މި ސަރުކާރުން މިހާތަނަށް ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީދުވަހުގެ މުނާޞަތުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގެވެ. ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާޞަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެ މަނިކުފާނުގެ އިޚްލާޞްތެރި ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި މިހާތަނަށް ކޮށްފައިވާ ބައެއް މަސައްކަތްތަކާބެހޭ ތަފުސީލުތައް ހާމަކުރެއްވިއެވެ. އެ ގޮތުން ތިން ސަތޭކަ އެތައް މަޝްރޫޢެއް ސަރުކާރުން ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަށާފައިވާއިރު، މިއަދު ޤައުމަށް ކުރިމަތިވެފައިވާ ހާލަތާ އެކުވެސް، އޭގެ ތެރެއިން ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 156 މަޝްރޫޢެއް ފެށުމަށް މިހާރު ވެސް ތައްޔާރީތައް ވަމުން އަންނަކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.
ކޯވިޑް-19ގެ ސަބަބުން ތަޙައްމުލުކުރަން ޖެހުނު ކަންކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު ވެސް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަކަމާއި، ހަމައެހެންމެ އެ ދަތި ހާލަތުގައި ވެސް ސަރުކާރުގެ މުވައްޒަފުން މަދުކުރުން ނުވަތަ މުސާރަ ކުޑަކުރުން ފަދަ ފިޔަވަޅެއް އަޅާފައި ނުވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޯވިޑް-19 މި ވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައި ވަނީ، ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތާއި، ބަލި ކޮންޓްރޯލުކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއެކުކަން ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކަށް ޖުމްލަ ގޮތެއްގައި އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިމަގުގައި މިބަލި ރާއްޖެއިން ނައްތައިލުމުގައި ހުރިހާ ފަރާތްތަކުން އެ ގޮތުގައި މަސައްކަތްކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމުންނެވެ.




