އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކަނެޓިކަޓްގައި ކުއްތާއެއް ސަލާމްތްކުރަން ކަޅު ބެއާއަކަށް ބަޑިޖަހާ މަރާލި މީހަކަށް ދައުވާކުރަން ނިންމާފައިވާ ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ބުނެފައި ވެއެވެ.
އުމުރުން 26 އަހަރުގެ ވިލިއަމްސް އޯކޮނާ ކޯޓަށް ހާޒިރުވާން އަންގާރަ ދުވަހު އަންގާފައި ވަނީ އޭނާގެ ކުއްތާ، ބެއާ އާއި ބެއާގެ ކުޑަ ދެ ބެއާ އާ ދިމާލަށް ދުއްވައިގަތުމުން ބަޑި ޖަހެހުމުގެ ސަބަބުންނެވެ.
ބެއާ މަރުވެފައި ވަނީ އޭގެ މެޔަށް ބަޑީގެ ވަޒަން އެރުމުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
އޯކޮނާ ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ ގަވާއިދާއި ހިލާފަށް ބެއާ މަރާލުމުގެ ސަބަބުންނެވެ. މިއީ 500 ޑޮލަރުން ޖޫރިމަނާކޮށް 30 ދުވަހުގެ ޖަލު ހުކުމެއް އަންނަ ކަމެކެވެ.
އެ ސްޓޭޓްގެ އޮފިޝަލުން ބުނެފައިވަނީ، ގާތްތަޑަކަށް 800 އެއްހާ ކަޅު ބެއާ އެ ސަރަހައްދުގައި އުޅޭ ކަމަށެވެ. އަދި ބެއާގެ އާބާދީ މަދު ކުރާނީ ކިހިނެއްތޯ ވާހަކަ ދައްކަމުންދާ ކަމަށާއި އެގޮތުން ޝިކާރަ ކުރުމަށް ހުއްދަ ދޭނީތޯ ވެސް ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މި އަދަދު 3،000 އަށް ވުރެ މައްޗަށް އަރައިގެން ހިނގައިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިއަހަރު ކަނެޓިކަޓްގެ 42 ގެޔަކަށް ކަޅު ބެއާ ވަނީ ވަދެފައެވެ. ނަމަވެސް މިދިޔަ އަހަރު ވަދެފައިވަނީ 21 ގެޔަކަށެވެ.




