މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހޮޅުދޫއިން ދެމީހަކުު ހައްޔަރުކޮށްފިއެވެ.
ހޮޅުދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ބޭނުންކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.
ފެބުރުވަރީ 06 ވަނަ ދުވަހުގެ 19:14 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހޮޅުދޫގެ ގެއެއް، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ވަނީ ފެނިފައިވެއެވެ.
މި މައްސަލަ ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރައް ތަޙުޤީޤު ކުރަމުންނެވެ.




