑރ މައުސޫމް މަޤާމަށް އައްޔަން ކުރައްވާފައިވަނީ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު އެވެ.
ޑރ. މަޢުސޫމް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް ޢައްޔަންކުރުމުގެ ކުރިން ހުންނެވީ ސިންގަޕޫރަށް ރައްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ މަޤާމުގައެވެ. އަދި ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ވަނީ ފުރުއްވާފައެވެ. އަދި ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 2009 ވަނަ އަހަރު ވަނީ ޑރ. މަޢުސޫމް ފުރުއްވާފައެވެ.




