ބޯހިޔާވަހިކަން ޙައްލުވާނީ އެހެން ރަށްރަށުންވެސް ގޯތިދޭ އުސޫލުން މާލޭ ރައްޔިތުންނަށްވެސް ހިލޭ ގޯތި ދޫކޮށްގެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، ހިޔާ ފްލެޓް މަޝްރޫޢާއި ގުޅިގެން މަޖީލިހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވަމުންނެވެ. އެގޮތުން ޖާބިރު ހުށަހަޅުއްވާފައިވާ މައްސަލައަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ނިމިދިޔަ ސަރުކާރުން "ހިޔާ" މަޝްރޫއުގެ ދަށުން ހަދާފައިވާ 7000 ފްލެޓްގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީއިން ކުރީސަރުކާރުން ދޭންނިންމާފައިވާ 500 ފްލެޓްގެ ތެރެއިން 77 ފްލެޓް އުނިކޮށް މިސަރުކާރުން އުނިކޮށް ލިސްޓް ގެޒެޓްކުރި މައްސަލައެވެ.
އަދި މިލިސްޓާއ ގުޅިގެން އެތަކެއް ރައްޔިތުންގެ ޝަކުއާ ލިބެމުންދާކަމަށާއި، ބޯހިޔާވަހިކަމަކީ މާލޭގައި ދިރިއުޅެމުންދާ ހުރިޔާރައްޔިތުންގެވެސް އެންމެ ބޮޑު އެއްކަންބޮޑުވުމަށްވެފައި، މިސަރުކާރުން މިކަމަށް ހެޔޮބަދަލްތަކެއް ގެނެސްދެއްވާނެކަމަށް ވައުދުވެ، މިފަދަ ދޯހަޅި ގޮތަކަށް ކަންކަން ވެގެންދިއުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވިއެވެ. ހަމަމިފަދައިން އެހެން ކެޓަގަރީތަކުގެ ކަންކަންވެސް ދިޔަކަމުގެ ޝަކުވާބޮޑުވެފައިވާ މިދަނޑިވަޅުގައި ބޯހިޔާވަހިކަމަށް އެދެވޭ ހައްލަކަށްވާނީ އެހެން ރަށްރަށުންވެސް ގޯތިދޭ އުސޫލުން މާލޭ ރައްޔިތުންނަށްވެސް ހިލޭ ގޯތިލިބުންކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"މިކަންކަން ރަގަޅަށްބަލައި އިންސާފުވެރިކަމާއި އެކު އެބައެއްގެ ހައްޤުހޯދައި ދިނުމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލަކަށްވާނީ އެހެން ރަށްރަށުންވެސް ގޯތިދޭ އުސޫލުން މާލޭ ރައްޔިތުންނަށްވެސް ހިލޭ ގޯތިލިބުންކަމުން، ވަގުތު ސަލާމަތްކުރުމަށްޓަކައި ވަގުތުން ވަގުތަށް މިކަންކަން ހަމަޖެއްސުމަށް ދިވެހި ސަރުކާރަށް ގޮވާލަން." ޖާބިރު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައިވެއެވެ.
ހިޔާ ފްލެޓް - އެކަނިވެރި މައިންބަފައިންގެ ބައިން ފްލެޓް ލިބޭ ލިސްޓް އާންމުކޮށްފި