މިއަހަރުގެ ޤައުމީ އިނާމު ދިނުން ފަސްކުރައްވައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދަޅުވެފައި ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މިއަހަރު ދެއްވުން ފަސްކުރައްވައިފިކަމަށެވެ.
ޤައުމި އިނާމު ދިނުން ފަސްކުރައްވާފައި މިވަނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ކޯވިޑް 19 އިގެ ހާލަތާ ގުޅިގެން މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެންނެވެ.
އެގޮތުން ކޯވިޑުގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މި ޖަލްސާ ބާއްވަވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރައްވާނެ ކަމުގައި އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ޤައުމީ އިނާމަށް 94 ފޯމެއްވަނީ ހުށައަޅުއްވާފައެވެ. ޤައުމީ އިނާމު މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ މައިގަނޑު 33 ދާއިރާއަކުންނެވެ. ޤައުމީ އިނާމަށް މިއަހަރު ހުށަހެޅި 94 ފޯމު ހުށަހަޅާފައިވަނީ މިދެންނެވި 33 ދާއިރާގެ ތެރެއިން 26 ދާއިރާއަށެވެ.
ސަރުކާރުން މި އިނާމު ފުރަތަމަ ދެއްވަން ފެށްޓެވީ، ޢާންމު ޚިދުމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް، މި އިނާމު ގަވާއިދުން ދެއްވަމުން ގެންދަވާފައިވެއެވެ. 2009 ވަނަ އަހަރުން ފެށިގެން މި އިނާމު ދެއްވަމުން ގެންދަވަނީ، ޤައުމީ އިނާމުގެ ނަމުގައެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމަކީ، ޤައުމާއި މުޖުތަމަޢަށް ފައިދާހުރިގޮތެއްގައި، ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވާ އިނާމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމަކީ، އެކަށީގެންވާ މުއްދަތެއްގައި، ދެމެހެއްޓެނިވިގޮތަކަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި ފަރާތްތަކަށް ދެއްވާ އިނާމެކެވެ.




