ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވެ އަމިއްލަފުޅަށް މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގެން ހުންނެވި، ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އިސްތިއުފާ ދެއްވައިފިއެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، އަމީން ވަނީ މިރޭގެ ވަގުތެއްގައު ރައީސް ޞޯލިހަށް އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.
އޮންލައިން ނޫސް “އަވަސް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަމީން އިސްތިއުފާ ދެއްވާފައިވަނީ، “މިވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރެއްވުމުގެ ގޮތުން” ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އަމީންގެ އިސްތިއުފާ ސިޓީއާއި ހަވާލާދެއްވައި “އަވަސް” ގައި ބުނެފައިވަނީ، މަގާމުން ދުރުކުރުމަށް “ވާންކުރާ ކުރުމަކީ” އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށާއި، އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށް” އެ ސިޓީގައި އަމީން ވިދާޅުވެފައިވާ ކަމަށެވެ.
އަމީން އިސްތިއުފާ ދެއްވިއިރު، އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާމެދު ގޮތެއް ނިންމުމަށް އިއްޔެ މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ނިންމާފައިވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނުފެންނަ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އިސްވެ ހުންނަވާ ކުރެއްވި މަސައްކަތުން 24 މެންބަރުންގެ ސޮއިއާއެކު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހަވީރު ވަނީ މަޖިލީހަށް ވައްދާފައެވެ.
"އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާ ކުރެވުނު މަޝްވަރާ އިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެންކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލު ކުރެވޭތީ މިއަދުން ފެށިގެން މިނިސްޓަ އޮފް ހެލްތުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." އަމީންގެ އިސްތިއުފާ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކޮށްފައި ވަނީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށާއި، މިކަމުގެ ތެރޭގައި އިސްދައުރެއް އަދާކުރައްވައި، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވުނީތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް އަމީންގެ އިސްތިއުފާ ސިޓިފުޅުގައި ވިދާޅުވެފައިވެއެވެ.




