އިންސާނެއްގެ ހަޔާތުގައި އައްނަ މުހިންމު ދުވަސްތަކުގެ ތެރެއިން އަލަތު ކައިވެންޏެއް ކުރާ ދުވަހަކީ އެންމެ ހާއްސަ އެއްދުވަހެވެ. މިދުވަސް ކޮންމެ މީހަކުވެސް ކުލަ ގަދަކޮށް އަދި ތަފާތު ގޮތަކަށް ފާހަގަ ކޮށްލަން ބޭނުންވެއެވެ. މިކަމަށް ދުރާލާ ތައްޔާރުވެ އެހެނިހެން މީހުން މިފަދަ ހަފުލާތައް ބާއްވާފައިވާ ގޮތް ހޯދާ ބަލަން ފަށައެވެ.
މފަހަކަށް އައިސް ރާއްޖޭގައި ތަފާތު ބޮޑެތި ކުލަގަދަ އެތައް ކައިވެނީގެ ހަފުލާތަކެއް ބޭއްވިގެން ގޮސްފައި ވެއެވެ. މީގެން ގިނަ ކައިވެނީގެ ހަފުލާތައް ގިނަފަހަރަށް ތައްޔާރު ކޮށްފައި ހުއްނަނީ ބޭރު ކޮންމެސް ގައުމެއްގެ ސަގާފަތް ރަމްޒުކޮށްދޭ ގޮތަކަށެވެ. މަދުންނަމަވެސް، ދިވެހި ސަޤާފަތް ދައްކުވައިދޭ ކައިވެނީގެ ހަފުލާތައް ބާއްވަމުން ދިއަނަމަވެސް މިއަދު ހުޅުމާލޭގައި ކުރިއަށް ދިއައީ ވަރަށްވެސް ތަފާތު ކައިވެނީގެ ހަފުލާއެކެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މި ކައިވެނީގެ ހަފުލާ ފެނުނު ކޮންމެ މީހެއްގެ ހިތައްވެސް ވެރިވެގެންދާނީ ދިވެހި ރަސްރަސްކަލުންގެ ޒަމާނުގައި އެ ރަސްރަސްކަލުން ހާއްސަ ރަސްމިއްޔާތުތަކަށް ވަޑައިގައްނަވާ މަންޒަރެވެ. އައްސުލްތާން މުހައްމަދު ސަމްސުއްދީން ތިނެއްގެ ޒަމާނުގައި އެ ރަދުން ތުރުކުރައްވާ ހެދުންކޮޅާއި އެއްކަހަލަ ހެދުންކޮޅެއް ލައިގެން ފެއްނަން ހުރީ ކައިވެނި ކުރާ ފިރެހެން ކުއްޖާއެވެ. އިހުގެ ކަސަބު ބޯވަޅު އެޅި ރަތްލިބާސް ލާފައި ފެއްނަންހުރީ ކައިވެނި ވެވޭ އަންހެން ކުއްޖާއެވެ. އިހުގެ ރަނިކަނބަލެކޭ އެއްވެސް ތަފާތެއް ނެތެވެ.

ކައިވެނި ވެވޭ އަންހެން ކުއްޖާއަށް ކައިވެނީގެ ރަން ހަވާލުކުރުމަށް ފިރެހެން ކުއްޖާ ގޮސްފައިވަނީ ބެރުދުންމާރި ތާޅަފިލީގައި ހަތްކޮޅު ދަށުގައިހުންނަވައިގެންނެވެ. އޭރު ކައިވެނިވެވޭ އަންހެން ކުއްޖާ ހުންނަނީ ހުޅުމާލޭ ގޮނޑުދޮށް ފަރާތުގައި ހުރި އަދަރާދު ގޮޑިއެއްގައި އިށީދެލައިގެންނެވެ. ކައިރީގައި ދެ އަންހެން ކުދިން އަތު ފަންކާ ހިފައިގެން ވިހެދޭން ތިބެއެވެ. ކައިވެނީގެ ރަން ތައްޔާރު ކޮށްފައިވަނީ އިހުގެ އަޑަފިކޮޅު އަޅާ ފޮއްޓެއްގައެވެ.

މި ކައިވެނީގެ ހަފުލާގެ ސައިފޮދުވެސް ތައްޔާރުކޮށްފައިވަނީ ކުރީ ޒަމާނުގައި ބޭނުންކުރި އެކިވައްތަރުގެ ހެދިކާ ބޭނުން ކޮށްގެއްނެވެ. ސައިފޮދު ތައްޔާރު ކޮށްފައިވާ މާލަމް ތައްޔާރު ކޮށްފައިވަނީ އިހުގެ ފަން ޖިފުޑި ގެއެއްގެ ސިފައިގައެވެ. ގޭގެ ދޮރުމަތީގައި އުދޯލިކޮޅެއް އެލުވާފައި އޮވެއެވެ. މި ސައިފޮދުގައި ބޭނުންކުރި ބަޔެއް ހެދިކާތަކުގެ ތެރޭގައި މެޓާ، އުޅާލި، ފުފޭ ބޮންޑިބަތް، ދިވެހި ހަކުރު އުޅާލި، ހުއް ބޮންޑި، ރެހެ ކުބުހާ އަދި މިނޫންވެސް ތަފާތު ބާވަތްތައް ހިމެނެއެވެ.

ކައިވެނީގެ ހަފުލާ ރަސްރަނި ތީމެއްގައި ގެނެސްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަހުމަދު ނާފިއުބުނީ މިއީ މަސްދުވަހުގެ މަސައްކަތް ކަމަށެވެ. އެންމެ ގިނަ ދުވަހެއް ހޭދަވީ ކައިވެނިކުރާ ފިރެހެންކުއްޖާ ލައިގެން ހުއްނަ ހެދުން ތައްޔާރު ކުރުމަށް ކަމަށެވެ. މިހާރު ބޭއްވޭ ގިނަ ކައިވެނި ހަފުލާތަކަށްވުރެ ހަރަދު ކުޑަނަމަވެސް މިއީ މަސައްކަތް ބޮޑު ކަމެއްކަން ފާހަގަ ކުރަމުން ނާފިއުވަނީ މިމަސައްކަތުގައި ނާފިއުއެކޭ އެއްފަދައިން ބައިވެރިވި ކައިވެނިކުރި ދެފަރާތުގެ އާއިލާއަށާއި އަދި ރައްޓެހިންގެ ބުރަ މަސައްކަތަށް ތައުރީފު ކޮށްފައެވެ.




2 Responses
އުދޯލީގައި ޕްލާސްޓިކް ކުނާއަޅާތަ ދިވެހި ސަގާފަތުގަ ނޫނީ ރަސްރަސްކަލުން. ދިވެހި ކުނަލެއް ފަތުރާލަން ނޭނގުނީމަ ހަމަ ވަރަށް ކަޑަ. ސުމެއް
kihA duvahewq vAnebA