ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ- ރައީސް އޮފީސް

ސިވިލް ސަރވިސް ކޮމިޝަނަށް ހަތަރު ބޭފުޅަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފާއި، ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާޓްސް، މުޙައްމަދު ފަރުޞަތާއި، މ. ފަލްކަންގެ، މުޙައްމަދު ނާޞިހް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން ޢައްޔަންކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ 2020 އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، މި ހަތަރު ބޭފުޅުން ވެސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި ކަމަށާއި އެ މެންބަރުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި ހަތަރު ބޭފުޅުންނާއި ވަނީ ޙަވާލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ