މިނިސްޓަރ އިމްރާން މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ބައެއް ޤައިދީންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ހައި ސެކިއުރިޓީ ޔުނިޓްތައް ބައްލަވައިލައްވައިފިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރ އާއި ކޮމިޝަނަރ ވަނީ ހައި ސެކިއުރިޓީ ޔުނިޓްތަކުގެ ކަންތައްތައް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ އާއި ކޮމިޝަނަރ ވަނީ ހައި ސެކިއުރިޓީ ގޮޅިތަކަށް ވަކި ވަކިން ޒިޔާރަތްކުރައްވައި، އެ ގޮޅިތަކުގައި ތިބި ޤައިދީންގެ ކަންބޮޑުވުންތައް އައްސަވާފައެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލު ހޯދޭނެ ގޮތްތައްވެސް ވަނީ ބައްލަވާފައެވެ.

މީގެއިތުރުންވެސް މިވަގުތު ޖަލުތަކުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް މިނިސްޓްރު އިމްރާން ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ޖަލުތައް އިސްލާހު ކުރަން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާ، ޖަލު އޮޑިޓްގެ ރެކޮމަންޑޭޝަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް މިނިސްޓަރު މީގެކުރިންވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި މިވަގުތު ހަތަރު ޖަލެއް ހުރި އިރު، ޖަލުތަކުގެ ޖާގައަކީ 1،300 މީހުން ކަމަށް ވިޔަސް، ޖަލުތަކުގައި 1،800 މީހުން އެބަތިބި ކަމަށެވެ.

އަދި ޖަލުތަކުގައި ހުރި ޖާގަތަކަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި މީހުން އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ޖަލުތަކުގެ އާބާދީ މަދު ކުރުމަށާއި އެކަށީގެންވާ ޖަލުތަކެއް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް މިނިސްޓަރު އެދުވަހު މަޖިލީހުގައި ވާހަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ޖަލުތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހޯމް މިނިސްޓްރީގައި އެދިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ