ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އައު ހެޑްކުއަރޓަރސް އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ މި ޚާއްސަ އިމާރާތަކީ، ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންނަށް މަސައްކަތުގެ ރަނގަޅު މާހައުލެއް ޤާއިމުކުރުމަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް ކަމަށް އެ ސަރވިސްއިން ފާހަގަކުރެއެވެ.
ހެޑްކުއަރޓަރސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙުސައިން ޒަރީރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި އޮފިސަރުން އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ރައީސް މުޢިއްޒު ވަނީ އިމާރާތް ހުޅުވައިދެއްވުމަށްފަހު މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، އައު ހެޑްކުއަރޓަރސްގައި ހުރި ވަސީލަތްތައް ބައްލަވާލައްވާފައެވެ.
މި އައު އޮފީސް އިމާރާތަކީ 2 ފަންގިފިލާގެ މައްޗަށް އެކުލެވޭ، ގާތްގަނޑަކަށް 12,000 އަކަފޫޓުގެ ޖާގައިގައި ޤާއިމުކުރެވިފައިވާ އިމާރާތެކެވެ. މި ހެޑްކުއަރޓަރސްގައި ކަރެކްޝަނަލް ސަރވިސްގެ މުހިންމު ގިނަ ސެކްޝަންތަކާއި ޑިވިޜަންތައް ވަނީ ޤާއިމުކުރެވިފައެވެ. އޭގެ ތެރޭގައި އޮފިސް އޮފް ދަ ކޮމިޝަނަރ، މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަން، އޮފެންޑަރ ސަރވިސް ޑިވިޜަން، ރިހެބިލޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑް، އަދި ޕެރޯލް އޮފީސް ހިމެނެއެވެ. މީގެ އިތުރުން މާލީ އަދި އިދާރީ ކަންކަން ބަލަހައްޓާ ސެކްޝަންތަކާއި، އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޜަން ވެސް މި އިމާރާތުގައި ހިމެނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް މީގެ ކުރިން ހިންގަމުން ގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގައެވެ. އެހެންކަމުން، މި ސަރވިސްގެ އަމިއްލަ ބިމެއްގައި މިފަދަ ބޮޑު ހެޑްކުއަރޓަރސްއެއް ހުޅުވިގެން ދިއުމަކީ، ޚިދުމަތްތައް ދިނުމުގައި ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ކަރެކްޝަންސްއިން ފާހަގަކުރެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން 31 ޑިސެމްބަރ 2013 ގައި އެފެއްދެވި މުއައްސަސާއެކެވެ.



