ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ކުރިޔަށް ދިޔައީ މިރޭ ހުޅުމާލޭ ހުރަވީ ސުކޫލުގައެވެ.
ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް މި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.
ހުރަވީ ދުވަހަކީ ހޮޅީން ނުވަތަ މަލާބާރިންގެކިބައިން ދިވެހި ގައުމު ސަލާމަތް ކޮށްދިން ހާދިސާގެ ޒިކުރާ އާކުރެވުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަހަށް ހުރަވީ ދުވަހުގެ ނަމުން ފާހަގަ ކުރެވެނީ މަލާބާރީންގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމުގައި އިސްވެ ޖިހާދު ކުރެއްވި ގައުމީ ބަތަލަކީ ހުރަވީ ޚާންދާނުގެ ބޭފުޅަކަށް ވާތީއެވެ.
މިދުވަސް ނިސްބަތްވެގެން ވަނީ ދޮންބަންޑާރައިން ނުވަތަ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީއަށެވެ. ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ގައި ހޮޅިން ރާއްޖެ އަރައި ތަޚްތުގައި އިންނެވި ރަދުން ހައްޔަރުކޮށް އެމީހުންގެ ބާރުގެދަށަށް ގެންދިޔަ ގެންދިޔުން ވެގެންދިޔައީ، ދިވެހިންނަށް އެތަށް ގެއްލުމެއް މެދުވެރިވިކަމެއްގެ ގޮތުގައެވެ.
ހޮޅިން މާލޭގެ ބައެއް މިސްކިތްތަކުގައާއި ބައެއް ގެތަކުގައި ރޯކޮށްހެދިއެވެ. އާންމުންގެ މުދާތައްފޭރިގަނެފައިވާއިރު، އެތަށް ބަޔެއްގެ ލޭއޮހޮރުވިއެވެ.



