އިސްލާމް ދީނަށް ކުރެވޭ ފުރައްސާރައާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެންމެހާ މުސްލިމް ލީޑަރުން އެކަތިގަނޑަކަށް ވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ގޮވާލައްވައިފިއެވެ.
އިމްރާން ހާން މުސްލިމް މެޖޯރިޓީ އޮންނަ ގައުމުތަކުގެ މުސްލިމް ލީޑަރުންނަށް މިކަމަށް ގޮވާލައްވައިފައިވަނީ ހާއްސަކޮށް ހުޅަނގުގައި އާންމުކޮށް މުޅި ދުނިޔޭގައި އިސްލާމްދީނާއި ދެކޮޅަށް އުފެދިފައިވާ ނުރައްގަޅު އޮއިވަރާއި ދެކޮޅަށް އެންމެން އެކަތިގަނޑަކަށްވެ ތިބެ މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރަމުންނެވެ.
އިމްރާން ހާން މި ސިޓީ މުސްލިމް ގައުމުތަކުގެ ވެރިންނަށް އެޑްރެސް ކޮށް މިދިޔަ ބުދަ ދުވަހު ފޮނުވައިފައިވާކަން އިމްރާން ހާންގެ އޮފީހުންވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، މި ސިޓީ ފޮނުވައިފައިވަނީ ކޮން ގައުމުތަކެއްގެ ވެރިންނަށްކަން ހާމަކޮށްފައެއް ނުވެއެވެ.
މިފަހުން ފުރާންސުގައި ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ނިސްބަތްކޮށް ކާޓޫން ކުރަހައި ހިނގަމުންދާ އަމަލުތައް ކުއްވެރިކޮށްވެސް އިމްރާން ހާންވަނީ ފުރާންސުގެ ރައީސް އިމާނުއަލް މެކްރޮންއަށް އަށްވެސް ސިޓީއެއް ފޮނުވައިފައެވެ. މި ސިޓީގައި ފުރާންސުން މިފަދަ އަމަލުތަކަށް ހިތްވަރުދޭކަމަށް ތުހުމަތު ކޮށްފައި ވެއެވެ.
ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ނިސްބަތްކޮށް ކުރުހައިފައިވާ ކާޓޫން ފުރާންސުގެ ސުކޫލް ޓީޗަރަކު އޭނާގެ ކުލާހެއްގައި ދެއްކި މައްސަލައިގައި އެމީހާއަށް ވަޅިން ހަމަލާދީ މަރާލުމާއި ގުޅިގެން ފުރާންސުގައިވަނީ އެމީހާގެ ހައްގުގައި ކަމަށްބުނެ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ކާޓޫން ކުރަހައި މުސްލިމުން ރުޅިއެރުވުމުގެ ބޮޑު ކެމްޕެއިނެއް ފެށިފައެވެ.
ފުރާންސުގެ މި އަމަލުތަކާއި ގުޅިގެން މުސްލިމް މެޖޯރިޓީ އޮއްނަ ގިނަ ގައުމުތަކަކުން އައްނަނީ ފުރާންސުގެ މުދާތައް ބޮއިކޮޓު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.



