އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު އަށް މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.
ކޮވިޑް-19 އަށް އިއްޔެ އެކަނިވެސް 49,881 މީހުން އިންޑިއާއިން ޕޮޒިޓިވުވިއިރު ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަަދަދުވަނީ 8,040,203 އަށް އަރައިފައެވެ. މިބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު އުޅެނީ 120,527 ގައެވެ.
އިންޑިއާގެ އާބާދީގައި 1.3 ބިލިއަން މީހުން ދިރިއުޅޭއިރު އިންޑިއާ ފާހަގަ ކޮށްލެވެނީ ދުނިޔެއިން ކޮވިޑް-19ގެ އަސަރު ދެވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ގައުމުގެ ގޮތުގައެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާއެވެ. އެމެރިކާއިން ކޮވިޑް-19 އަށް މިހާތަނަށްވަނީ 8.9 މިލިއަން މީހުން ޕޮޒިޓިވުވެފައެވެ.

ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު ޕޮޒިޓިވް ކޭސްތަކުގެ އަދަދުވަނީ އިންޑިއާގައި ދައްވެފައެވެ. މިހެންނަމަވެސް، ކުރިއަށް އޮތް ފިނިމޫސުމާއެކު އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއް ކޮށްފާނެ ކަމަށް ތަޖުރިބާކުރި ލަފާކުރެއެވެ.
ކޮވިޑް-19ގެ ނުރައްކާ އިންޑިއާގައި އިތުރުވެފައި ވީނަމަވެސް ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އެގައުމުން މީގެކުރިން އަޅައިފައިވާ ފިޔަވަޅުތަކަށްވަނީ ލުއިތަކެއްދީ އިގުތިސާދީ މަސައްކަތްތައް ފަށައިފައެވެ.
މިހެންނަމަވެސް އަމިއްލަ ރައްކާތެރިކަމަށްޓަކައި ގައިދުރުކަން ބެހެއްޓުމަށާއި އަމިއްލަ ސާފުތާހިރު ކަމަށް ސަމާލުވުމަށް އިންޑިއާގެ ސިއްހީ ފަރާތްތަކުން އަންނަނީ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.




