ގެމަނަފުށި އުނދޯލި، ފޮޓޯ: ކޫބެ/އަކްޝަމް އަބްދުލް ޤާދިރު

ގެމަނަފުށީ "ޒީރޯ ބީޗަށް" ނުގޮސް ވާނެތަ!؟

ކޮވިޑް-19 ގެ މި ހާލަތުގައި، ވަޒީފާ ގެއްލި އަދި ޗުއްޓީ އަށް ގިނަ ޒުވާނުން ރަށަށް ފޮނުވާލުމާއި ގުޅިގެން، އަމިއްލަ ރަށް ރީތިކޮށް ފުރިހަމަކުރުމުގައި ހިތްގައިމު މައިޒާންތަކާއި ހިތްފަސޭހަކޮށްލާނެ ބީޗްތައް ހެދުމުގައި ކުރާ މަސައްކަތަކީ މިދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށްތަކުން ފެންނަ އުފާވެރި މަންޒަރެކެވެ. އެގޮތުން ރީތި ވިލުތަކުގައި އެލުވާލާފައިވާ އުނދޯލިތަކުން ފެށިގެން ރަށުގެ ބީޗުތަކުގައި ހަދާފައިވާ ހިތްގައިމު މައިޒާންތައް ފެނި ހައިރާންކޮށްލަނީ، ހިތަށްއުފާވެރިކަން ގެނެސްދެމުންނެވެ.

އެގޮތުން މިފަހަރު މިފަދަ މަންޒަރެއް ފެނި އާޝޯހުކޮށްލީ ގއ. ގެމަނަފުށީ "ޒީރޯ ބީޗް"ގެ މޫދުގައި އެލުވާފައިވާ ހިތްގައިމު އަދި ތަފާތު އުނދޯލިފެނިއެވެ. މި މަސައްކަތަކީވެސް، ގެމަނަފުށީގެ ރަމްޒެއް ނުވަތަ ލޭންޑްމާކެއްގެ ގޮތުގައި، "ދަ ހާޓް އޮފް ގެމަނަފުށީގެ" ނަމުގައި އެ ރަށު ޒުވާނުން އިސްނަގައިގެން ކުރި މަސައްކަތެކެވެ.

ރަށުގެ ދެކުނު ފަރާތުގައި އޮންނަ "ޒީރޯ ބީޗް" ގައި ހެދި މި ހިތްގައިމު އުނދޯލި ހުޅުވުމަށް މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުން ބައިވެރިވިއިރު، ރަށުގެ ކުދި ބޮޑު އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ އުފާވެރިކަމާއި ހިނިތުންވުމުގެ ޝުއޫރޫތަކެވެ. މި ރަސްމިއްޔާތުގައި ރަށުގެ ރައްޔިތުންނާއި ގިނަ ޒުވާނުން ބައިވެރިވީ ސަޤާފީ ހެދުމުގައެވެ.

ގެމަނަފުށި އުނދޯލި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކޫބެ/އަކްޝަމް އަބްދުލް ޤާދިރު

މި  މަސައްކަތެއް ފެށިގެންއައި އިރު، މި މަސައްކަތުގައި ހަރަކާތްތެރިވި އިސް ފަރާތެއްކަމަށްވާ އަހްމަދު ނޫހް މި ނޫހަށް ބުނީ، ގެމަނަފުށީގެ މަޝްހޫރު "ޒީރޯ ބީޗް" އަކީ، މީގެ 5 އަހަރުކުރިން ރަށުގެ ޒުވާނުން އިސްނަގައިގެން ތައްޔާރުކުރި ބީޗެއް ކަމަށެވެ. އަދި މިތަނުގައި ރަށުގެ ލޭންޑްމާކެއްގެ ގޮތުގައި ރަށް ރަމްޒްކޮށްދޭނެ ހިތްގައިމު ފެންވަރުގެ އުނދޯޏެއް ހެދުމުގެ ހިޔާލު އައީ، ކޮވިޑްގެ ހާލަތާއި ގުޅިގެން ރަށުގެ ޒުވާނުންގެ ވަޒީފާ ގެއްލުމުގެ ސަބަބުން އަދި ޗުއްޓީއަށް ރަށަށް އައިސް، ރަށުގެ ބީޗުތަކުގައި ކުރިންވެސް ހަދާފައިވާ މައިޒާންތައް އަލުން ރީތި ކުރުމުގެ މަސައްކަތުގެ ތެރެއިން، އާ ކަމެއް ނުވަތަ އާ ތަނެއް ބިނާކުރުމުގެ ވިސްނުމާއެކު ކަމަށް ނޫހް ބުންޏެވެ.

ގެމަނަފުށި އުނދޯލި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކޫބެ/އަކްޝަމް އަބްދުލް ޤާދިރު

"ޒީރޯ ބީޗް"ގެ މޫދުގައި ދެ މީހުންނަށް އިށީންދެވޭގޮތަށް ހަދާފައިވާ މި އުނދޯއްޔަކީ ފޮޓޯ ނެގުމަށް ހާއްސަ ތަނެކެވެ. އެގޮތުން ރަށުގެ ނަމާއެކު " އައި ލަވް ގެމަނަފުށި" ލިޔެ އުނދޯލީގެ މަތީގައި ހަރުކޮށްފައިވާ ނަން ބޯޑާއެކު، "ޒީރޯ ބީޗް"ގެ ގުދުރަތީ މަންޒަރު ކެމެރާތަކަށް ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އަދި އުނދޯލީގައި ހަރުކޮށްފައިވާ ނަންބޯޑުން، މަތިން ތިރިއަށް ފެން ވެހޭގޮތަށް ހަދާފައިވާ ހިތްގައިމު ނިޒާމަކީ، މި އުނދޯލީގެ އެންމެ ހާއްސަ އެއްކަމެވެ.

މީގެ އިތުރުން ބީޗުގެ މޫދުގައި އެލުވާފައިވާ ދެ އުނދޯލި "ސުމެއްގެ" ބައްޓަމަށް ހަދާފައިވާއިރު، ނޫހް ބުނީ، އެއިން އެ ރަމްޒުކޮށްދެނީ، "ޒީރޯ ބީޗް" ކަމަށެވެ.

ގެމަނަފުށި އުނދޯލި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކޫބެ/އަކްޝަމް އަބްދުލް ޤާދިރު

މިއަހަރު އޯގަސްޓު މަހު ފެށި މި މަސައްކަތް ގާގްގަނޑަކަށް ދެ މަސްދުވަސްތެރޭގައި ނިއްމާލާފައިވަނީ، އެ ރަށު ޒުވާނުންގެ ބުރަ މަސައްކަތުން ކަމަށް ނޫހް ބުންޏެވެ. އެގޮތުން މި މަސައްކަތް ކުރުމުގައި އަމަލީ ގޮތުން ރަށުގެ ގިނަ ޒުވާނުންތަކެއް ބައިވެރިވެފައިވާކަން ނޫހް ފާހަގަކޮށްފައިވެއެވެ. އަދި މި މަސައްކަތަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ރަށުގެ ވަރަށް ގިނަ ފަރާތްތަކަކުން ދިންކަން ނޫހް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

ގެމަނަފުށި އުނދޯލި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކޫބެ/އަކްޝަމް އަބްދުލް ޤާދިރު

ނޫހް ބުނީ، ގެމަނަފުށީ ޒުވާނުންނަކީ އަބަދުވެސް ރަށް ކުރިއަރުވަން މަސައްކަތްކުރާނެ ބައެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ އިތުރުންވެސް، ރަށުގެ އެހެން ސަރަހައްދުތަކާއި ރަށުގެ އަތިރިތަކުގައި ރަށުގެ ރައްޔިތުން ގޮސް ހިތްފަސޭހަކޮށްލެވޭނެ ތަންތަން، ރަށުގެ ޒުވާނުން މަސައްކަތުން ހަދާފައި ހުންނާނެކަމަށް ނޫހް ފާހަގަކުރިއެވެ.

ގެމަނަފުށި އުނދޯލި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކޫބެ/އަކްޝަމް އަބްދުލް ޤާދިރު

އެހެން ރަށްރަށުގެ ޒުވާނުންވެސް ރަށުގެ އަތިރިތައް ރީތިކުރަމުންދާއިރު، ގެމަނަފުށީ ޒުވާނުންވެސް އެދެނީ، އެހެން ރަށްރަށުގެ ޒުވާނުން ރަށުގެ އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުންކަމަށް ނޫހް ބުނެފައިވެއެވެ.

އާބާދީގައި ގާތްގަނޑަކަށް ދެހާހެއްހާ މީހުން ދިރިއުޅެ ގއ.ގެމަނަފުއްޓަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރަށެކެވެ. އަދި އެ ރަށަކީ ޒަމާނުއްސުރެވެސް ވަރަށް އެކުވެރި މުޖުތަމަޢުއެއް އޮންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
116
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ