ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އުފެއްދުންތެރި މަސައްކަތްތެރި ބަޔަކަށްވުމަށާއި، މުޖުތަމައަށް ރީތި މިސާލު ދައްކާ ބަޔަކަށް ޒުވާނުން ވުމަށް ރަައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލައްވާފައި ވަނީ ނެޝެނަލް އާރޓް ގެލަރީގައި ކުރިއަށްދާ "އަންވެއިލިންގ ވިޝަން 2020" އާރޓް އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުން އެންމެ ބޮޑަށް ގުޅިފައިވަނީ ޒުވާން ޖީލެއްގެ ހުނަރާއި ފަންނުވެރިކަމުގެ މައްޗަށް ކަމަށާއި، ދިވެހި ސަރުކާރުން ރާއްޖޭގެ ޒުވާނުންނަކީ ފަންނުވެރި ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ގިނަ ހޭދަތަކެއް ކުރައްވަނީ މި ސަބަބާ ހުރެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ޒުވާނުންގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ހުރިހާ ދިވެހި ޒުވާނުންނަށް އަރިސްކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްކުރައްވާ ކަމުގައި ވިދާޅުވެ، ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި މުޖުތަމަޢުގެ ކަންކަން ނިންމުމުގައި އިސް ރޯލެއް އަދާކުރާ ބަޔަކަށް ޒުވާނުން ހެދުމަށް ސަރުކާރުން ބޭނުންވާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ.
ނެޝަނަލް އާޓް ގެލެރީގައި މިމަހުގެ 23 އިން 29 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މައުރަޒު ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް ކުރެހުންތެރިންނާ ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައިވެއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީގެ ވެބްސައިޓް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައި، 2020 ވަނަ އަހަރުގެ އެންމެ އަލިގަދަ ހަތަރު ފަންނާނުންނަށް ހަނދާނީ ފިލާ އަދި ސެޓްފިކެޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.
އަންވެއިލިންގ ވިޝަންސްގެ މި އަހަރުގެ އެގްޒިބިޝަންގައި 53 އާޓިސްޓުން ވަނީ ބައިވެރިވެފައެވެ. ކޮވިޑް-19 ގެ ޙަލަތާއި ގުޅިގެން އާޓް ގެލަރީ ބަންދުކޮށްފައި އޮތުމަށްފަހު، މިއީ އާޓް ގެލަރީގައި ބާއްވާ މިފަދަ ފުރަތަމަ އެގްޒިބިޝަނެވެ. އެގްޒިބިޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 އިން ރޭގަނޑު 21:30 އަށެވެ.



