ހުއްޓިފައިވާ މަަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރަނީ އުސޫލުގެތެރެއިން، ގެއްލުން ނުވާނެގޮތަށް: ރައީސް

ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫޢުތަކުގެ އެއްބަސްވުންތައް ބާޠިލުކޮށް، އެ މަޝްރޫޢުތައް އެހެން ކުންފުނިތަކާ ހަވާލުކުރަނީ އުސޫލުގެ ތެރެއިން ދައުލަތަށް ގެއްލުން ނުވާނެގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅު ފީވަކަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުއްޓިފައިވާ މަޝްރޫޢުތައް އެހެން ކުންފުނިތަކާ ހަވާލުކުރަނީ ދައުލަތަށް އިތުރު ޚަރަދެއް ނުވާނެ ގޮތަށްކަމަށެވެ.

ފީވަކުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، 136 ގޯތި ދޫކޮށްފައިވާ ސަރަހައްދަކީ ޗަކަ ސަރަހައްދަކަށްވާތީ، އެ ސަރަހައްދު ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަށް ފަސްއެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާނެކަމަށެވެ.

"މިރަށުގެ ތަރައްޤީގެ ދުވެލީގައި އިތުރު ހަލުވިކަމެއް ގެނެސްދީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދީ އަދިވެސް ބޭނުންވާ ކަންކަން ކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފަށާފައިވާ އައު މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކުރުމަށްޓަކައި މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

600 މީހުންގެ އާބާދީއެއް އޮންނަ ފީވަކަކީ 80 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ. ނަމަވެސް ރަށުގެ ބޮޑުބައެއް ޗަކަ ސަރަހައްދަކަށްވުމާއެކު، ގޯތި ދޫކުރުމަށްފަހުވެސް އެ ސަރަހައްދުތަކުގައި މީހުން އާބާދުކުރުމަށް ދަތިތަކެއް ދިމާވެފައިވާކަން ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ