ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް

މިއީ މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް އިހުސާސްވެގެން ދިޔަ ދަނޑިވަޅެއް: ނައިބު ރައީސް

ކޮވިޑް-19 ގެ މި ހާލަތީ މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް އިހުސާސްވެގެން ދިޔަ ދަނޑިވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވުނު ހެލްތު އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީ (އެޗް.އީ.ސީ.ސީ) ގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު މެންދުރުކުރީގައި ބޭއްވި މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ދަރުބާރުގޭގައެވެ.

މި ބައްދަލުވުމުގައި، ކޯވިޑް-19 ގެ މިހާރުގެ ހާލަތުގެ ރާއްޖޭގެ އެންމެ ފަހުގެ މަޢުލޫމާތު ކޮމިޓީގެ މެންބަރުން ރައިސޫލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ. އަދި، މަސައްކަތްތައް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ފާހަގަކޮށްލެވޭ ކަންކަމާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވެވި ކަންތައްތަކުގައި ކުރިއަށްދާނެ ގޮތުގެ އިރުޝާދު ދެއްވާފައެވެ.

މީގެ ތެރޭގައި ވިޔަފާރިތައް އިންސްޕެކްޓްކުރުމާއި، ބޭނުންވާ ބައެއް ވަޞީލަތްތައް ހޯދުމުގެ އިތުރުން މިހާރުގެ ހާލަތުން އަރައިގަތުމަށް ބައެއް ލުއިތައް ދިނުމުގައި، އަދި އަލުން ފަތުރުވެރިކަން ހުޅުވާލައިގެން ކުރިއަށް ދިޔުމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ މި ހާލަތަކީ މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް އިހުސާސްވެގެން ދިޔަ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ވެސް ތަޢުލީމު ކުރިއަރުވައި މީހުން ބިނާކުރުންކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެ މަނިކުފާނު ވަނީ މިއަދު ފާހަގަކުރަމުން މިދާ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ބޭފުޅުންނާއި އެ މަނިކުފާނު އަމިއްލަ ނަންފުޅުގައި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ