ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ހުރިހާ ޙުކުމެއް ބާތިލް ކުރުމުން އޭނާ މިނިވަން ވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރު ދުވަހުގެ ޖަލު ހުކުމް މިއަދު ހައިކޯޓުން ބާތިލްކޮށްފި އެވެ. އެ ހުކުމް ބާތިލް ކުރުމާއެކު އަދީބު ވަނީ މިނިވަންވެފަ އެވެ. އެ ޙުކުމް ބާތިލް ކުރި ނަމަވެސް ހައިކޯޓުން ވަނީ މައްސަލަ އަލުން ބަލަން އަމުރު ކޮށްފައެވެ.
އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި އިއްވާފައި އޮތް 33 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ދެ ޙުކުމެއް ކުރިން އޮތީ ބާތިިލް ކޮށްފައެވެ.
އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް މި ހަފުތާގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ލޯންޗުކޮޅު ގޮވި މައްސަލާގައި އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
މިއަދު ހައިކޯޓުން ބާތިލް ކުރި ޙުކުމަކީ ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްޤީކުރުމުގެ ގޮތުން ޅ.މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދައްކާފައިވާ ފަސް މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކާ ޢަބްދުالله ޒިޔާތު ޙަވާލުވެފައި ވީނަމަވެސް، އެ ފައިސާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ލިބިފައި ނުވާތީއާ، އަދީބާއި، ޙާމިދު އިސްމާޢިލް (ހާމިދު ސޭޓް) އާއި ދެމީހުން ބައިވެރިވެގެން އެޗެކު ޙާމިދު އިސްމާޢީލް ޙިއްސާވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަށް 09 ޖޫން 2014 ގައި ޖަމާކޮށްފައިވާތީ އިއްވާފައި އޮތް ޙުކުމެކެވެ.
އެހެން ނަމަވެސް އަދީބު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީއެވެ.




